ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 18:12
ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
ރައްޔިތުންގެ މަޖިލިސް
ރާއްޖޭގެ މަޝްރަހު
ރާއްޖެ އަށް ދިމާވެފައިވާ މައްސަލަ އަކީ އަސްލު މައްސަލަ ބާއްވާފައި އެހެން ވާހަކައެއް ދެއްކުމާއި، ދޮގުހެދުން - ޝާހިދު
ރާއްޖޭގެ އުތުރާއި ދެކުނުގެ އިގްތިސާދު ފުޅާކޮށް ރާއްޖޭގެ ކަންކަން މާލެ އަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ސަނީފް ވަނީ ވިދާޅުވެފަ
ދޮގު ހަދާ އޮޅުވާލަމުންދާތީ މެމްބަރު ޝާހިދު ވަނީ އެކަމަށް ފާޑު ވިދާޅުވެފަ

ރާއްޖެ އަށް ދިމާވެފައިވާ އަސްލު މައްސަލަ އަކީ އަސްލު މައްސަލަ ބާއްވާފައި އެހެން ވާހަކައެއް ދެއްކުމާއި، ދޮގުހެދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅީ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމުން ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުންދާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށާއި މި އަހަރު ބަޖެޓްގައި ޚަރަދުކުރަން ކަނޑައަޅާފައިވާ އަދަދަށް ފައިސާ ޚަރަދު ނުވާކަން މަޖިލީހުގައި އޮޑިޓަރ ޖެނެރަލް ދެއްކެވި ވާހަކަތަކުން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. ދޮގު ހަދަމުން ހަދަމުން ގޮސް، ދޮގު ހަދާ މީހާ އަށް އެއީ ދޮގެއްކަން އެނގޭ މިންވަރަށް ދޮގު ހަދާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިއަދު އެ ދޮގު ހަދަނީ އެ ދޮގު ހަދާ މީހުންނަށް އެ މީހުން ދައްކާ ވާހަކަ އަކީ ތެދު ކަމަށް ގަބޫލުކުރެވޭ މިންވަރަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ސަރުކާރުތަކުގައި ބަޖެޓްގެ ބޭރުން ޚަރަދު ކުރި ނަމަވެސް އަޑު ނުއުފުއްލަވާ މިއަދު އަޑު އުފުއްލަވަނީ ކޮންކަމެއް އޮޅުވާލަންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. މޮރިޝަސްގެ މައްސަލަ އާއި އެހެން ބައެއް ކަންކަމުގައި ވެސް ދޮގު ހަދަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު ހިތުން މޮރިޝަސްގެ ތަނަކަށް ނުވާނަމަ ކީއްކުރަންތޯ އެ ބޭފުޅުންނާ އެ މަޝްވަރާތައް ކުރަނީ؟ ހަމައެކަމުގައި ވެސް ދޮގު. ހަަމަ އެގޮތަށް ގަސް ކެނޑުމުގެ މައްސަލައިގައި ވެސް އައްޑޫގެ އެހެރަ ބޮޑެތި ގަސްތައް މަގުތަކުން ނަގާ އެއްކައިރިކޮށްލާ، މާލެއިން ގަހެއް ކަނޑާލީމަ އަނެއްކާވެސް އެ ވާހަކަ. މިއީ ގައުމަށް ދިމާވެގެން އުޅޭ އަސްލު މައްސަލަ. މިއީ އަސްލު މައްސަލަ.
ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ވަނީ ރާއްޖޭގެ އިގްތިސާދު ވިލުންވެރިކޮށް، ސިއްހީ ދާއިރާ އިތުބާރު ކުރެވޭ ފެންވަރަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ވެސް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް ސަނީފް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ އިގްތިސާދު ފުޅާކޮށް ރާއްޖޭގެ ކަންކަން މާލެ އަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ސަނީފް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް