ކ. މާލެ
|
24 އޮކްޓޯބަރ 2022 | ހޯމަ 11:58
ވިލިލާމެ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު
ވިލިލާމެ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު
ރާއްޖެއެމްވީ
ނިހާންގެ މައްސަލަ
ގިނަ ދައުވާތަކެއް އުފުލާފައިވާ ނިހާންގެ މައްސަލައިގެ ޝަރީއަތް ކެންސަލް
ނިހާންގެ މައްޗަށް ރިޝްވަތަށް އެދުމާއި، ރިޝްވަތު އުފުލުމުގެ ދައުވާ ވަނީ އުފުލާފައި
ހޯމަ ދުވަހުގެ އަޑުއެހުން ކެންސަލް ކުރީ ނިހާންގެ ފަރާތުން އެގޮތަށް އެދުމުން

ރައްޔިތުންގެ މަޖިލީހުގެ ވިލިލާމެ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ގިނަ އަަދަދެއްގެ ދައުވާތަކާއި ގުޅޭ މައްސަލައިގައި ހޯމަ ދުވަހު ބާއްވަން ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ތާވަލުކޮށްފައި އޮތީ ހޯމަ ދުވަހު ހެނދުނު 09:00 އަށެވެ. އެހެންނަމަވެސް ނިހާންގެ ވަކީލުގެ އެދުމުގެ މަތިން އެ މައްސަލަ ވަނީ ކެންސަލްކޮށްފައެވެ. ހޯމަ ދުވަހުގެ އަޑުއެހުން ކެންސަލްކޮށްފައިވާއިރު އޭނާގެ މައްޗަށް ދައުލަތުން އެންމެ ފުރަތަމަ އުފުލީ ހަ ދައުވާއެވެ. އޭގެ ތެރޭގައި ހިމެނެނީ ރިޝްވަތު ހިފުމުގެ ތިން ދައުވާ އާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާގެ އިތުރުން، މަނީ ލޯންޑަރިންގެ ދައުވާއެވެ. އޭގެ ތެރެއިން ރިޝްވަތުގެ ހިފުމުގެ ކުށުގެ އެއް ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ކުރިއަށް ދިޔައީ ދެ ފަރާތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ޝަރީއަތުން ނިންމި ގޮތް ހާމަކުރުމެވެ. މި މައްސަލައިގައި ނިހާންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންގެ ނަން ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާހިލު އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އާއި، ޔޫތް މިނިސްޓަރު އަހުމަދު މަޙްލޫފް ފަދަ ބޭބޭފުޅުން ހިމެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ނިހާންގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅުއްވާފައިވެއެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމަވާފައި ވަނީ ދިފާއީ ހެތްކަކަށް ރައީސް ސާލިހުގެ ނަން ބަލައިނުގަތުމަށެވެ. އެހެންނަމަވެސް ޝަމީމާއި މަހްލޫފް ދިފާއީ ހެއްކެއްގެ ގޮތުގައި ހާޒިރުކުރެވޭނެ ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ބައެއް މެންބަރުން ވެސް ހެކިންގެ ގޮތުގައި ބަލައިގަންނަން ވަނީ ނިންމަވާފައެވެ. މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިމެނިވަޑައިގަންނަވައެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައި ވަނީ ނިހާން ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި އިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހު ރިޝްވަތަށް އެދިވަޑައިގެންފައިވާ ކަަމަށާއި ރިޝްވަތު ގަބޫލު ވެސް ކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް ނިހާންއަށް ލިބިފައިވާ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ހިމެނޭ އަދީބުގެ އެންގެވުމަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓްގެ މައްސަލަ މާލިއްޔަތު ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވަން ނިހާން ނިންމަވާފައިވާ ކަމަށް ދައުލަތުން ބުނެއެވެ. އޭގެ ބަދަލުގައި އަދީބުގެ އަތުން އެއްލައްކަ ފަންސާސް ހާސް ޑޮލަރު ހޯދާފައިވާ ކަމަށް ދައުލަތުން ބުނެއެވެ. އަދި އެ ފައިސާ ޖަމާކޮށްފައި ވަނީ ސިލޯން ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށާއި އެގެ ފަހުން ހަބީބު ބޭންކްގެ އެކައުންޓަކަށް އެ ފައިސާ ފޮނުވުމަށްފަހު, ޕްލެޓިނަމް އެޕާޓްމެންޓަށް ފައިސާ ދެއްކުމުގެ ގޮތުން އެ އެކައުންޓުން އެއް މިލިއަން ނުވަލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ދައުލަތުން ބުނެއެވެ. ނިހާންގެ އެ އަމަލަކީ އެ ފައިސާގެ އަސްލު އޮޅުވާލުން ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް މަނީ ލައުންޑަރ ކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ.

މީގެ އިތުރުން ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ހޮވުމުގެ ވޯޓުލުން ކުރިއަށް ދިޔަ ދުވަސްވަރާއި ދިމާކޮށް ރޮލެކްސް ގަޑިއެއް ބޭނުންވާ ކަމަށް އަދީބު ގާތު ނިހާން ބުނެފައިވާ ކަމަށް ވެސް ދައުލަތުންކޮށްފައިވާ ދައުވާގައި ވަނީ ބުނެފައެވެ. ނިހާންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދީބު އަތުން ނެގި ކަމަށް ބުނާ ހަ ލައްކަ ރުފިޔާ އާއި ގުޅޭ މައްސަލަ ވެސް ހިމެނެއެވެ.

މި ދައުވާތަކަށް ނިހާން އިންކާރުކުރައްވައެވެ.

- ކޮމެންޓް