ކ. މާލެ
|
27 ނޮވެންބަރ 2022 | އާދީއްތަ 17:27
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
ގޫގުލް
ޗައިނާގައި ބޭއްވި ފޯރަމް
ޗައިނާގައި ބޭއްވި ފޯރަމެއްގައި ޑރ. ވަހީދު ރާއްޖެ ތަމްސީލުކުރީ ރަސްމީ ހުއްދަލިބިގެން ނޫން
 
ފޯރަމުގައި ބައިވެރިވި ފަރާތަކީ ދިވެހި ސަރުކާރުގެ ރަސްމީ ހައިސިއްޔަތުން ހުއްދަލިބިގެން ބައިވެރިވެފައިވާ ފަރާތެއް ނޫން
 
ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ކަނޑައަޅައި، ހިންގައި، ބޭރުގެ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު ގުޅުން ގާއިމްކޮށް ދެމެހެއްޓުމަކި ރައީސަށް ލިބިގެންވާ ބާރެއް
 
15 ނޮވެމްބަރުގައި، މި ފޯރަމްގައި ރާއްޖެއިން ބައިވެރި ނުވާނެކަން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއަށް އަންގާފައިވާނެ

ދިވެހި ސަރުކާރުގެ ހުއްދަ ނެތި، ޗައިނާގައި ބޭއްވި ފޯރަމެއްގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރާއްޖެ ތަމްސީލުކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ނަމުގައި ޑރ. ވަހީދު ބައިވެރި ވެފައިވަނީ ޗައިނާ-އިންޑިއަން އޯޝަން ފޯރަމް އޮން ޑިވަލަޕްމަންޓް ކޯޕަރޭޝަން ފޯރަމްގައެވެ. "ޝެއާޑް ޑިވެލޮޕްމަންޓް: ތިއަރީ އެންޑް ޕްރެކްޓިސް ފްރޮމް ދަ ޕާސްޕެކްޓިވް އޮފް ދަ ބްލޫ އިކޮނޮމީ" ގެ ނަމުގައި ޗައިނާގެ ކުންމިންގައި މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވި ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. ވަހީދު ބައިވެރިވެފައިވަނީ އަމިއްލަ ހައިސިއްޔަތުންކަމަށް މައުލޫމާތު ލިބުނު ނަމަވެސް ޗައިނާއިން ބުނެފައިވަނީ ރާއްޖެއިން މި ފޯރަމްގައި ރަސްމީކޮށް ބައިވެރިވެފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޗައިނާ އިންޓަރނޭޝަނަލް ޑިވަލަޕްމަންޓް ކޯޕަރޭޝަން އެޖެންސީ އިން އާންމު ކުރި ބަޔާން ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. 21 ނޮވެމްބަރު 2022 ގައި ޗައިނާއިން ނެރުނު މި ބަޔާނުގައި ވަނީ ޗައިނާ-އިންޑިއަން އޯޝަން ފޯރަމް އޮން ޑިވަލަޕްމަންޓް ކޯޕަރޭޝަން ފޯރަމްގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، ދިވެހި ސަރުކާރުން މި ފޯރަމްގައި ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި 15 ނޮވެމްބަރުގައި، މި ފޯރަމްގައި ރާއްޖެއިން ބައިވެރި ނުވާނެކަން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއަށް އަންގާފައިވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ އަމިއްލަ ގޮތުންނާއި، ގްރޫއްޕުތަކުން ރާއްޖެއިން ބައިވެރުވުމަކީ، ދިވެހި ސަރުކާރުގެ ހައިސިއްޔަތުން އެފަދަ ފޯރަމެއްގައި ބައިވެރިވުން ނޫންކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބަލައި، ބޭރުގެ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު ގުޅުން ގާއިމްކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހުރިއްޔާ އަށް ލިބިގެންވާ ބާރެއް ކަމަށެވެ.

އަދި ޚާރިޖީ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށްވުމުން، ރާއްޖޭން ބައިވެރިވާ ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބައިވެރިވާނެ މީހުން ކަނޑައަޅައި އެކަން ހަމަޖައްސަނީ ޑިޕްލޮމެޓިކް ޗެނަލްތަކުން ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ސިޔާސީ ގުޅުން ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއިއެކު ބާއްވަން ނިންމާނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

އަދި މި ފޯރަމުގައި ބައިވެރިވި ފަރާތަކީ ދިވެހި ސަރުކާރުގެ ރަސްމީ ހައިސިއްޔަތުން ހުއްދަލިބިގެން ބައިވެރިވެފައިވާ ފަރާތެއް ނޫން ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް