ޓެރަރިޒަމާ ދެކޮޅަށް މިހާރު ފުލުހުންނާއި ސިފައިން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
މި އޮޕަރޭޝަނަކީ އައްޑޫ ސިޓީގައި ހަރުކަށިފިކުރަށް ތާއީދު ކުރާ ބަޔަކު ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއްދީ ޤައުމީ ސަލާމަތަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި 14 މީހުން ހައްޔަރުކޮށްފައިވެއެވެ.
ހޯމަ ދުވަހުގެރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ މިހާރު ފުލުހުންނާއި، ސިފައިން ޓެރަރިޒަމާ ދެކޮޅަށް ހިންގާ މަސައްކަތްތަކަށް މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ އަމާންކަން މަތީގައި ބޭއްވުމަށްވުރެ ވަކި މުހިންމު ކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މާލެ ސަރަހައްދާއި އައްޑޫ ސަރަހައްދުގައި ހިންގި މި އޮޕަރޭޝަންގައި ޖުމްލަ 14 މީހުން ހައްޔަރުކޮށްފައިވާއިރު، މި އެންމެންނަކީވެސް އައްޑޫއަށް ނިސްބަތްވާ މީހުންކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެ ތެރެއިން ނުވަ މީހުންނަކީ މީގެ ކުރިންވެސް ޓެރަރިޒަމްގެ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ ބައެއް ކަމަށް ފުލުހުން ބުނެއެވެ.
މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެ މީހުން މަސައްކަތް ކުރީ ގޮވާ އެއްޗެއް ބޭނުންކޮށްގެން ގިނަ ބަޔަކު މަރާލުމަށް ކަމަށް ފުލުހުން ބުނެއެވެ. އަދި މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި ގެތަކުން މައްސަލައާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.