ސްޓެލްކޯގައި ޑޭ ކެއަރ ސެންޓަރެއް ހުޅުވައިފިއެވެ.
ބުދަ ދުވަހު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ އެ ކުންފުނީގެ ޗެއަރމަން ބްރިގޭދިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އާއި ކުންފުނީގެ މުވައްޒަފުން ވެސް ބައިވެރިވެލެއްވިއެވެ.
މިއީ އަންހެނުންނަށް ބާރުވެރިކަން ހޯދައިދީ ވަޒީފާ އަދާކުރުމުގެ ފަހި ފުރުސަތު ކަށަވަރުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިސްނަގައިގެން އޮފީސް މާޙައުލުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތުގެ ތެރެއިން ހުޅުވި ފުރަތަމަ ޑޭ ކެއަރ ސެންޓަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ މުވައްޒަފުންނަށް މަސައްކަތް ކުރާ މާހައުލަކީ ހިތްހަމަ ޖެހިގެން މަސައްކަތް ކުރެވޭނެ މާހައުލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އިރުޝާދު ދެއްވާފައިވާ ކަމަށާއި މި ޑޭ ކެއަރ ސެންޓަރަކީ އެ އިރުޝާދާ އެއްގޮތަށް ހުޅުވި ތަނެއް ކަމަށެވެ. މި ސެންޓަރުގެ ސަބަބުން މުވައްޒަފުން އޮފީހުގައި ހޭދަ ކުރާ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިންނަށް ރައްކާތެރި އަދި ފައިދާ ކުރަނިވި ގޮތެއްގައި އޮފީސް ތެރޭގައި ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ މިހާރުވެސް 39 މުވައްޒަފުން ޑޭ ކެއަރ ސެންޓަރު ބޭނުން ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. މި ސެންޓަރުގައި ކުޑަކުދިން ބެލުމަށް ހާއްސަ ޓްރެއިނިން ލިބިފައިވާ ޓީޗަރެއް މަސައްކަތް ކުރާނެ ކަމަށާއި އިތުރު ޓީޗަރެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދަރިން މިތާނގައި ބައިތިއްބަވާއިރު ޔަގީންކުރައްވާ އަޅުގަނޑުމެން ސްޓެލްކޯގެ ފަރާތުން ކުދިންނަށް ފައިދާ ކުރަނިވި ވަގުތުތަކެއް އަދި އެ ކުދިންގެ ކިޔެވުމަށް ރަނގަޅު އަސަރެއް ކުރާނެ ފަދަ ޕްރޮގްރާމްތަކެއްގެ ފުރުސަތު ފަހިކޮށްދީފައި މިވަނީ. އެހެންވީމާ މިކަން ބޭނުން ކުރައްވާ،ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު
ސްޓެލްކޯގެ ޑޭ ކެއަރ ސެންޓަރަކީ ފަސް އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްސަ ސެންޓަރެކެވެ. ސެންޓަރު ހުޅުވިފައި ހުންނާނީ ސަރުކާރުގެ ރަސްމީ މަސައްކަތްކުރާ ދުވަސްތަކުގެ ހެނދުނު 8:15 އިން ހަވީރު 4:00އަށެވެ.
ސްޓެލްކޯގެ އިތުރުން ސަރުކާރު ހިއްސާވާ އެހެން ބައެއް ކުންފުނިތަކުން ވެސް މިހާރު އަންނަނީ ޑޭ ކެއަރ ސެންޓަރުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެމްޕީއެލް އާއި އެޗްޑީސީ ހިމެނެއެވެ.
ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން އެކުލަވާލަން މަސައްކަތް ކުރަމުން އަންނަ ޑޭކެއާ ތައް މާލޭގައި ޤާއިމު ކުރުމަށް ބޭނުންވާ ބިން ނުލިބިގެން އެމަސައްކަތް ކުރިއަށް ގެންދިޔުމަށް ދަތިތަކެއްވަނީ ކުރިމަތިވެފައެވެ. މިއާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުޅިގެން އެކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްޓަކައި ޑޭކެއާ ގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.