އިތުރު 12 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.
ސްޓެލްކޯއިން އަލަށް ހަވާލުވެފައިވަނީ ކ. އަތޮޅާއި ވ. އަތޮޅުގެ ރަށްތަކުގެ މަގުބައްތިތަކާއެވެ. އެގޮތުން، މި މަގުބައްތިތަކާ ހަވާލުވުމަށް އެ ރަށްތަކުގެ ކައުންސިލްތަކާއެކު ސްޓެލްކޯއިން ވަނީ ހޯމަ ދުވަހު އެމްއޯޔޫތަކެއްގައި ސޮއި ކޮށްފައެވެ.
ސްޓެލްކޯއިން ހަވާލުވަމުން އަންނަނީ އެ ކުންފުނިން ޚިދުމަތް ދެމުން އަންނަ ރަށްތަކުގެ މަގުބައްތި މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ މަސައްކަތާއެވެ. މި މަސައްކަތުގެ ދަަށުން މީގެ ކުރިން އެ ކުންފުނިން ވަނީ 17 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ހަވާލުވެފައެވެ.
ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯއިން ސޮއި ކޮށްފައިވަނީ ކ. އަތޮޅުގެ 7 ރަށާއި ވ. އަތޮޅުގެ 5 ރަށުގެ ކައުންސިލްތަކާއެކުގައެވެ. އެއީ
- ކ. ގާފަރު
- ކ. ދިއްފުށި
- ކ. ތުލުސްދޫ
- ކ. ހިންމަފުށި
- ކ. ގުޅި
- ކ. މާފުށި
- ކ. ގުރައިދޫ
- ވ. ފުލިދޫ
- ވ. ތިނަދޫ
- ވ. ފެލިދޫ
- ވ. ކެޔޮދޫ
- ވ. ރަކީދޫ
ސްޓެލްކޯއިން ރާއްޖޭގެ 32 ރަށެއްގައި ޚިދުމަތް ދެމުން އަންނަ އިރު މި 12 ރަށާއެކު މިހާތަނަށް ޖުމްލަ 29 ރަށެއްގެ މަގުބައްތިއާ އެ ކުންފުނިން މިވަނީ ހަވާލުވެފައެވެ.
ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ލާމަރުކަޒީ އުސޫލުން ދާއިރާތައް ހިންގުމުގައި ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެންމެ މުހިންމު ބަދަލަކީ ސިޔާސީ ކުލައަކަށް ބެލުމެއް ނެތި ހުރިހާ ރަށެއްގެ ކައުންސިލްތައް ބާރުވެރިކުރުވުން ކަމަށެވެ. އެގޮތުން، އެކަމާ ގުޅިގެން ހާއްސަ އިރުޝާދުތަކެއް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދެއްވާފައިވާ ކަމަށާއި ރަށްރަށުގެ މަގުބައްތިތަކާ ހަވާލުވަމުން ދަނީ އެ އިރުޝާދާއެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އެ ކުންފުނިން ޚިދުމަތް ދެމުން އަންނަ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުން އެދޭ މިންވަރަށް ސްޓެލްކޯއިން ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކަމުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށާއި ޚިދުމަތް ދިނުމުގައި އެއްވެސް ވަރަކަށް ސިޔާސީ ކުލައެއް ނުޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ޔަގީންކަން މިއަރުވަނީ އަޅުގަނޑުމެން މި ޚިދުމަތް ދިނުމުގައި އެއްވެސް ވަރަކަށް ސިޔާސީ ކުލައެއް ނުޖައްސާނަން. ވަކި ބަޔަކަށް، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ޚިދުމަތް ވަކި ފެންވަރަކަށް ދީފައި، އަނެއް ބަޔަކާ އަޅުގަނޑުމެންނާ އެއް ޚިދޔާލެއްގެ ބަޔަކަށްވާތީ ޚިދުމަތް ވަކި ފެންވަރެއްގައި ދީފައި، އެ ޚިޔާލެއް އަޅުގަނޑުމެން ނުގެންގުޅޭނަން.ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު
ސްޓެލްކޯއިން އެ ކުންފުނިން ޚިދުމަތް ދެމުން އަންނަ ރަށްރަށުގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވަމުން ދަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. އެ ކުންފުނިން ކުރިއަށް އޮތްތާނގައި ޚިދުމަތް ދޭ އެހެނިހެން ރަށްރަށުގެ މަގުބައްތިތަކާ ހަވާލުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.