ކ. މާލެ
|
29 އޮކްޓޯބަރ 2022 | ހޮނިހިރު 07:42
ޗެމްޕިއަންކަން ހޯދި އެމްއެންޔޫބީއެސް
ޗެމްޕިއަންކަން ހޯދި އެމްއެންޔޫބީއެސް
އެމްއެންޔޫއެސްޔޫ
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ
ސީއެފްއެސް ބަލިކޮށް، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްއެންޔޫބީއެސްއިން ހޯދައިފި
 
އެމްއެންޔޫބީއެސްއިން މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ސީއެފްއެސް ބަލިކޮށްގެން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިން އިންތިޒާމުކޮށްގެން ބޭއްވި ލެކްނޯ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްއެންޔޫ ބިޒްނަސް ސްކޫލުން ހޯދައިފިއެވެ.

ހުކުރު ދުވަހުގެ ރޭ މާފަންނު ޓާފްގައި ކުރިއަށް ދިޔަ ފައިނަލް މެޗުގައި އެމްއެންޔޫބީއެސްއިން ވަނީ، ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް)ގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗު އެމްއެންޔޫބީއެސްއިން ކާމިޔާބުކުރީ 0-2ންނެވެ. މެޗުގެ ދެ ލަނޑުވެސް ޖެހީ އެމްއެންޔޫބީއެސްގެ ފިރުޝާނާ ނަސީރުއެވެ. އެއީ މެޗުގެ އަށްވަނަ މިނެޓާއި 17 ވަނަ މިނެޓުގައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާއެވެ.

މިއީ އެމްއެންޔޫގެ ޓީމަކުން އަންހެން ޑިވިޝަންގެ ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަންހެން ޑިވިޝަންގެ މުބާރާތް އެންމެ ފުރަތަމަ ތައާރަފްކުރީ 2018 ވަނަ އަހަރުއެވެ. އެ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ކްލިކް ކޮލެޖުންނެވެ. ޖެހިގެން އައި 2019 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ އެމްއައި ކޮލެޖުންނެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު މުބާރާތް ބާއްވާފައެއްނުވެއެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފެއަރ ޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ، ފެކަލްޓީ އޮފް ހެލްތު ސައިންސްގެ އައިމިނަތު ޝަފާނާ އަލީއެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ މަރިޔަމް ރިޝްމާއެވެ. އެންމެ މޮޅު ސަޕޯޓިންގ ޓީމަކަށް ހޮވުނީ ސްކޫލް އޮފް މެޑިސިންއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކަށް ހޮވުނީ ކްލިކް ކޮލެޖުގެ ޝީނީޒް މުހައްމަދުއެވެ. މި ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކްލިކް ކޮލެޖުގެ ރޮވީނާ މަރިޔަން، އެމްއެންޔޫބީއެސްގެ އާމިނަތު ޝަފްނާ، ސީއެފްއެސްގެ ފާތިމަތު ނިހާމާ، އައިޝަތު ލައިޝާ މަޖީދު އަދި އައިމިނަތު އާޔާ އިގްބާލް (ކީޕަރު)އެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެމްއެންޔޫބީއެސްގެ ފިރުޝާނާއެވެ.

މިއީ އެމްއެންޔޫއެސްޔޫއިން އިންތިޒާމުކޮށްގެން ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާއަށް ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު ބޭއްވީ މީގެ އަށްވަނަ މުބާރާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް