ކ. މާލެ
|
17 ނޮވެންބަރ 2022 | ބުރާސްފަތި 15:07
އާޖެންޓިީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ
އާޖެންޓިީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ
ރޮއިޓަސް
ފީފާ ވޯލްޑް ކަޕް
އާޖެންޓީނާގެ ސްކޮޑަށް ބަދަލުތަކެއް އަތުވެދާނެ: ސްކަލޯނީ
ސްކަލޯނީ ބުނީ ޓީމުގައި އަނިޔާގެ މައްސަލަތަކެއް އެބަހުރި ކަމަށް
މުބާރާތުގައި އާޖެންޓީނާގެ ފުރަތަމަ މެޗު އޮތީ މި މަހުގެ 22 ވަނަ ދުވަހު

މިއަންނަ އާދީއްތަ ދުވަހު ފަށާ ފީފާ ވޯޯލްޑް ކަޕަށް އާޖެންޓީނާއިން ނަގާފައިފައިވާ 26 ކުޅުންތެރިންގެ ސްކޮޑަށް ބަދަލުތަކެއް ގެނައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

ސްކަލޯނީ މިހެން ބުނީ ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ ފަހު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ބުދަ ދުވަހުގެ ރޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބައްދަލުކުރި މެޗުން އާޖެންޓިނާ މޮޅުވީ 5-0ންނެވެ. މި މެޗުގައި އާޖެންޓީނާގެ މުހިންމު ބައެއް ކުޅުންތެރިން ނުކުޅެއެވެ. ސަބަބެއްގެ ގޮތުގައި ސްކަލޯނީ ބުނީ އެކުޅުންތެރިން މެޗަށް އެންމެ ފިޓް ނުވުން ކަމަށެވެ.

އާޖެންޓީނާއިން ބޮޑު މޮޅެއް ހޯދި މި މެޗުގައި އެޓީމުގެ ޑިފެންޑަރު ކްރިސްޓަން ރޮމޭރޯ، ފޯވާޑް ނިކޯލާސް ގޮންޒަލޭޒް، އަލެހަންޑްރޯ ގޮމޭޒް އަދި ޕައުލޯ ޑިބާލާ ނުކުޅެއެވެ. ސްކަލޯނީ ބުނީ ޓީމުގައި އަނިޔާގެ މައްސަލަތަކެއް އެބަހުރި ކަމަށާއި، ބައެއް ކުޅުންތެރިން ފަހު ވަގުތު ސްކޮޑުން އުނިކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިފަހަރުގެ މުބާރާތަށް ފީފާއިން ހަދާފައިވާ ގަވާއިދުތައް ބުނާ ގޮތުން ސްކޮޑުގައި ހިމެނޭ ކުޅުންތެރިއަކު ބަލިވެއްޖެ ނަމަ ނުވަތަ އަނިޔާވެއްޖެ ނަމަ މުބާރާތުގައި އެޓީމެއް ކުޅޭ ފުރަތަމަ މެޗުގެ 24 ގަޑިއިރު ކުރިން އެކުޅުންތެރިއަކު ސްކޮޑުން ބާކީ ކުރެވޭނެއެވެ. އަދި އެކުޅުންތެރިއެއްގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ސްކޮޑުގައި ހިމެނުމުގެ ފުރުސަތު އެޓީމަކަށް ލިބޭނެއެވެ.

މުބާރާތުގައި އާޖެންޓީނާގެ ފުރަތަމަ މެޗު އޮތީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ފުރަތަމަ މެޗުގައި ވާދަކުރަން ޖެހޭނީ ސައޫދީ އަރަބިއްޔާއާއެވެ. މި ދެޓީމުގެ އިތުރުން ގްރޫޕް ސީގައި ދެން ހިމެނެނީ ޕޮލެންޑް އަދި މެކްސިކޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް