ކ. މާލެ
|
24 އޮކްޓޯބަރ 2022 | ހޯމަ 18:13
ސްޓެލްކޯ ގެ އެމްޑީ އަހުމަދު ޝަރީފް
ސްޓެލްކޯ ގެ އެމްޑީ އަހުމަދު ޝަރީފް
ސްޓެލްކޯ
އެފްއޭއެމް އިން ކަރަންޓު ކަނޑާލުން
ޝަރީފު އެފްއޭއެމްއަށް، ބިލްތައް ދައްކައި ހަލާސްކުރޭ، ކަރަންޓު ދޭނަން
ޝަރީފު ވިދާޅުވީ ކަރަންޓު ކަނޑާލީ އިހުލާސްތެރި ނިޔަތެއް އޮވެގެން ނޫން ކަމަށް ނުބުނެވޭނެ ކަމަށް
އެފްއޭއެމް އިން ދައްކަން ޖެހޭ ފައިސާގެ އަދަދު 6.5 މިލިއަން ރުފިޔާއަށް އަރާ
ފައިސާ ދައްކަން ފުރުސަތު ދިން ކަމަށް ސްޓެލްކޯއިން ބުނޭ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސް އިން ކަރަންޓު ކަނޑާލީ އިހުލާސްތެރި ނިޔަތެއް ނެތިގެންނޫން ކަމަށާއި ބިލުތައް ދައްކައި ޚަލާސް ކުރުމުން އަނބުރާ ކަރަންޓު ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ސްޓެލްކޯގައި އެކި ރަށްރަށުގެ ކައުންސިލްތަކާއެކު އެމްއޯޔޫތަކެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ސްޓެލްކޯއިން ތަނަކުން ކަރަންޓުގެ ޚިދުމަތް ކަނޑާލަނީ އިހުލާސްތެރި ނިޔަތެއް ނެތިގެން ނޫން ކަމަށާއި ބޭނުންވަނީ އެ ޚިދުމަތުން ނަގާ ފީކަމަށެވެ.

ޝަރީފު ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން އިންވެސްޓް ކުރަނީ ޚިދުމަތުން ނަގާ ފީގެ މައްޗަށް ބިނާކޮށް ކަމަށާއި އެ ފައިސާ ނުދައްކާނަމަ އެކަމަށް ބުރުއަރާނެ ކަމަށެވެ.

އެފްއޭއެމުން ކަރަންޓު ކަނޑާލުމާ ގުޅިގެން އެއީ އިހުލާސްތެރި ނިޔަތެއްގައި ކުރި ކަމެއް ނޫންކަމަށް ބުނެ އެ އެސޯސިއޭޝަނުން ނެރުނު ބަޔާނަށް ރައްދު ދެއްވައި ޝަރީފު ވިދާޅުވީ އެގޮތަށް ނުބުނެވޭނެ ކަމަށެވެ. އަދި 6.5 މިލިއަން ރުފިޔާ އެރިއިރު އެ ފައިސާ ނުދައްކާ ތިބީ ކޮން ނިޔަތެއް އޮވެންގެންތޯ ސުވާލު އުފައްދަވައި ކަރަންޓު ބިލުތައް ދެއްކުމުން ކަރަންޓު ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު ދަންނަވާނީ 6.5 މިލިއަން ރުފިޔާ އަރަންދެން ކޮން ނިޔަތެއް އޮވެގެންތޯ ތިބީ. އަވަހަށް ފައިސާ ދައްކަވާ. އަޅުގަނޑު ދަންނަވާލާނީ އެފްއޭއެމްއަށް ބަޔާންތައް ނެރުއްވާނެ ކަމެއް ނެތޭ. އަޅުގަނޑުމެން ތިބޭފުލޫން ރައްދު ދީ ބަޔާންތައް ނެރުމުގެ ބޭނުމެއް ނެތް. އަވަހަށް ދައްކަން ޖެހޭ ބިލުތައް ދައްކވައި ހަލާސް ކުރައްވާ. އަޅުގަނޑުމެން ކަރަންޓު ދޭނަން،
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު

އެފްއޭއެމް އިން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްވެސް ކަރަންޓް ބިލެއްގެ ފައިސާ ނުދައްކާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. އެ ކުންފުނިން ސްޓެލްކޯއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 6.5 މިލިއަން ރުފިޔާއަށް އަރާފައިވާއިރު އެފްއޭމް ހައުސް އިން ވަނީ ކަރަންޓު ކަނޑާލައިފައެވެ. އަދި ފައިސާ ނުދައްކާނަމަ އެ އެސޯސިއޭޝަންގެ އެހެނިހެން ތަންތަނުންވެސް ކަރަންޓު ކަނޑާލަން ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

އެފްއޭމް ހައުސް އިން ކަރަންޓުގެ ހިދުމަތް މެދުކަނޑައިލަން ޖެހުނީ، އެ އެސޯސިއޭޝަނުން ސްޓެލްކޯ އަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ގިނަ ފުރުސަތުތަކެއް ދިނުމުން ވެސް އެކަން ކޮށްފައި ނުވާތީ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

- ކޮމެންޓް