Advertisement
ކ. މާލެ
|
5 ނޮވެންބަރ 2022 | ހޮނިހިރު 11:39
ނ. މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަންގެ ތެރެއިން މަގޫދޫ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް ވޯޓުލުން ކުރިއަށްދަނީ
ނ. މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަންގެ ތެރެއިން މަގޫދޫ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް ވޯޓުލުން ކުރިއަށްދަނީ
އިލެކްޝަންސް ކޮމިޝަން
ބައި-އިލެކްޝަން
ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް
ހަވީރު 4 ޖެހުމާއި ހަމައަށް ވޯޓްލުން ކުރިއަށްދާނެ

ނ. މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ މި 2 ދެ ބައި-އިލެކްޝަންގެ ވޯޓުލުން ހޮނިހިރު ދުވަހުގެ ހެނދުނު 8 ޖެހިއިރު ފަށާފައިވާ ކަމަށެވެ. އަދި ހަވީރު 4 ޖެހުމާއި ހަމައަށް ވޯޓްލުން ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވިއެވެ. ހަސަން ޒަކަރިއްޔާ ވިދާޅުވީ އަދި މިހާތަނަށް ވޯޓުލާފައިވަނީ 238 މީހުން ކަމަށެވެ. މި ދެ ފޮއްޓަށް ވެސް ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 995 އެކެވެ.

މި 2 ބައި- އިލެކްޝަންގައި ވޯޓުލުމަށްޓަކާ ޖުމްލަ 3 ފޮއްޓެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަހައްޓާފައެވެ. އެއީ މަގޫދޫ ސްކޫލުގައި ބަހައްޓާފައިވާ ފޮއްޓަކާއި، ކަލައިދޫ ސްކޫލުގައި ބަހައްޓާފައިވާ ފޮށީގެ އިތުރުން، މާލޭގައި ދިރިއުޅޭ މި 2 ރަށުގެ ރައްޔިތުން ވޯޓުލުމަށްޓަކާ އިމާދުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށްފަހު 40 ވަރަކަށް ބައި އިލެކްޝަން މިހާތަނަށް ބާއްވާފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ސެކެރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ހަސަން ވިދާޅުވީ އެންމެ ޚަރަދު ކުޑަކޮށް ވެސް ބާއްވާ ބައި އިލެކްޝަނަށް އެއްލައްކަށްވުރެން ގިނަ ރުފިޔާ ހޭދަވާ ކަމަށެވެ.

Advertisement

މި ކުރެވޭ ޚަރަދުތަކަށް ބަލާއިރު އެންމެ އެދެވޭ ނަތީޖާތައް ފެނޭތޯ ސުވާލު އުފައްދަވާ ހަސަން ވިދާޅުވީ، ވޯޓް ލުމަށް ވެސް ނިކުންނަ މީހުންގެ އަދަދު މަދުވުމުން މިއީ ރައްޔިތުންގެ ފައިސާއިން ކުރެވޭ ބޮޑު އިސްރާފެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ހަސަން ވިދާޅުވި ގޮތުގައި ބައި އިލެކްޝަންތަކާ ގުޅޭގޮތުން އީސީ އިން ޤާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ މައިގަނޑު ސަބަބަކީ، ބައި އިލެކްޝަން ބާއްވަމުންދާ ގޮތުން ދައުލަތަށް އުފުލަންޖެހޭ މާލީ ބުރަ ބޮޑުވެގެންދިއުމާ އިލެކްޝަންސް ކޮމިޝަންގެ މަސައްކަތަކަށް ވެސް މިކަމުގެ ސަބަބުން ބުރޫ އެރުމެވެ.

ހަސަން އިތުރަށް ވިދާޅުވީ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ނުކުރެވި މުއްދަތުތައް ފަހަނައަޅާދާ ކަމަށެވެ. އަދި ބައި އިލެކްޝަން އިތުރުވާވަރަކަށް ރައްޔިތުން ވޯޓުލާން ނިކުންނަ އިންސައްތަ މަދުވާ ކަމަށާއި އޭގެ ސަބަބުތަކުގެ ތެރޭގައި ރައްޔިތުން ފޫހިވުން ނުވަތަ އެންމެ ފުރިހަމަ މައުލޫމާތު ނުލިބުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވިއެވެ.

ބައި އިލެކްޝަންތައް އަވަސް އަވަހަށް ކައިރި ކައިރީގައި ބޭއްވުމުން ނުރަނގަޅު ނަތީޖާތައް ނިކުންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް