ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 17:49
ޔޫކްރެއިންގެ ޒެޕޮރީޒިއާގައި ހުންނަ ނިއުކްލިއަރ ޕަވަރ ޕްލާންޓް
ޔޫކްރެއިންގެ ޒެޕޮރީޒިއާގައި ހުންނަ ނިއުކްލިއަރ ޕަވަރ ޕްލާންޓް
ރޮއިޓާސް
ޔޫކްރެއިން ރަޝިއާ ހަނގުރާމަ
ޒެޕޮރީޒިއާގައި ނިއުކްލިއަރ ކާރިސާއެއް ހިނގާފާނެކަމުގެ އިންޒާރު
ރެސަޓޮމްގެ އިސްވެރިޔާ މިހެން ވިދާޅުވެފައި މިވަނީ، ޖެހިޖެހިގެން ދެ ދުވަހު އެސަރަހައްދަށް އަމާޒުކޮށް ދެވުނު ހަމަލާތަކާ ގުޅިގެން
ލިކަޗެވް ވަނީ ޒެޕޮރީޒިޔާގެ ނިއުކްލިއަރ ޕްލާންޓްގައި ނިއުކްލިއަރ ކާރިސާއެއް ހިނގުމުގެ ބިރުއޮތްކަމަށް ވިދާޅުވެ، އިންޒާރު ދެއްވާފައި
ލިކަޗެވް ވަނީ، ޔޫކްރެއިނުން މިހާރު އަމަލުކުރަމުން ދަނީ އެމީހުންނަށް "ކުޑަ ނިއުކްލިއަރ ކާރިސާއެއްވެސް އެންމެ ރަނގަޅު"ކަމަށް ދޭހަވާ ގޮތަކަށް ކަމަށްވެސް ވިދާޅުވެފައި

ޔޫކްރެއިންގެ ޒެޕޮރީޒިއާގައި ނިއުކްލިއަރ ކާރިސާއެއް ހިނގާފާނެކަމުގެ އިންޒާރު ރަޝިއާއިން ދީފިއެވެ.

ހޯމަ ދުވަހު، ރަޝިއާ ސަރުކާރުގެ އެޓޮމިކް އެނަރޖީ އެޖެންސީ، ރެސަޓޮމްގެ އިސްވެރިޔާ އެލެކްސީ ލިކަޗެވް ވަނީ ޒެޕޮރީޒިޔާގެ ނިއުކްލިއަރ ޕްލާންޓްގައި ނިއުކްލިއަރ ކާރިސާއެއް ހިނގުމުގެ ބިރުއޮތްކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

ރެސަޓޮމްގެ އިސްވެރިޔާ މިހެން ވިދާޅުވެފައި މިވަނީ ޖެހިޖެހިގެން ދެ ދުވަހު އެސަރަހައްދަށް އަމާޒުކޮށް ދެވުނު ހަމަލާތަކާ ގުޅިގެންނެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ)އިން ޕްލާންޓް ވަށައި ސެކިއުރިޓީ ޒޯނެއް ކަނޑައަޅަން ހުށަހަޅާފައިވީނަމަވެސް، އެކަން އެގޮތަށް ކުރެވޭނީ އެމެރިކާގެ އެއްބާރުލުން އެކަމުގައި ލިބިގެންކަމަށް ލިކަޗެވް ވަނީ ވިދާޅުވެފައެވެ. އަދި ޒެޕޮރީޒިއާއާއި ވޮޝިންގޓަނާ ދޭތެރެ ދުރުނަމަވެސް މިކަމުގައި ގޮތް ނިންމުން ފަސްކުރުމަށް އެމެރިކާއިން އުޒުރު ދައްކައިގެން ނުވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ލިކަޗެވް ވަނީ ޔޫކްރެއިނުން މިހާރު އަމަލުކުރަމުން ދަނީ އެމީހުންނަށް "ކުޑަ ނިއުކްލިއަރ ކާރިސާއެއްވެސް އެންމެ ރަނގަޅު"ކަމަށް ދޭހަވާ ގޮތަކަށް ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން މިފަދަ ކާރިސާއެއް ހިނގުމަކީ މުޅި ގައުމުގެ ތާރީޚު ބަދަލުކޮށްލާނެ ކަމެއް ކަމަށާއި، އެހެންކަމުން ނިއުކްލިއަރ ޕަވަރ ޕްލާންޓްގެ ސެކިއުރިޓީ ވަރުގަދަކުރަންޖެހޭ ކަމަށް ލިކަޗެވް ވިދާޅުވިއެވެ.

ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށިފަހުން ރަޝިއާއިން ވަނީ ޒެޕޮރީޒިއާ ޕްލާންޓް އެގައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ރަޝިއާއާއި ޔޫކްރެއިނުންވެސް ދަނީ އެއް ގައުމު އަނެއް ގައުމަށް ނިއުކްލިއަރ ޕްލާންޓަށް ހަމަލާދޭކަމުގެ ތުހުމަތުތައް ކުރަމުންނެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ޔޫކްރެއިނުން ނިއުކްލިއަރ ޕްލާންޓަށް ހަކަތަ ފޯރުކޮށްދޭ ޕަވަރ ލައިންސްތަކަށް އަމާޒުކޮށް ހަމަލާދޭކަމަށް ބުނެފައެވެ. އަދި ރަޝިއާގެ ނިއުކްލިއަރ ޕަވަރ އޮޕަރޭޓަރު ވަނީ ޒެޕޮރީޒިއާ ޕަވަރ ޕްލާންޓް ސަރަހައްދުގައި ހުރި ބައެއް ސްޓޯރޭޖް ފެސިލިޓީތަކަށްވެސް ހަމަލާތައް އަމާޒުވެފައިވާކަމަށް ބުނެފައެވެ.

އާދިއްތަ ދުވަހު ޒެޕޮރީޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ހަމަލާތައް އަމާޒުވެގެން ދިއުމާއެކު އައިއޭއީއޭއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އައިއޭއީއޭއިން ވަނީ މިފަދަ ހަމަލާތަކަކީ އޭގެ ސަބަބުން ބޮޑު ނިއުކްލިއަރ ކާރިސާއަކާ ކުރިމަތިލާންޖެހިދާނެ ހަމަލާތަކެއް ކަމަށް ބުނެފައެވެ.

ދެކުނު ޔޫކްރެއިންގައި ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން، 1986 ވަނަ އަހަރު ހިނގި އެންމެ ނުރައްކާތެރި ނިއުކްލިއަރ ކާރިސާ ހިނގި ސަރަހައްދާ އެންމެ 300 މޭލު ދުރުން އެފަދަ އަނެއް ހާދިސާ ހިނގާފާނެކަމުގެ ބިރު ވަނީ އާންމުވެފައެވެ.

އައިއޭއީއޭއިން ބުނީ، ހޮނިހިރު އަދި އާދިއްތަ ދުވަހު ޒެޕޮރީޒިއާ ޕްލާންޓަށް އަމާޒުކޮށް ވަރުގަދަ ގިނަ ހަމަލާތަކެއް ދީފައިވާކަމަށެވެ. މިހަމަލާތަކުގައި އިމާރާތްތަކަށާއި ޕްލާންޓްގައި ބައެއް ސިސްޓަމްތަކާއި އާލާތްތަކަށްވެސް ގެއްލުން ލިބިފައިވާކަމަށް އައިއޭއީއޭއިން ވަނީ ބުނެފައެވެ.

އައިއޭއީއޭގެ ޗީފް، ރަފެއަލް ގްރޮސީ ވަނީ މިއީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިހަމަލާތައް ދެމުންދާ މީހަކު އެކަން ހުއްޓާލަންޖެހޭ ކަމަށާއި މިއީ އަލިފާނާ ކުޅުން ކަހަލަ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރަޝިއާގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން، ޒެޕޮރީޒިއާ ޕަވަރ ޕްލާންޓަކީ ޔޫކްރެއިންގެ ބޮޑުބަޔަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދިޔަ ޕްލާންޓެވެ. ރަޝިއާގެ އަސްކަރިއްޔާގެ ދަށަށް ޒެޕޮރީޒިއާ ޕްލާންޓް ގެންދިއުމާއެކު ޔޫކްރެއިނަށް ވަނީ އެސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބެކަޕް ޖެނެރޭޓަރު ބޭނުންކުރަން މަޖުބޫރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް