ޗެލްސީގެ އައު ޓެކްނިކަލް ޑިރެކްޓަރަކަށް ލޯރެންސް ސްޓެވާޓް ހަމަޖައްސައިފިއެވެ.
މި މަގާމަށް ސްޓެވާޓް ހަމަޖެއްސިކަން ޗެލްސީން އިއުލާނުކުރީ ބުދަ ދުވަހު އެކްލަބުން ނެރުނު ނޫސް ބަޔާނެއްގައެވެ. ޗެލްސީގެ ޓެކްނިކަލް ޑިރެކްޓަރަކަށް ސްޓެވާޓް ހަމަޖެއްސިއިރު އޭނާ މަސައްކަތް ކުރަމުން އައީ މޮނާކޯގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައެވެ.
މަގާމާއި ހަވާލުވުމަށްފަހު ސްޓެވާޓް ބުނީ ޗެލްސީ އާއެކު މަސައްކަތް ކުރުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ތައްޔާރަށް ހުރިކަންވެސް އޭނާ ފަހަގަކުރިއެވެ.
ކްލަބުގެ އައު އޯނަރު ޓޮޑް ބޯލީ ބުނީ އަލުން ޓިމު އާރާސްތުކޮށް ރަނގަޅު ސްޕޯޓިންގ ޓީމެއް ބިނާ ކުރުމުގައި ސްޓެވާޓަކީ ޗެލްސީއަށް ވަރަށް މުހިންމު މީހެއް ކަމަށެވެ. އަދި ސްޓެވާޓްގެ އެހީތެރިކަމާއެކު ކުޅުންތެރިންގެ ފެންވަރު ރަނގަޅަށް ވަޒަންކުރެވި، ޓީމު އިތުރަށް ކުރިއެރުވޭނެކަމަށް ވެސް ޓޮޑް ބޯލީ ބުންޏެވެ.
ޗެލްސީގެ އައު އޯނަރު ޓޮޑް ބޯލީ ކުލަބާ ހަވާލުވެ އޭނާ އަންނަނީ ކުލަބަށް ބަދަލުތަކެއް ގެންނަމުންނެވެ. މިއީ އޭގެ ތެރެއިން އޭނާ ގެނައި މުހިންމު ބަދަލެކެވެ.