ކ. މާލެ
|
10 ނޮވެންބަރ 2022 | ބުރާސްފަތި 18:40
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، މަޖިލީހަށް ބެޖެޓު ހުށަހަޅުއްވަނީ
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، މަޖިލީހަށް ބެޖެޓު ހުށަހަޅުއްވަނީ
ރައްޔިތުންގެ މަޖިލިސް
ބަޖެޓްގެ މަަސައްކަތް
ޓެކްސްއާއި ޖީއެސްޓީ ކުޑަކުރަން ވަކާލާތުކުރުމަކީ ޒިންމާދާރު ގޮތެއް ނޫން: އަމީރު
ފިޔަވަޅުތައް ނާޅާނަމަ 14 ބިލިއަން ރުފިޔާއަށް ޑެފިސިޓް ބޮޑުވެގެންދާނެ
ހުށަހަޅާފައިވާ ހައްލުތަކާއެކު އަހަރަކަށްފަހު އަހަރެއް ޑެފިސިޓް ކުޑަވާނެ

ޓެކްސްއާއި ޖީއެސްޓީ ކުޑަކުރަން ވަކާލާތުކުރުމަކީ ޒިންމާދާރު ގޮތެއް ނޫންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި 2023 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ހުށަހަޅާފައިވާ ހައްލުތަކާއެކު އަހަރަކަށްފަހު އަހަރެއް ޑެފިސިޓް ކުޑަކުރާނެ ކަމަށާއި، އޭގެތެރޭގައި ޖީއެސްޓީއާއި ޓީޖީއެސްޓީއަށް ގެންނަ ބަދަލުތައް ފާހަގަކުރެވޭކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެ ފިޔަވަޅުތައް ނާޅާނަމަ 14 ބިލިއަން ރުފިޔާއަށް ޑެފިސިޓް ބޮޑުވެގެންދާނެ ކަަމަށްވެސް އަމީރު ވިދާޅުވިއެވެ. ކޮވިޑް-19ގެ އިތުރުން ދުނިޔޭގެ އިގްތިސާދީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު، ރަނގަޅު ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ އިގްތިސާދު ރަނގަޅަށް ކުރިއަށް ނުދާނެކަމަށް އަމީރު ވިދާޅުވިއެވެ. އަދި މިހާތަނަށް އައިއިރު ރާއްޖޭގެ އިގްތިސާދު މި ހާލަތުގައި ހިފެހެއްޓިފައި އޮތީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޓެކްސް ކުޑަކުރުމުން ގައުމުތަކަށް ވެގެންދިޔަ ގޮތް ފެންނަން އެބަހުރިކަން އަމީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެ އެ ހާލަތަށް ދިއުމަށް ބޭނުންފުޅު ނުވާކަމަށާއި، ދަތިތަކާއެކުވެސް މަސައްކަތްޕުޅުކުރައްވަނީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވަންކަމަށް އަމީރު ވިދާޅުވިއެވެ. އަދި ކުރީގެ ހުރިހާ ސަރުކާރަކުން ނުކުރާ ވަރަށް މި ސަރުކާރުން ތަފާތު މަޝްރޫއުތަކުގެ މަސައްކަތް ކުރަމުންދާކަން އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

2023 ވަނަ އަހަރަށް ހުށަހަޅާފައި ވަނީ 42,680,269,914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދެލައްކަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާގެ ބަޖެޓެކެވެ. 2023 ވަނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ. ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބަޔަކީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއެވެ. މިގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 23.54 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާގެ އިތުރުން، ހިލޭ އެހީއާއި އެހެނިހެން އާމްދަނީގެ ގޮތުގައި 2.48 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

- ކޮމެންޓް