ކ. މާލެ
|
13 ނޮވެންބަރ 2022 | އާދީއްތަ 09:40
އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
ރައީސް އޮފީސް
ދީނީ އެއްބައިވަންތަކަން
ރާއްޖޭގެ އެއްވެސް އާންމު ތަނެއްގައި އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމެއް ނުކުރެވޭނެ: މިނިސްޓްރީ
ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ބިދޭސީންނަށް އިރުޝާދު ދިނުން މުހިއްމު
އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުވުމަކީ މަނާކަމެއް

އެއްވެސް އާންމު ތަނެއްގައި އިސްލާމް ދީން ފިޔަވައި އެހެން ދީނެއްގެ އަޅުކަމާއި ގުޅޭކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެއްކަމަށް އިސްލާމިކް މިނިސްޓްރީން ނެރުނު ސަރކިއުލަރއެއްގައި ބުނެފިއެވެ.

ދިވެހިރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީން މަސައްކަތް ކުރަމުންދާއިރު، ފަތުރުވެރިންގެ ގޮތުގައިވެސް ގިނަ އަދަދެއްގެ ބޭރު މީހުން ރާއްޖެއަށް ޒިޔާރަތްކުރާކަން މިނިސްޓްރީން ނެރުނު ސަރކިލުއަރގައި ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ، އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކާއި ފަތުރުވެރިން ގެންނަ ފަރާތްތަކުންވެސް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ބިދޭސީންނަށް އިރުޝާދު ދިނުން މުހިއްމު ކަމަށެވެ. އެގޮތުން ޤާނޫނު ނަންބަރު 6/94 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ސާފުވުން މުހިއްމުކަން މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ.

އެ ޤަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގައި އުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިއާރުތައް ފާޅު ކުރުމާއި، އާންމު ތަންތަނުގައި ޖަމާއަތް ހަދައިގެެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުވުމަކީ މަނާކަމެއް ކަމަށެވެ.

އެ ޤަވާއިދަށް ބަލާއިރު، ދިވެހިރާއްޖޭގެ އެއްވެސް އާންމު ތަނެއްގައި އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާއި ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެއްކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން، މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު، ދިވެހިރާއްޖޭގެ ޓޫރިސްޓް ގެސްޓްހައުސް ހިންގުމާއި ބެހޭ ޤަވާއިދާއި އެއްގޮތަށް، އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭފަދަ ހެދުމެއްގައި އުޅުމަށް އެ ފަރާތްތަކަށް އިރުޝާދު ދިނުމަށްވެސް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

މިނިސްޓްރީން ވަނީ ބިދޭސީން ގެންނަ ފަރާތްތަކުގެ އިތުރުން، ސިޓީ ކައުންސިލުތަކާއި، އަތޮޅުކައުންސިލުތަކާއި ރަށު ކައުންސިލުތަކުންވެސް އެކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

މިފަހަށް އައިސް ރާއްޖޭގައި އުޅޭ އެހެނިހެން ދީންތަކުގެ މީހުންގެ ފަރާތުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި ޚިލާފު އަމަލުތައް ފެންމަތިވެފައިވާއިރު، އެފަދަ މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ބައެއް ފަރާތްތައް ގެންގޮސްފައިވެއެވެ.

- ކޮމެންޓް