ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 18:51
ކެންސަރުން ދުރުވުމުގެ ފުރުޞަތު ބޮޑު 5 ބާވަތެއް
ކެންސަރުން ދުރުވުމުގެ ފުރުޞަތު ބޮޑު 5 ބާވަތެއް
ރާއްޖެއެމްވީ
ކެންސަރު ބަލި
ކެންސަރުން ދުރުވުމުގެ ފުރުޞަތު ބޮޑު 5 ބާވަތެއް: އަވަހަށް މެނޫއަށް އިތުރުކޮށްލާ!
 
ތާޒާ މޭވާއާއި ތަރުކާރީގެ އިތުރުން ސާފު އެއްގަމު މަސް ބޭނުން ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން ކެއިންބުއިމުގެ އާދާކާދަތައް ބެހެއްޓުމުންވެސް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ
 
ލޮނުމެދުގައި އެކުލެވޭ ސަލްފަރ މާއްދާގެ ސަބަބުން، ކެންސަރާ ދެކޮޅަށް، ހަށިގަނޑަށް ރައްކާތެރިކަން ހޯދާދޭން މަސައްކަތް ކުރޭ
 
ކޮންމެ ދުވަހެއްގެ ކެއުމުގައި ސްޕިނެޗް ފަތް ބޭނުން ކުރާ ނަމަ، ކެންސަރު ސެލްތައް ދުރުކޮށްދިނުމުގެ ފުރުޞަތު އޮވޭ

ކުރިއަށް ދާނީވެސް އެއް ވާހަކަ ދަންނަވާލުމަށްފަހުގައެވެ. އެއީ ކެންސަރުން ދިފާޢުވާނެ، ސައްތަ އިންސައްތަ މަންތިރިއެއް އަދި ފެނިފައި ނުވާ ވާހަކައެވެ. ކަން މިހެން އޮތް ނަމަވެސް، ދިރިއުޅުމުގެ އާދަތަކަށް ގެންނަ ހެޔޮ ބަދަލުތަކެއް ސަބަބުން އެދެވޭ ނަތީޖާއެއް ނެރުމުގެ ފުރުޞަތު އެބަ އޮތެވެ. ކެއިން ބުއިމުގައި ވަކި ކަހަލަ ބާވަތްތަކެއް ހިމެނުމުގެ ސަބަބުން ނުވަތަ ނުހިމެނުމުގެ ސަބަބުން، ކެންސަރަށް ޑައެގްނޯޒް ވުން ނުވަތަ ކެންސަރަށް ޕޮޒިޓިވްވުމުގެ ފުރުޞަތު ކުޑަ ކުރުމުގެ ޖާގަވެސް އެބަ އޮތެވެ. ތާޒާ މޭވާއާއި ތަރުކާރީގެ އިތުރުން ސާފު އެއްގަމު މަސް ބޭނުން ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން ކެއިންބުއިމުގެ އާދާކާދަތައް ބެހެއްޓުމުންވެސް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.

ކެންސަރުގެ ވާހަކަ ދައްކާ އިރު، ބަލި ޖެހިގެން ދެން ފަރުވާ ހޯދަން އުޅުމަށް ވުރެ، ބަލި ޖެހުމުގެ ކުރިން، އެ ކަމުން ސަލާމަތްވެ ތިބެވޭނެ ގޮތްތައް ހޯދާ، އެ މޭރުމުން ދިރިއުޅުން ބައްޓަން ކުރުން މުހިންމެވެ. އެގޮތުން ބައެއް ކަހަލަ ބާވަތްތަކަކީ، ކެއުމުގައި އެ ބާވަތްތައް ހިމެނުމުގެ ސަބަބުން، ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ބާވަތްތަކެކެވެ. މި ބަލާލަނީ އެފަދަ 5 ބާވަތަކަށެވެ.

ސްޕިނެޗް

ސްޕިނެޗްއަކީ މިއަދު ދިވެހިންނަށް އާ ނަމަކަށް ނުވާނެއެވެ. ޒަމާނުއްސުރެ ކިއާ އުޅޭ ގޮތަށް ދަންނަވާނަމަ، މިއީ ބޯވެލި ފަތެވެ. މިއީ ކުޑައިރު ބެލި ޕަޕާއި ކާޓޫން ފަދައިން އެސްފިޔަ ޖަހާލާ ހަލުވި މިނުގައި، އިންތިހާ ބާރުގަދަ ސުޕަރހީރޯއަކަށް މީހާ ހަދާލަދޭ، އާދަޔާ ޚިލާފު ފަތެކެވެ. އެންމެ މުހިންމު އެއް ކަމަކީ، ކެންސަރު ނުރައްކާ ކުޑަ ކޮށްދޭ ކަމެވެ.

ކޮންމެ ދުވަހެއްގެ ކެއުމުގައި ސްޕިނެޗް ފަތް ބޭނުން ކުރާ ނަމަ، ކެންސަރު ސެލްތައް ދުރުކޮށްދިނުމުގެ ފުރުޞަތު އޮވެއެވެ. ލޫޓެއިންއާއި ޒީޒަންތީންގެ މުއްސަނދިކަން ސްޕިނެޗްއަށް ލިބިގެންވެއެވެ. މިއީ ކެންސަރާ ހަނގުރާމަ ކުރުމަށް ހަށިގަނޑަށް އިތުރު ބާރެއް ލިއްބައިދޭ އެންޓިއޮކްސިޑަންޓްތަކެކެވެ.  

