ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް މަޝަރޫއުގެ ދަށުން، ޑިޒައިން-ބިލްޑް-ފައިނޭންސް-އޮޕަރޭޓް އެންޑް ޓްރާންސްފަރ އުސޫލުން ގ.އ މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ 3 ފިޔަވައްސަކަށް ބަހާލައިގެން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މެރިކަލްޗަރ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެކުއަބްރިޖް ކުންފުންޏާއި ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ހެޗަރީ ފަރުމާކޮށް، ބިނާކޮށް ހިންގުމަށް 21 އަހަރުދުވަހަށް ކުރެވުނު މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އީނާސް ނަސީރެވެ. އަދި އެކުއަބްރިޖްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ތަބީޝްއެވެ.
21 އަހަރު ދުވަހަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން އަކުއަބްރިޖް ކުންފުނިން 3 ފިޔަވައްސަކަށް ބަހާލައިގެން މާނާގަލާގައި 16 މިލިއަން ޑޮލަރު އިންވެސްޓު ކުރުމަށް އެއްބަސްވެފައިވެއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން މިހާތަނަށް ވަނީ 3.8 މިލިއަން ޑޮލަރުގެ ސަޕޯޓް އިންފްރާސްޓްރަކްޗަރ މާނާގަލާގައި ގާއިމް ކޮށްފަ އެވެ.
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ މާނާގަލާގައި އެޅުމަށް އެއްބަސްވެވުނު މި ހެޗަރީއަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ކުރުމަށް ހުޅުވިގެންދާ ފުރުސަތެއް ކަމަށާއި މި ހެޗަރީގެ އިތުރުން މެރިކަލްޗަރ ކޮށްގެން ޑިނގާ އާލާކުރުން ހިމެނޭހެން ރަށްތަކެއް ކަނޑައެޅާ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
އެކުއަބްރިޖްގެ ސީ.އީ.އޯ. މުހައްމަދު ތަބީޝްގެ ވާހަކަފުޅުގައި މާނާގަލާގައި މި އިމާރާތްކުރާ ހެޗަރީގައި ދިވެހިން ގެ ތެރެއިން މިކަމަށް ޝައުގުހުރި ފަރާތްތަކުން މެރިކަލްޗަރ ކުރުމަށް ތަމްރީން ވުމުގެ ފުރުސަތު އޮތް ކަމުގައި ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގައި ވާގޮތުން އަކުއަބްރިޖް-ޔުނައިޓަޑް އަރަބް އެމިރޭޓްސް އިން އަހަރަކު 5 މިލިއަން ފާނަ، 2 މިލިއަން ހުފިލަނޑާ އަދި ދޮށީގެ މަސްވެރިކަމުގައި ދިރޭއެމުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި އަހަރަކު 150 ޓަނުގެ ބޭންގު އާލާކޮށް ވިއްކުމަށް ހަމަޖެހިފައިވެއެވެ.