ނޮވެމްބަރު 20 ވަނަ ދުވަހު ޤަތަރުގައި ފެށި ފީފާވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށްގެން އެ ޤައުމުގައި ބިނާ ކުރި ސްޓޭޑިއަމްތައް އެޅުމުގެ ފަޚްރާއި ޝަރަފު، ދުނިޔޭގެ އެކިކަންކޮޅުތަކުން އެކި ނަޞްލާއި އެކި އަޞްލަށް ނިޞްބަތްވާ، އެތައް ބަޔަކު ހިއްސާ ކުރެއެވެ. އެންމެ އާދައިގެ މަސައްކަތްތަކުން ފެށިގެން ކަވި މަސައްކަތްތަކާއި އިންޖިނޭރު ކަމުގެ ފަންނީ ޒިންމާ ބުރަ ދާއިރާތަކުގައިވެސް މަސައްކަތް ކޮށްފައި ވަނީ ޤަތަރަށް ހިޖުރަ ކުރި ބިދޭސީ މަސައްކަތްތެރިންނެވެ.
ވޯލްޑްކަޕަށް ހާއްސަކޮށްގެން ސްޓޭޑިއަމްތައް އެޅުމަށް ޤަތަރުގައި އެކުލަވާލި ޓީމުގައި ހިމެނޭ އެއް މެންބަރަކީ އިންޑިއާގެ އިންޖިނޭރު، ޝާހިދު ޢަލީއެވެ. ސްޓޭޑިއަމް އެޅުމުގެ މަސައްކަތުގައި، ޤަތަރުގައި އޭނާ 3 އަހަރު ދުވަސް ހޭދަކޮށްފައި ވާ އިރު، އެ މަސައްކަތުގައި ހޭދަވި ކޮންމެ ދުވަހަކީވެސް 12 ގަޑިއިރުގެ ޝިފްޓެއްގައި އޭނާ މަސައްކަތް ކުރި ދުވަހެއް ކަމަށް ޢަލީ ބުނެއެވެ.
އިންޑިއާއިން ޤަތަރަށް ދިޔަ އެހެން މަސައްކަތްތެރިންނާއެކު 12 ގަޑިއިރުގެ ޝިފްޓްތަކުގައި މަސައްކަތް ކުރަން މަށަށް ޖެހުނު. ބައެއް މީހުންނަކީ ޢަމަލީ ގޮތުން މަސައްކަތުގައި އުޅުނު ލޭބަރުން. އަނެއް ބައި މީހުންނަކީ މެނޭޖަރުން. މީގެ ކުރިން އެއްވެސް ދިރުމެއް ނެތް ބިމެއްގައި، އިންތިހާއަށް ފުރިހަމަ ބިނާއެއް ތަރައްޤީ ކުރުމަށްޓަކާ، 3 އަހަރު ދުވަސްވަންދެން ހުއްޓިލުމެއް ނެތި، ރެޔާއި ދުވާލު ކުރި ބުރަ މަސައްކަތުގެ ހިތްގައިމު މަންޒަރު މިހާރު ފެންނަމުން ދާއިރު، އެ ކުރެވޭ އިޙްސާސްތައްވެސް ބަޔާންކޮށްދޭކަށް ނޭނގޭ. އަހަރެން މަސައްކަތް ކުރީ، ވޯލްޑްކަޕްގެ ފައިނަލް މެޗު ކުޅޭ ސްޓޭޑިއަމްގަ.ޝާހިދު ޢަލީ؛ ޤަތަރުގައި ސްޓޭޑިއަމް އެޅުމުގެ މަސައްކަތުގައި އުޅުނު އިންޑިއާގެ އިންޖިނޭރެއް
ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް ހުޅުވުމަށް ޤަތަރުގައި ކުރިއަށް ގެންދިޔަ ކުލަ ގަދަ އިހުތިފާލުގެ މަންޒަރުތައް، ޢަލީ ބަލަމުން ދިޔައީ އޭނާގެ އުފަން ފަސްގަނޑު ކަމަށް ވާ، އިންޑިއާގެ ނާގްޕޫރު ސިޓީގައި ހުރެގެންނެވެ. ކުރި ބުރަ މަސައްކަތުގެ ނަތީޖާ ފެނި، އޭނާގެ ހިތުގައި ބިންދަމުންދަނީ ފަޚްރުވެރިކަމުގެ ރާޅުބާނީތަކެއް ފަދަ ޖަޒުބާތުތަކެކެވެ.
ޤަތަރުގައި އޭނާ ކުރި ތަޖުރިބާ ހިއްސާ ކުރަމުން ޢަލީ ބުނީ ފިނި މޫސުން އައި ޖުމުލަ 2 މަހެއްހާ ދުވަހަށް ކަމަށެވެ. ދެން މުޅިންވެސް އޮތީ ހޫނު މޫސުން ކަމަށާ، ނަތީޖާއެއްގެ ގޮތުން، މަސައްކަތުގެ މައިދާނުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
ބިދޭސީ އެހެން މަސައްކަތްތެރިންނެކޭ އެއްގޮތަށް، އަމިއްލަ ވަޒަން ދޫކޮށް ޢަލީވެސް ޤަތަރަށް ބަދަލުވީ ވޯލްޑްކަޕަށް ޤަތަރު ތައްޔާރު ކުރުމުގެ ޚިދުމަތުގައި ބައިވެރިވުމަށެވެ.
ޢަލީގެ އެކުވެރިންގެ ފަރާތުންވެސް މިއަދު އޭނާއަށް ލިބެނީ ތަޢުރީފުގެ ބަސްތަކެވެ.
ސްޓޭޑިއަމް ބިނާ ކުރުމުގެ މަސައްކަތުގަ އަހަރެން އުޅުނުކަން ރައްޓެހިންނަށް އެނގެން ފެށި ހިސާބުން، އެމީހުން ދަނީ އަހަރެން ކުރި ބުރަ މަސައްކަތުގެ ކާމިޔާބިއަށް ތަޢުރީފު ކުރަމުން. އެމީހުން ބުނަނީ، އަހަރެންގެ ކާމިޔާބިއާ މެދު ފަޚްރުވެރިވާކަމަށް. ކުޑަކުޑަ އަވަށަކަށް ނިސްބަތްވާ މީހަކު، ޤަތަރަށް ގޮސް، އެވަރުގެ ކަމެއް ކުރީމަ އެކަމާ ފަޚްރުވެރިވާ ވާހަކަ. އެކި ޤައުމުތަކުގެ މީސްމީހުންނާއެކު މަސައްކަތް ކުރިއިރު މަށަށްވެސް ވަރަށް މަޖާ.ޝާހިދު ޢަލީ؛ ޤަތަރުގައި ސްޓޭޑިއަމް އެޅުމުގެ މަސައްކަތުގައި އުޅުނު އިންޑިއާގެ އިންޖިނޭރެއް
ޤަތަރުން ވޯލްޑްކަޕްގެ ބިޑް ކާމިޔާބުކޮށް، ޢަރަބި ގަލްފުގެ އިސްލާމީ ޤައުމެއްގައި ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ހޮސްޓް ކުރުމުގެ ފަޚްރުވެރި ޝަރަފު ޤަތަރުން ހޯދި ހޯދުމަކީ، ހުޅަނގުގެ ބާރުތަކަށް ހަޖަމް ކުރެވޭ ވަރުގެ ކަމަކަށް އަދިވެސް އޮތީ ނުވެފައެވެ. ބައިނަލްއަޤުވާމީ މީޑިއާގެ ބޮޑު ކޮންޓްރޯލެއް ނަގާފައި ވާ ހުޅަނގުން ދަނީ، ވޯލްޑްކަޕަށް ޤަތަރު ތައްޔާރު ކުރުމުގައި އިންސާނީ ޙައްޤާއި ކަރާމާތަށް އަރައިގެންފައި ވާ ކަމަށް ބުނާ ޚަބަރުތައް، ސިލްސިލާ ގޮތެއްގައި ގެނެސްދެމުންނެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤަތަރުގައި މަސައްކަތް ކުރި ހިޖުރަވެރިންގެ ވާހަކަ މުޅިން ތަފާތެވެ.