ޕެނަލްޓޫގައި ޑާބީ ކައުންޓީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އިނގިރޭސި ލީގު ކަޕްގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވެއެވެ. ލިވަޕޫލުން މެޗާ ކުރިމަތިލީ ޒުވާން ގިނަ ކުޅުންތެރިންނާއެކުއެވެ. މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ލިވަޕޫލުން ޑާބީ ކައުންޓީ ބަލިކުރީ 2-3 އިންނެވެ.
ޑާބީ ކައުންޓީގެ ކޯނޯ ހޮރިހޭން، ކްރެއިގް ފޮރިސްތު އަދި ލެވިސް ޑޮބިން ފޮނުވާލީ ޕެނަލްޓީތައް ލިވަޕޫލްގެ ގޯލް ކީޕަރު ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފައެވެ. އެ ޓީމަށް ކާމިޔާބުކުރެވުނީ މެކްގޮލްޑްރިކް އާއި ލުއީ ސިބްލޭގެ ޕެނަލްޓީއެވެ. ލިވަޕޫލަށް ނާކާމިޔާބުވީ ސްޓެފާން ބަޖްސެޓިޗް އާއި ރޮބާޓޯ ފިރްމީނޯގެ ޕެނަލްޓީއެވެ. އެ ޓީމުގެ އޮކްސްލޭޑް ޗެމްބަލެއިން، ޑާވިން ނޫނޭޒްގެ އިތުރުން ހާވީ އެލިއަޓްގެ ޕެނަލްޓީތައް ވަނީ ކާމިޔާބުކޮށްފައެވެ.
ނިއުކާސަލް ޔުނައިޓެޑުން ވެސް ހަތަރު ވަނަ ބުރުން ޖާގަ ހޯދީ ޕެނަލްޓީގައި 2-3 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްގެންނެވެ.