ކ. މާލެ
|
13 ނޮވެންބަރ 2022 | އާދީއްތަ 18:51
ރައީސުލްޖުމްހޫރިއްޔާ، ދ. ބަނޑިދޫ ކައުންސިލާއި ޑަބްލިއުޑީސީއާއި ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ، ދ. ބަނޑިދޫ ކައުންސިލާއި ޑަބްލިއުޑީސީއާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ބަނޑިދޫ ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ، ދ. ބަނޑިދޫ ކައުންސިލާއި ޑަބްލިއުޑީސީއާއި ބައްދަލުކުރައްވައިފި
ބަނޑިދޫ ކައުންސިލް މެންބަރުން ވަނީ ކުދި ރަށްތަކުގެ ތަރައްޤީއަށް މި ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އާދީއްތަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ބަނޑިދޫ ކައުންސިލް މެންބަރުން ވަނީ ކުދި ރަށްތަކުގެ ތަރައްޤީއަށް މި ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވައި، އެކަމަށްޓަކައި ސަރުކާރަށާއި، ރައީސުލްޖުމްރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލުން ވަނީ އެ ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތަކާއި، ފުޓްސަލް ދަނޑާއި، އާ ވޮލީކޯޓެއްގެ އިތުރުން ޢާއިލީ ޕާރކެއް ތަރައްޤީކުރުމުގެ މަސައްކަތްތައް ފަދަ މިހާރު ކުރިޔަށްދާ ނުވަތަ ފެށުމަށް ތައްޔާރުވެފައިވާ ބައެއް މަޝްރޫޢުތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން މިހާރު އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާކަންކަމުގެ ގޮތުގައި، ކުނިނައްތާލުމާއި، އޮޑިދޯނިފަހަރު އެހެލައިބޭލުމާއި، އަދި ސިނާޢީ މަސައްކަތްތައް ކުރުމަށް ޚާއްޞަ ސަރަޙައްދުތައް ކަނޑައެޅުމަށް ރަށަށް ބިން އިތުރުކުރުމަށް ބޭނުންވާކަމުގައި ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ސްކޫލަށް މަލްޓިޕާޕަސް ހޯލަކާއި، އިތުރު 9 ކްލާސްރޫމް ބޭނުންވާކަމާއި، ރަށްގިރަމުންދާ ސަރަޙައްދުތައް ޙިމާޔަތްކުރުމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އާ ޢިމާރާތެއްގެ މުހިންމުކަމާއި، އެރަށުގައި އައިސްޕްލާންޓެއް ޤާއިމުކުރުމާއި އަދި މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ބަނޑިދޫ އ.ތ.މ. ކޮމެޓީން ވެސް ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމާއި މާލީދަތިތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ އަދި ކުރިޔަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާ ކުރައްވާފައެވެ. އެ ގޮތުން ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު މިހާރު އޮތީ ބިޑުކުރުމުގެ މަރުޙަލާގައި ކަމަށާއި، އަދި ސްކޫލްގެ 4 ކްލާސްރޫމްގެ ޢިމާރާތްކުރުމުގެ މަޝްރޫޢު ބަޖެޓުގައި ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސްކޫލަށް މަލްޓިޕާޕާސް ހޯލެއް އިތުރުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށާއި މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައިވެސް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

- ކޮމެންޓް