ކ. މާލެ
|
24 އޮކްޓޯބަރ 2022 | ހޯމަ 07:47
ބޮރިސް ޖޯންސަން
ބޮރިސް ޖޯންސަން
ރޮއިޓަރސް
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އައްޔަނުކުރުން
ބޮޑުވަޒީރުކަމުގެ ރޭހުން ބޮރިސް ބޭރުވެއްޖެ
އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމެވީ ޕާޓީގެ ތެރޭގައި އެއްބައިވަންތަކަން ބޭއްވުމަށް ކަމަށް ވިދާޅުވި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ ރޭހުން އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަމިއްލަފުޅަށް ނުކުމެވަޑައިގެންފިއެވެ.

އާދީއްތަ ދުވަހު ރޭހުގައި ވާދަ ނުކުރައްވާނެކަން އިއުލާންކުރައްވާ ބޮރިސް ނެރުއްވި ބަޔާނުގައި ވިދާޅުވީ އޭނާއަށް ރޭހުގައި ވާދަކުރައްވަން ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތާއީދު ލިބިވަޑައިގެންފައިވާކަމަށެވެ. ނަމަވެސް ބޮޑުވަޒީރު ކަމުގެ ރޭހުގައި މިވަގުތު ކުރީގައި އުޅުއްވާ ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނާކް އަށް އޮތް ތާއީދު އެއަށްވުރެ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ގާބިލުކަން އެބަހުރިކަން ފާހަގަކުރައްވާ ބޮރިސް ވިދާޅުވީ އެގޮތަށް ކަންތައްތައް ކުރެއްވުމަކީ މިހާރުގެ ހާލަތަށް ބަލައި އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެގޮތުން، މަޖިލީހުގައި ޕާޓީގެ އެއްބައިވަންތަކަން ނެތި ސަރުކާރު ހިންގަން ދަތިވާނެ ކަމަށް އޭނާ ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.

ލިޒް ޓްރަސް އިސްތިއުފާދެއްވުމާ އެކު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށް ލަފާކުރާ ފަރާތްތަކުގެ ތެރޭގައި ބޮރިސް ޖޯންސަން އާއި ރިޝީ ސުނާކް އާއި އެ ޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޕެނީ މޯރޑޮންޓް ހިމެނުނެވެ. މިހާތަނަށް އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވަނީ ސުނާކް އާއި މޯރޑޮންޓްއެވެ.

އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ޕާޓީ، ކޮންސަވޭޓިވް ޕާޓީގެ ލީޑަރުކަމުގެ މަގާމަށް މެންބަރަކު އިންތިޚާބުކޮށް، އިއުލާން ކުރާނީ ހޯމަ ދުވަހު، ނުވަތަ މި މަހުގެ 28 ވާ ހުކުރު ދުވަހުއެވެ.

ބޮރިސް ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އިންތިޚާބުކުރެއްވި ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވީ އެކަމަނާގެ ސަރުކާރަށް އެންމެ 6 ހަފްތާގެ ތެރޭގައެވެ. އެކަމަނާއަކީ މިހާތަނަށް އިނިގރޭސިވިލާތުގައި އެންމެ ކުރު މުއްދަތަކަށް މަގާމު އަދާކުރެއްވި ބޮޑުވަޒީރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް