ކ. މާލެ
|
12 ނޮވެންބަރ 2022 | ހޮނިހިރު 09:04
ނަބާއަށް ތަށި ހަވާލުކުރުން
ނަބާއަށް ތަށި ހަވާލުކުރުން
ފޭސްބުކް
ގައުމީ ޓެނިސް ޗެމްޕިއަންޝިޕް
ބައިވެރިވި ހުރިހާ އިވެންޓެއްގެ ޗެމްޕިއަންކަން ނަބާ ހޯދައިފި

ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ ތިން އިވެންޓަކުން ޒުވާން، ނަބާ ނިޝާން ޗެމްޕިއަންކަން ހޯދައިފިއެވެ.

ނަބާ ވަނީ 52 ވަނަ ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ ޖޫނިއަރ އޯޕަން ސިންގަލްސް، އަންހެން އޯޕަން ސިންގަލްސް، އަދި އަންހެން އޯޕަން ޑަބަލްސްގައި ވާދަކޮށްފައެވެ. ޓެނިސް ޗެމްޕިއަންޝިޕްގައި ކޮންމެ ކުޅުންތެރިޔަކަށްވެސް ބައިވެރިވެވޭނީ ތިން އިވެންޓެއްގައެވެ.

ޖޫނިއަރ އޯޕަންގެ ޗެމްޕިއަންކަން ނަބާ ހޯދީ ފައިނަލްގައި އައިޝާ ޒޯޔާ ސުޒައިންގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. ނަބާ ދެ ސެޓުވެސް ކާމިޔާބުކުރީ 0-6ންނެވެ. އަންހެން އޯޕަން ސިންގަލްސްގެ ފައިނަލްގައި ނަބާ ވާދަކުރީ ނަޔާރާ އުސާމާ އަލީއާއެވެ. މި ބައިގެ ފައިނަލްވެސް ނަބާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 1-6 އަދި ދެ ވަނަ ސެޓު 0-6ންނެވެ. އަންހެން އޯޕަން ޑަބަލްސް ފައިނަލްގައި ނަބާއާއި ލަޔާން މުހައްމަދު ޝާމިންގެ ޕެއަރ ވާދަކުރީ އާއިޝަތު ޔުމްނު ނިޔާޒް އަދި މިޝަލް މުހައްމަދުގެ ޕެއަރއާއެވެ. ނަބާއާއި ލަޔާންގެ ޕެއަރއިން ފައިނަލް މެޗު ކާމިޔާބުކުރީ ފުރަތަމަ ސެޓު 3-6 އަދި ދެ ވަނަ ސެޓު 0-6ންނެވެ.

ޒުވާން ނަބާ އަންނަނީ އެކިއެކި ޓެނިސް މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބީތައް ހޯދަމުންނެވެ. މިއަހަރުގެ މެއި މަހު އިންޑިއާގައި ކުރިއަށްދިޔަ އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންސް ސީރީސް ޓެނިސް މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ނަބާ ވަނީ ހޯދާފައެވެ.

މީގެ ކުރިން އުމުރުން 11 އަހަރުގައި ނަބާ ވަނީ ގައުމީ ޓެނިސް މުބާރާތުގެ ތިން ޑިވިޝަނަކުން ޗެމްޕިއަންކަން ހޯދާފައެވެ. އެއާއެކު ނަބާ ވެގެންދިޔައީ ގައުމީ މުބާރާތުގެ ރަން ތަށި ކާމިޔާބުކުރި އުމުރުން އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

- ކޮމެންޓް