ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 13:31
އިރާނުން ރަޝިއާ އަށް ޑްރޯން ފޯރުކޮށްދީފައިވާނެ ކަމަށް އެގައުމުން ވަނީ ބުނެފައި
އިރާނުން ރަޝިއާ އަށް ޑްރޯން ފޯރުކޮށްދީފައިވާނެ ކަމަށް އެގައުމުން ވަނީ ބުނެފައި
ރޮއިޓާސް
އިރާނުން ރަޝިއާ އަށް ޑްރޯން ފޯރުކޮށްދިނުން
ހަނގުރާމަ ފެށުމުގެ ކުރިން ރަޝިއާ އަށް ޑްރޯން ފޯރުކޮށްދިނިން: އިރާން
އިރާންގެ ފޮރިން މިނިސްޓަރު ވަނީ މިހާރު އެ ގައުމުން ރަޝިއާ އަށް ޑްރޯން ސަޕްލައިކުރަމުން ނުދާކަމަށް ވިދާޅުވެފައި
އިރާންގެ ފޮރިން މިނިސްޓަރު ވަނީ އެ ގައުމުން ރަޝިއާ އަށް ފޮނުވާފައި ވަނީ މަދު އަދަދެއްގެ ޑްރޯންތަކެއް ކަމަށް ވެސް ވިދާޅުވެފައި
މިއީ އިރާނުން ރަޝިއާ އަށް ޑްރޯން ފޯރުކޮށްދިންކަމަށް އެއްބަސްވި ފުރަތަމަ ފަހަރު

އިރާނުން ރަޝިއާ އަށް ޑްރޯން ފޯރުކޮށްދީފައިވާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ހޮނިހިރު ދުވަހު އިރާންގެ ފޮރިން މިނިސްޓަރު ވަނީ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން އެ ގައުމުން ރަޝިއާ އަށް ޑްރޯން ފޮނުވާފައިވާނެކަމަށް ވިދާޅުވެފައެވެ.

މިއީ އިރާނުން ރަޝިއާ އަށް ޑްރޯން ފޯރުކޮށްދިންކަމަށް އެއްބަސްވި ފުރަތަމަ ފަހަރެވެ.

އިރާންގެ ފޮރިން މިނިސްޓަރު ވަނީ އެގައުމުން ރަޝިއާ އަށް ފޮނުވާފައި ވަނީ މަދު އަދަދެއްގެ ޑްރޯންތަކެއް ކަމަށް ވެސް ވިދާޅުވެފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ ވަޏީ އިރާނުން ހަދަނީ ދޮގު ކަމަށާއި ކޮންމެ ދުވަހަކު ވެސް ރަޝިއާ އިން މަދުވެގެން އިރާންގެ 10 ޑްރޯން ބޭނުންކޮށްގެން ޔޫކްރެއިނަށް ހަމަލާދޭކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އިރާންގެ ފޮރިން މިނިސްޓަރު ވަނީ މިހާރު އެގައުމުން ރަޝިއާ އަށް ޑްރޯން ސަޕްލައިކުރަމުން ނުދާކަމަށް ވިދާޅުވެފައެވެ.

ޑްރޯންގެ އިތުރުން މިސައިލް ވެސް އިރާނުން ރަޝިއާ އަށް ސަޕްލައިކޮށްފައިވާކަމަށް ހުޅަނގުން ތުހުމަތުކުރާ ގުޅިގެން އިރާންގެ ފޮރިން މިނިސްޓަރު ވަނީ އެކަން ދޮގުކުރައްވާފައެވެ. އެގޮތުން މިނިސްޓަރު ވަނީ އެގައުމުން ރަޝިއާ އަށް މިސައިލް ސަޕްލައިކުރާކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ގޯސް މައުލޫމާތެއް ކަމަށް ވިދާޅުވެފައެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޔޫކްރެއިނުން ވަނީ އެ ގައުމަށް ރަޝިއާ އިން ދޭ ޑްރޯން ހަމަލާތައް އިތުރުވެފައިވާކަމަށް ބުނެފައެވެ. ހާއްސަކޮށް އުމްރާނީ ބިނާތަކަށާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށް އިރާނުން އުފައްދާ ޝާހިދު-136 ޑްރޯން ބޭނުންކޮށްގެން ހަމަލާދޭކަމަށް ޔޫކްރެއިނުން ވަނީ ބުނެފައެވެ. ނަމަވެސް ރަޝިއާ އިން ވަނީ އެގައުމުން ޔޫކްރެއިނަށް ހަމަލާދިނުމަށް އިރާންގެ ޑްރޯން ބޭނުންނުކުރާ ކަމަށް ބުނެފައެވެ.

މިދިޔަ މަހު އިރާންގެ ދެ ޑިޕްލޮމެޓުންނާ ހަވާލާދީ ރޮއިޓަރސް އިން ވަނީ އިރާނުން ރަޝިއާ އަށް ސަރފޭސް ޓު ސަރފޭސް މިސައިލާ އިތުރު ޑްރޯން ފޯރުކޮށްދޭން އެއްބަސްވެފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

އޮކްޓުބަރު ހަ ވަނަ ދުވަހު އިރާންގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު މުޚްބަރް އާއި އެގައުމުގެ ރިވޮލިއުޝަނަރީ ގާޑުގެ އިސް ދެ އޮފިޝަލުންގެ އިތުރުން އިރާން ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ އޮފިޝަލަކު ވަނީ ރަޝިއާ އަށް ވަޑައިގަންނަވާފައެވެ. މިބޭފުޅުންގެ ދަތުރުފުޅުގައި އިރާނުން ރާޝިއާ އަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ރަޝިއާ އިން އިތުރު ޑްރޯން އާއި އިރާންގެ ބެލެސްޓިކް މިސައިލަށް އެދިފައިވާކަމަށް އިރާންގެ ޑިޕްލޮމެޓުންނާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވެއެވެ. ހާއްސަކޮށް ފާތިހު އަދި ޒުލްފަޣަރްގެ ހާއްސަ މިސައިލަށް ރަޝިއާ އިން އެދިފައިވާކަމަށް ޑިޕްލޮމެޓުން ފާހަގަކުރެއެވެ.

މިކަން ހުޅަނގުގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން އިރާނުން ރަޝިއާ އަށް ކުރު ރާސްތާ ބެލެސްޓިކް މިސައިލް ފޯރުކޮށްދޭން އެއްބަސްވެފައިވާކަމަށް ހުޅަނގުގެ އޮފިޝަލު ފާހަގަކުރިއެވެ.

މިގޮތަށް ހަތިޔާރު ބަދަލުކުރުމަކީ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ 2015 ވަނަ އަހަރުގެ ރިސޮލިއުޝަނާ ހިލާފަށް ކުރެވޭ ކަމެއް ކަމަށް ހުޅަނގުގެ އޮފިޝަލުން ބުނަމުންދާ ބުނުމަށް އިރާންގެ ޑިޕްލޮމެޓުން ވަނީ ނޫނެކޭ ބުނެފައެވެ. އިރާންގެ ޑިޕްލޮމެޓުން ވަނީ ހަތިޔާރު ވިއްކުމަށްފަހު އެ ހަތިޔާރު ގަންނަ މީހުން އެ ބޭނުން ކުރާ ތަނަކީ ވިއްކާ މީހާ އާ ބެހޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ޔޫކްރެއިން ރަޝިއާ ހަނގުރާމާގައި ހުޅަނގުގެ ގައުމުތައްހެން އިރާނުން ވަކި ކޮޅެއް ނުނަގާ ކަމަށާއި އެ ގައުމުން އެދެނީ ދެގައުމުގެ ދެމެދު މަޝްވަރާކުރެވި ޑިޕްލޮމެޓިކް އުސޫލުން ހަނގުރާމަ ނިމެން ކަމަށް އިރާންގެ ޑިޕްލޮމެޓުން ވަނީ ވިދާޅުވެފައެވެ.

އިރާނުން ރަޝިއާ އަށް ހަތިޔާރު ފޯރުކޮށްދޭކަމަށް ބުނެ ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން މަޝްވަރާކުރުމަށް ތައްޔާރަށް އޮތްކަމަށް ރަޝިއާ އާއި އިރާނުން ބުނި ނަމަވެސް ޔޫކްރެއިނުން މަޝްވަރާތަކަށް ހާޒިރުވެފައި ނުވާކަމަށް އިރާންގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް