ކ. މާލެ
|
31 އޮކްޓޯބަރ 2022 | ހޯމަ 07:56
މުބާރާތުގެ އިވެންޓުގެ ތެރެއިން
މުބާރާތުގެ އިވެންޓުގެ ތެރެއިން
ޔޫތު މިނިސްޓްރީ
މޯލްޑިވްސް ޓެނިސް ޗެލެންޖް
މޯލްޑިވްސް ޓެނިސް ޗެލެންޖް އަންނަ މަހު 15ގައި
މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް

މޯލްޑިވްސް ޓެނިސް ޗެލެންޖް އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

މިއީ ރާއްޖެއިން މިއަހަރުގެ ތެރޭގައި ބާއްވާ ބައިނަލްއަޤުވާމީ އަށް ވަނަ މުބާރާތެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި ރާއްޖޭގެ އިތުރުން ފަސް ޤައުމެއް ބައިވެއިވާނެއެވެ. އެއީ ސްރީ ލަންކާ، ބަހްރެއިން، ތައިލެންޑް، އޮމާން އަދި މެލޭޝިޔާއެވެ. ޖުމުލަ ހަ ޤައުމަކުން 50 ކުޅުންތެރިން މުބާރާތުގައި ވާދަކުރާނެއެވެ. އޭގެ ތެރޭގައި ޤައުމުތަކުގެ ޤައުމީ ރޭންކުގެ ކުރީގައި ހިމެނޭ ކުޅުންތެރިން ވެސް ވާދަކުރާނެއެވެ. މުބާރާތް ކުރިއަށް ދާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށް، 14 އަހަރުން އަށް އަދި ޖޫނިއާ އޯޕަންއެވެ.

މި މުބާރާތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވީ މިއީ ރާއްޖޭގެ ޓެނިސް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ޓެނިސް ކުޅުންތެރިންނަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޚާއްސަކޮށް ޓެނިހުގެ މިކަހަލަ އިންވިޓޭޝަނަލް މުބާރާތެއް އަޅުގަނޑުމެންގެ ޒުވާން ކުޅުންތެރިންނަށް އަމާޒުކުރެވިގެން ބޭއްވޭ ކަމީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އޭގެ ވަރަށް ރަނގަޅު ފައިދާތަކެއް ކުރާނެ ކަމެއް.
އަޙުމަދު މަޚްލޫފް / މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް

މީގެ އިތުރުން ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ ވައުދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން ރާއްޖޭގެ ކުޅިވަރާއި އަދި ރާއްޖެ އަށް އެކަމުން ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ މުބާރާތުގައި ވާދަ ކުރާ ދިވެހި ކުޅުންތެރިންނަށް ކާމިޔާބަށް ވެސް އެދިވަޑައިގެންފައެވެ.

ރާއްޖޭގައި ބާއްވާ ޓެނިސް މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވަނީ 10،800 އެމެރިކާ ޑޮލަރެވެ.

- ކޮމެންޓް