ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމްކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަސްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރިއްކޮޅަކާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަހާޒް އަލީ ޒާހިރު ހަވާލުވެވަޑައިގަތް ކަމަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރުކުރައްވައިފިއެވެ.
މަހާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލަ އާއްމުކޮށް ހުޅުވާލައިގެން އިންސާފުން ކުރިއަށް ގެންގޮސްދިނުން އެދިވަޑައިގަންނަވާކަމަށެވެ. ޖޭއެސްސީން ބުރާސްފަތި ދުވަހު ބުނީ, ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމްކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަސްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރިއްކޮޅަކާ، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރު ހަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވެފައިވާ ކަމަށެވެ. އެކަމާާގުޅިގެން ފަނޑިޔާރު މަހާޒްގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރަން ފެންނަކަމަށް މި ކޮމިޝަނުން ނިންމާފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އެކަމާގުޅިގެން ޓްވިޓަރގައި މަހާޒް އާއްމުކުރެއްވި ބަޔާނުގައި ވިދާޅުވީ، އަޑުއެހުން ދިގުލައިގެންދާތީ އެ މައްސަލަ އޮންނަ ކޮންމެ ދުވަހަކު މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރުން އަނެއް ދެ ފަނޑިޔާރުންނާއެކު، އަމިއްލަ ޚަރަދުގައި މެންދުރު ފަރިއްކޮޅަށް އެއްޗެހި ގެންނަވާ ކަމަށެވެ. އެގޮތަށް ދައުރުވަމުން ގޮސް ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ތަނަކަށް އޯޑަރުކުރައްވައިގެން ގެންނެވީ އޭނާކަމަށާއި، އެއީ ރިސެސްގެ ކުރިން ހުރިހާ ފަނޑިޔާރުން އެއްތަނަކުން ދިމާވާނެ ފަހު ދުވަހަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. މަހާޒް ވަނީ ފަރިއްކޮޅުގެ މާ ކުރިން ޝަރީއަތުގެ ކަންކަން ހަމަޖެހިފައިވާނެ ކަމަށާއި އެއީ ސިއްރުން ކުރިކަމެއް ނޫންކަމަށްވެސް ބުނެފައެވެ.
އަދި ފައިސާ ދެއްކި ސްލިޕް އެބައޮތްކަމަށާއި، ހިލޭ ނޫނީ ނުއަގުގައި އެއްޗެއް ގެންނަވާފައިވެސް ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޖޭއެސްސީން ބުނީ، ފަނޑިޔާރު މަހާޒުގެ މައްސަލައެއް ބަލަން ނިންމައި އެ މައްސަލައިގެ ތަހުގީގު ކޮމިޓީ އެކުލަވާލާފައިވަނީ ބުދަ ދުވަހު ކަމަށެވެ. މަހާޒުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމީ ކޮން ޚަސްމެއްގެ މައްސަލައަކާ ގުޅިގެން އަމަލުކުރެއްވި ގޮތުގެ ސަބަބުންކަން ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ރައީސް ޔާމީން ދެއްވި ފަރިއްކޮޅަކަށް ފަނޑިޔާރު މަހާޒު ވަޑައިގެންނެވިކަމަށް ވަނީ އަޑުފެތުރިފައެވެ.