ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އައްޑޫ އާއި މާލެ އާއި ކ. ގުރައިދޫގައި ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހެއްގެ ގެއިން ގޮވާތަކެތީގައި ބޭނުން ކުރާ ތިން ބާވަތެއްގެ ކެމިކަލް ފެނިގައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވަނީ 11 ނޮވެމްބަރު 2022 އިން ފެށިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރު ކޮށްފައެވެ. އެގޮތުން އައްޑޫއިން 10 މީހަކާއި މާލެ އިން ދެ މީހަކާއި ގުރައިދޫ އިން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މި 14 މީޙުންނަކީ ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ 14 މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވާއިރު މީގެ ތެރެއިން ފަސް މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި ހަތަރު މީހެއްގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފައިވާއިރު ބާކީ ފަސް މީހުންގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނީ އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ގެތަކުންނާއި ބޭނުން ކުރަމުންއައި ބައެއް ގެތަކާއި ވެހިކަލްތަކާއި ޑިންގީއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެތަންތަނުން މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވާ ކަމަށެވެ. އަދި މިތަކެތި ތަހުލީލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރި މީހަކު ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި އެކްސްޕޯސިވް ގކެމިކަލް ނުވަތަ ގޮވާ ތަކެތީގައި ބޭނުން ކުރާ ކެމިކަލް ކަމަށް ޝައްކުކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް ފެނިފައިވާ ކަމަށެވެ. އެ ތަކެތި އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ)ގެ ފަރާތުން ޗެކްކުރުުމުން އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭކަމަށް ދައްކާފައިވާ ކަމަށް ވެސް ފުލުުން ބުންޏެވެ.
މި ސާމަޕްލަތަކުން ފެނުނު އެކްސްޕްލޯސިވް ބާވަތްތަކަކީ މައިގަނޑު ގޮތެއްގައި ބާރުގަދަ ގޮވުންތަކަށް ބޭނުން ކުރާ ހައި އެކްސްޕްލޯސިވްގެ ވައްތަރުތަކެއް ކަމަށާއި އޭގެ ސަބަބުން މަދު މިންވަރަކަށް އިންސާނުންގެ ފުރާނައާއި މުދަލަށް ބޮޑެތި ގެއްލުން ދެވިދާނެ ކަމަށް އީއޯޑީ އިން ވަނީ ފާހަގަކޮށްފައެވެ. މި ސާމްޕަލްތައް ރާއްޖެއާއި ރާއްޖޭން ބޭރުން އިތުރަށް ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.