ސްޕިނެޗްގެ އިތުރުން ކޭލްއާއި ރޯމޭއިން ލެޓުސް ފަދަ ފަތްޕިލާވެލި ބޭނުން ކުރުމުގެ ސަބަބުން، ބަނޑާއި، ކާބޯތަކެތި ދަތުރު ކުރާ ހޮޅިއާއި އަނގަ ފަދަ ގުނަވަންތަކަށް ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަ ކޮށްދެއެވެ. ސްޕިނެޗްގައި ފޯލޭޓް އެކުލެވެއެވެ. މިއީ އާ ސެލްތައް އުފައްދާ، ޑީއެންއޭ މަރާމާތު ކުރުމަށް ބޭނުންވާ ވިޓަމިން ބީ9ގެ ބާވަތެކެވެ.

ޓޮމާޓޯ

ތައްޔާރު ކޮށްލާ ކޭމަކަށް އެ ގެނެސްދޭ ހިތްގައިމު ކުލަޔާއި ރަހައިގެ މީރު ކަމުގެ އިތުރުން، ޓޮމާޓޯއަކީވެސް ކެންސަރުގެ ނުރައްކާ ކުޑަ ކޮށްދޭ އެއްޗެކެވެ. ޓޮމާޓޯގައި ހުންނަ ރަތް ކުލައަކީ، ލައިކޯޕީންއޭ ކިއާ ފައުޓޯކެމިކަލްއެއްގެ ނަތީޖާއެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ލައިކޯޕީންއަކީ ޕްރޮސްޓޭޓް ކެންސަރު ފަދަ ބަލިތަކުން ދުރުވުމަށް އޮތް އެހީއެކެވެ. މި މާއްދާއަކީ، ފުއްޕާމެއާއި އެންޑޯމެޓްރިއަލް ކެންސަރުން ދުރުވުމަށްވެސް އެހީވެދޭ މާއްދާއެކެވެ.

ބްރޮކޮލީ

ބައެއް މީހުންނަށް އިންތިހާ ނުބައިވި ކަމުގައި ވީ ނަމަވެސް، ބްރޮކޮލީއަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް އެކުލެވޭ، މުއްސަނދި ބޭންކްއެކެވެ. ބްރޮކޮލީ މުއްސަނދި ވެފައި ވަނީ ގްލޫކޯސިނޯލޭޓްސްއޭ ކިއާ ފައިޓޯކެމިކަލްތަކަކުންނެވެ. މިއީ ސަލްފޮރަފޭންއޭ ކިއާ، ރައްކާތެރިކަމުގެ އެންޒައިމްތަކެއް އުފައްދާ މާއްދާއެކެވެ. މި މާއްދާއަކީ، ކެންސަރަށް މަގުފަހި ކުރާ ދުމާއި އެނޫންވެސް ތަޣައްޔަރުކަން ހަވާސާ ކުރުމަށް އެހީވެދޭ މާއްދާއެކެވެ.

ލޮނުމެދު

ލޮނުމެދުގެ ފައިދާގެ ވާހަކައަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. ލޮނުމެދުގައި އެކުލެވޭ ސަލްފަރ މާއްދާގެ ސަބަބުން، ކެންސަރާ ދެކޮޅަށް، ހަށިގަނޑަށް ރައްކާތެރިކަން ހޯދާދޭން މަސައްކަތް ކުރެއެވެ. އަދި ޑީއެންއޭ މަރާމާތު ކުރުމުގެ ދުވެލި ހަލުވިވެ ވެސް ކޮށްދެއެވެ.

ކެރެޓް

މިއީ ބާޒާރުން އެންމެ ފަސޭހައިން ލިބެން ހުންނާނެ ބާވަތެވެ. ކެންސަރުގެ ނުރައްކަލުން ސަލާމަތް ވުމަށް ހުރުމަށް ދިއްކޮށްލާ އައްޑަނާގައި ކެރެޓް ހިމަނަން ޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. ކެރެޓްގައި ބީޓާ-ކެރޮޓީން އެކުލެވެއެވެ. އެއީ ނުރައްކާތެރި، ވިހަ މާއްދާތަކުން ސެލްތަކުގެ މެމްބްރޭންތައް ރައްކާތެރިކޮށްދޭ ކަމަށް ޤަބޫލުކުރެވޭ މާއްދާއެކެވެ. އަދި ކެންސަރު ސެލްތަކަށް، ގަދަވެގަތުމުގެ ފުރުޞަތު ކުޑަ ކޮށްދޭ މާއްދާއެކެވެ. ބައެއް ދިރާސާތައް ބުނާގޮތުގައި، ކެރެޓަކީ، ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ސަލާމަތްވުމަށް އޮތް އެހީއެކެވެ.

ކުރިންވެސް ދެންނެވި ފަދައިން ކެންސަރު ނުޖެހޭނެ ކަމުގެ ސައްތަ ޕަސެންޓް ގެރެންޓީއެއް ލިބޭނެ އެއްވެސް ގޮތެއް އަދި ނެތެވެ. އެހެން ކަމުން، ބަލި ނުޖެހޭނެ އާދަތައް ދިރިއުޅުމުގެ އާންމު ކަމެއްގައި ހެދުމުގެ އިތުރުން، ގަވައިދުން ހެލްތު ޗެކަޕްތައް ހެދުން ބުއްދިވެރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
55%
18%
5%
5%
0%
18%
ކޮމެންޓް