ކ. މާލެ
|
3 ނޮވެންބަރ 2022 | ބުރާސްފަތި 10:29
މޮދީރާ އަވަށުގެ ކޮންމެ ގޭބިސީއަކަށްވެސް މަދުވެގެން 1 ކިލޯވޮޓްގެ ހަކަތަ ދޫކޮށްފައި ވާ އިރު، އެއިން ބާކީވާ މިންވަރު ސަރުކާރަށް ގަނޭ
އިންޑިއާގެ ސޯލާ ވިލެޖް
އިންތިޚާބީ އަހަރެއްގައި މޯދީގެ ގުޖުރާތު ސްޓޭޓްގެ އަވަށަކަށް އިރުގެ އަވިން ހިނިތުންވުން
ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންޑިއާއަކީ ޖައްވު ހޫނުކުރާ ކާބަންގެ ވިހަ ގޭސް، 3 ވަނައަށް އެންމެ ގިނަ ޢަދަދަކަށް ބޭރު ކުރަމުންދާ ޤައުމު
މިކަމުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުދާ އުފެއްދޭ މިންވަރު ވަނީ އިތުރުވެފައި
ޕަރަޖަޕަތީގެ އަވަށަކީ އިރުގެ އަވިން އުފައްދާ ހަކަތައިން 24 ގަޑިއިރު ކަރަންޓް ލިބޭ އިންޑިއާގެ ފުރަތަމަ އަވަށް

ވަރުބަލިކަމެއް ނެތި މަށި ޖަގުތަކާއި މާވަށިތައް ބައްޓަން ކުރަމުން ދިޔަ ކީސާ ބާއީ ޕަރަޖަޕަތީގެ މޫނު މަތިން ފެންނަމުން ދިޔައީ ހިނިތުންވުމާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިއަށް ބަލާ ކަމުގައި ވާ ނަމަ، އިންޑިއާގެ ގުޖުރާތުގެ ސްޓޭޓްގެ ދެކުނުގެ އަވަށެއް ކަމަށް މޮދީރާ އަވަށަށް ނިސްބަތްވާ 68 އަހަރުގެ ޕަރަޖަޕަތީގެ އުފެއްދުންތެރިކަން އުޅެނީ މިހާރާ އަޅާ ބަލާއިރު ދެގުނަ ދަށުގައެވެ. އެއީ އަމިއްލަ އަތުން މެޝިނު އަނބުރައިގެން މަށި ބައްޓަން ކުރަން ޖެހޭތީއެވެ. މަށިން ތަކެތި ތައްޔާރު ކުރުމަށް އަމިއްލަ އަތުން މެޝިނު އަނބުރަމުން ދިޔައީ ކަރަންޓަށް ހިނގާ ޚަރަދު ބޮޑުވުމުގެ ސަބަބުންނެވެ. މަހެއްގެ މައްޗަށް 1500 އިންޑިއަން ރުޕީޒް ނުވަތަ 18.5 ޑޮލަރަށް އަރަމުން ދިޔަ ކަރަންޓު ބިލު ކުޑަ ކުރުމުގެ ބޭނުމުގައެވެ.

މިހާރު، ހާލަތު ބަދަލުވެއްޖެއެވެ. މިއަދު ޕަރަޖަޕަތީގެ މެޝިނު އެނބުރެމުން އެދަނީ އިރުގެ އަވިން އުފެއްދި ހަކަތައިންނެވެ. 6500 އެއްހާ މީހުން ދިރިއުޅޭ އެ އަވަށުގައި ފަންނުވެރިން ފުދޭ ވަރަކަށް ދިރިއުޅެއެވެ. ފަހާ މީހުންނާއި، ބޫޓު ހަދާ މީހުންގެ އިތުރުން ދަނޑުވެރިންވެސް އުޅެއެވެ. ޕަރަޖަޕަތީގެ އަވަށަކީ އިރުގެ އަވިން އުފައްދާ ހަކަތައިން 24 ގަޑިއިރު ކަރަންޓް ލިބޭ އިންޑިއާގެ ފުރަތަމަ، އަވަށް ކަމުގައި އެ ޤައުމުގެ ސަރުކާރުން ހަމަޖެއްސީ ހުސްވި އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މިހާރު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުދާ އުފެއްދޭ މިންވަރު އިތުރުވެއްޖެ. މީގެ ކުރިން ޖިސްމާނީ ގޮތުންވެސް އަހަރަމެން ބޮޑެތި ޤުރުބާނީތަކެއް ވާންޖެހޭ މި ފުރޮޅުގަނޑު، އަމިއްލަ ހަށިގަނޑުގަ ހުރި ބާރެއްލާފަ އަނބުރަން. މިހާރު އެކަން ކުރަން ނުޖެހޭ، އިރުގެ އަވިން ލިބޭ ހަކަތައިން އެކަން ކުރާތީ. އެހެންވެ، ކަރަންޓުގެ ސަބަބުން އަހަރަމެންނަށް ވަރަށް ވަގުތު ސަލާމަތް ކުރެވޭ. އަދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގަ، މާ ގިނަ ސާމާނު އެބަ އުފެއްދޭ.
ކީސާ ބާއީ ޕަރަޖަޕަތީ؛ މަށިން އެއްޗެހި ހަދާ މީހެއް

ދުނިޔޭގެ ނިސްބަތުން ބަލާއިރު، އިންޑިއާއަކީ ޖައްވު ހޫނުކުރާ ކާބަންގެ ވިހަ ގޭސް، 3 ވަނައަށް އެންމެ ގިނަ ޢަދަދަކަށް ބޭރު ކުރަމުންދާ ޤައުމެވެ. އިންޑިއާއިން އަމާޒު ހިފާފައި ވަނީ، 2030 ވަނަ އަހަރު އަންނައިރު، އެ ޤައުމުން ހަކަތައަށް ކުރާ ޑިމާންޑްގެ 2 ބައިކުޅަ އެއް ބަޔަކީ، އިރުގެ އަވީގެ އިތުރުން ވައި ފަދަ، އިޔާދަކުރަނިވި މަސްދަރުތަކުން އުފައްދާ ހަކަތައަށް ހެދުމަށެވެ. ޑިސެމްބަރު 2021 ގައި އިންޑިއާގެ ސަރުކާރުން ބުނެފައި ވާ ގޮތުގައި، އެ އަމާޒުގެ 40 ޕަސެންޓް އޮތީ ހާޞިލު ކުރެވިފައެވެ.

މޮދީރާގައި ކުރިއަށް ގެންދިޔަ މަޝްރޫއަށް ފަންޑުކޮށްފައި ވަނީ އިންޑިއާގެ މައި ސަރުކާރުގެ އިތުރުން ޕްރޮވިންޝަލް ސަރުކާރުންނެވެ. އެ މަޝްރޫއަށް ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ޚަރަދުވިއެވެ. އެ މަޝްރޫޢުގެ ދަށުން، އަމިއްލަ ގެތަކާއި ސަރުކާރުގެ އިމާރާތްތައް ހިމެނޭހެން، 1300 ފުރާޅެއްގައި ސޯލަރ ޕެނަލްތައް ހަރުކުރިއެވެ. އެ ޕެނަލްތަކުން އުފައްދާ ހަކަތަ ޖަމާ ކުރަމުން ދިޔަ ހަކަތަ އުފައްދާ ޕްލާންޓަކަށެވެ.

މޮދީރާ އަވަށުގެ ކޮންމެ ގޭބިސީއަކަށްވެސް މަދުވެގެން 1 ކިލޯވޮޓްގެ ހަކަތަ ދޫކޮށްފައި ވާ އިރު، އެއިން ބާކީވާ މިންވަރު ސަރުކާރަށް ގަނެއެވެ. އަމިއްލަ ބޭނުންތަކަށް ފުދި، ބާކީ ވާ ބައި، އިންޑިއާ ސަރުކާރުން ގަންނަނީ ކޮންމެ ޔުނިޓެއް 2.25 އިންޑިއަން ރުޕީޒް ނުވަތަ 0.0273 ޑޮލަރުގެ މަގުންނެވެ.

އަހަރަމެން ދަނީ ދޮރުން-ދޮރަށް. ގޮސް، މީޓަރު ބަލާފަ، އަވަށު މީހުންނަށް ބިލު ދެނީ. އަހަރަމެންގެ ޒިންމާއަކީ، މީޓަރު ބަލަފަ، ބަކީ ނުވަތަ ކްރެޑިޓަށް ވަރެއް އޮތިއްޔާ އެކަން އެމީހުންނަށް އެނގުން. ނޫނީ ބިލު ދައްކަން ޖެހެންޏާ އެކަންވެސް އެމީހުންނަށް އެންގުން.
ޝްވެތާ ޕަޓޭލް؛ އިލެކްޓްރިސިޓީ ޑިސްޓްރިބިއުޝަން ކޮމްޕެނީގެ ޖޫނިއަރ އެސިސްޓަންޓް

