ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ދެ މީހުން މަރުވެއްޖެއެވެ.
ސައުދީގެ ސިވިލް ޑިފެންސް ސްޕޯކްސްޕާސަން ވަނީ ދެ މީހަކު މަރުވެފައިވާކަން ޓްވިޓާގައި ހާމަކޮށްފައެވެ. އަދި ކޮންމެހެން ބޭނުންވެގެން ނޫނީ ބޭރަށް ނުނިކުތުމަށް ވަނީ އެދިފައެވެ.
ފެންބޮޑުވުމުގެ ސަބަބުން ކިންގް އަބްދުލްއަޒީޒު އިންޓަނޭޝަނަލް އެއާޕޯޓްގެ ފްލައިޓްތައް ލަސްވެ ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން މައްކާއަށް ދާން އޮންނަ މަގުތައް ވެސް ވަނީ ބަންދުކޮށްފައެވެ.
ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޮރ މީޓީއޮރޮލޮޖީން ހާމަކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހެނދުނު 8ން މެންދުރު 2ށް ޖިއްދާގެ ދެކުނުގެ ސަރަހައްދުތަކަށް 179 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި މިއީ މިހާތަނަށް ރިކޯޑް އަދަދެއްކަމަށް ވަނީ ބުނެފައެވެ. 2009 ވަނަ އަހަރު ކުރި ވިއްސާރާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވި ފަހަރަށްވުރެ އިތުރަށް މިވަނީ މިއަހަރު ވާރޭވެހިފައެވެ.
ސޯޝަލް މީޑިޔާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން މަގުތަކުގައި ފެންބޮޑުވެފައިވާތީ ކާރުތަކާއި އެހެންވެސް އުޅަނދުތައް މަގުތަކުގައި އެކި ދިމަދިމާލަށް ދާ މަންޒަރު ފެނެއެވެ.
ސައުދީގެ ޕްރެސް އެޖެންސީން ބުނާގޮތުގައި ސްކޫލްތައް ބަންދުކޮށްފައިވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީއެވެ. ސްކޫލްތަކުގައި މިހާރު ކުރިޔަށްދަނީ ފައިނަލް އިމްތިހާނެވެ. އަނެއްކޮޅުން އާޖެންޓީނާ މެޗުން ސައުދީ މޮޅުވުމާއި ގުޅިގެން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ބުދަ ދުވަސް ހަމަޖައްސާފައިވާތި ސައުދީ ސްކޫލްތައް ބުދަ ދުވަހު ވަނީ ބަންދުކޮށްފައެވެ.