މާލޭ ޕަވަރ ހައުސްގެ އައުޓްފޯލް ހޮޅިއަކަށް ގެއްލުން ލިބި ބޮޑުތަކުރުފާނު މަގަށް ލޮނު ފެން ލީކުވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ޖެނެރޭޓަރުތައް ފިނިކުރަން މޫދުން ފެން ނަގާ ކަމަށާއި މިއީ އެ ފެން ބޭރު ކުރާ ހޮޅި ކަމަށެވެ. އަދި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތް ފަށައި، ކުރިން ބުނެފައި އޮތް ގޮތަށް ތިން ދުވަސްތެރޭގައި މައްސަލަ ނިންމާފައިވާ ކަމަށެވެ.
މާލޭ ޕަވަރ ހައުސްގެ އައުޓްފޯލް ހޮޅިއަކަށް ގެއްލުން ލިބި ބޮޑުތަކުރުފާނު މަގަށް ފެން ލީކުވާ މައްސަލަ ހައްލު ކުރުމަށް އެ ހޮޅީގެ ލީކުވާ ހިސާބު ބެއްދުމަށްފަހު އެ ހޮޅިން އިތުރަށް ލީކުނުވާކަން ޔަގީން ކުރުމަށް މޮނީޓަރު ކުރުމުގެ ތެރޭގައި މައްސަލައެއް ފާހަގަ ކުރެވިފައިވާތީ، މިހާރު ކުރިއަށްދަނީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފެން ހޮޅި ނުހެދީ އޮތީ ސިޔާސީ މަޤްސަދެއްގައި ކަމަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ލަސްކޮށްފައިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އިސްވެ ހުންނަވައިގެން ރައްޔިތުންނަށް ޖެއްސުން ކުރުމަށް ކަމަށް ޝުޖާއު ވަނީ ތުހުމަތު ކުރައްވާފައެވެ.
ހަތަރު ދުވަސް އެކަމަށް އެޓެންޑު ނުވެ މަޑުކުރި ކަމަށާއި މިކަން ކުރީ ޕީޕީއެމްގެ މެޖޯރިޓީއެއް މާލެ ސިޓީ ކައުންސިލުގައި އޮތުމުން އެމީހުންގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ އެއްވެސް ސިޔާސީ މަޤްސަދެއް ނޯންނާނެ ކަމަށެވެ. އަދި އެ ކުރާ ތުހުމަތުތަކަކީ ދޮގު ތުހުމަތެއް ކަމަށެވެ.
މާލޭ ޕަވަރ ހައުސްގެ އައުޓްފޯލް ހޮޅިއަކަށް ގެއްލުން ލިބި ބޮޑުތަކުރުފާނު މަގަށް ލޮނު ފެން ލީކުވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.