ފެހުމުގެ މަސައްކަތުގައި އުޅޭ، ޢުމުރުން 43 އަހަރުގެ ޕަރްވީން ބާއީ ވިސްނައިގެން ހުރީ އެ ފައިސާއިން ދިރިއުޅުން އިތުރަށް ލުއިފަސޭހަކޮށް، ތިމާވެށީގެ ތަޣައްޔަރުކަން ކުޑަ ކުރުމަށެވެ. އެގޮތުން، އޭނާ ވިސްނައިގެން ހުރީ ގޭސް އުނދުނަކަށް އިންވެސްޓް ކުރާށެވެ. އަވަށުގެ ގިނަ ގޭބިސީތަކުގައި އަދިވެސް ކައްކަނީ ދަރު އުނދުނުގައެވެ.

މީގެ ކުރިން އަހަރަމެން އުޅުނު ގޮތަށް، މަށި އަވަންތައް ރޯކުރާކަށް ނުޖެހޭ މީހާރު. މިހާރު، ގޭސް އަވަން ބޭނުންކޮށްގެން އަހަރަމެންނަށް ކާބޯތަކެތި ތައްޔާރު ކުރަން ފެށޭނެ.
ޕަރްވީން ބާއީ؛ ފަހާ މީހެއް

ދަރިންގެ ތަޢުލީމީ މުސްތަޤުބަލުވެސް ފެންނަނީ އުޖާލާ ކޮށެވެ.

ކުރިން، އަހަރެން ދަރިންނަށް ކިޔަވާ ދެނީ މަގު ބައްތިތަކުގެ ދަށުގަ ތިބެގެން، އެ އަލީގަ. އެކަމަކު މިހާރު، ގޭ ތެރޭގަ ތިބެގެން އެކުދިންނަށް ކިޔެވޭނެ.
ޕަރްވީން ބާއީ؛ ފަހާ މީހެއް

ރީނާ ބެންއަކީވެސް ޕަރޓް ޓައިމްކޮށް ފެހުމުގެ މަސައްކަތް ކުރާ މީހެކެވެ. ގެވެހި އަންބެއްގެ ގޮތުގައި އިން ރީނާ ބުނާ ގޮތުގައި އިރުގެ އަވިން އުފައްދާ ހަކަތަ ލިބެން ފެށުމާއެކު، އޭނާގެ މަސައްކަތަށްވެސް ބޮޑު ލުޔެއް ވަނީ ލިބިފައެވެ.

ކުރިން، އަހަރެން ފަހާ އުޅުނީ ފައިން އަނބުރާ ފަހާ ފޮއްޓަކުން. މާ ގިނައެއްކޮށް ނުފެހޭ އޭރު. އެކަމަކު، އިރުގެ އަވިން އުފައްދާ ހަކަތަ ލިބެން ފެށީމަ، މޯޓަރުލީ ފަހާ ފޮއްޓެއް ގަތީ މި، ގާޓްގަނޑަކަށް 2000 ރުޕީޒްއަށް. މިހާރު ދުވާލެއްގެ މައްޗަށް 1 ހެދުން ނޫނީ 2 ހެދުން ވަރު، އިތުރަށް ފަހާލެވޭ. އެހެންވެ، އިތުރު ފައިސާ ހޯދަން އެހީއަކަށްވޭ. ދަރިން ރަނގަޅަށް ބޮޑު ކުރެވޭނެ ދެން. މީގެ ކުރިން، ރޭގަނޑުގެ ވަގުތުތަކުގަ މަށަކަށް މަސައްކަތެއް ނުކުރެވޭ، ބޮކި ދިއްލައިގެން އުޅެން ވީމަ، ކަރަންޓުގެ އަގު ބޮޑު ކަމުން. ސޯލަރ ކަރަންޓު ލިބެން ފެށީމަ، ރޭގަނޑުވެސް ދެން މަށަށް މަސައްކަތް ކުރަން އިނދެވޭނެ.
ޕަރްވީން ބާއީ؛ ފަހާ މީހެއް

މޮދީރާ އަވަށް ނިސްބަތްވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ އުފަން ސްޓޭޓް ކަމަށް ވާ ގުޖުރާތަށެވެ. މި އަހަރަކީ އިންތިހާބީ ނަޒަރިއްޔާއިން ބަލާއިރު، ގުޖުރާތަށް މުހިންމު އަހަރެކެވެ.

- ކޮމެންޓް