ސެވިއްޔާ ކޮޅަށް ފަހު 10 މިނެޓުގެ ތެރޭގައި ޖެހި ދެ ލަނޑާ އެކު މޮޅުވެ, ޗެމްޕިއަން ރެއާލް މެޑްރިޑުން އެ ޓީމުގެ ރަނގަޅު ފޯމް ދަމަހައްޓައިފިއެވެ.
ސްޕެނިޝް ލަލީގާގައި އަމިއްލަ ދަނޑުގައި ސެވިއްޔާގެ މައްޗަށް ރެއާލްއިން ކުރި ހޯދީ 3-1 ނެވެ. މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ރެއާލް އަށް ކުރި ހޯދައިދިނީ މިޑްފީލްޑަރ ލުކަ މޮޑްރިޗްއެވެ. އެކަމަކު ދެ ވަނަ ހާފް ފަށައިގެން ގިނައިރެއްނުވެ ލަމެލާ ލަނޑެއް ޖަހާ ސެވިއްޔާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ރެެއާލްއިން ދެ ވަނަ ފަހަރަށް ކުރި ހޯދީ 79 ވަނަ މިނެޓުގައި ލުކަސް ވަޒުކްއެޒް ޖަހައިދިން ލަނޑުންނެވެ. އޭނާ ކުޅެން ނުކުތީ ވެސް 77 ވަނަ މިނެޓުގައެވެ. ރެއާލްގެ ފުރަތަމަ ދެ ލަނޑު ޖަހަން ވެސް ފުރުޞަތު ތަނަވަސްކޮށްދިނީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއަރއެވެ. ރެއާލްއިން ލީޑް ފުޅާކޮށް ހަމަޖެހިލީ 81 ވަނަ މިނެޓުގައި ފެޑޭ ވަލްވާޑޭ ޖެހި ލަނޑުންނެވެ.
މިމޮޅާ އެކު ރެއާލްއިން ވަނީ ދެ ވަނައިގައި އޮތް ވާދަވެރި ބާސެލޯނާގެ މައްޗަށް ހަ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެކަމަކު މެޗުގެ އަދަދު ހަމަކޮށް އާދިއްތަ ދުވަހު އެތްލެޓިކް ބިލްބާއޯ އަތުން މޮޅުވެގެން ފަރަޤު ތިން ޕޮއިންޓަށް ކުޑަކުރެވޭނެއެވެ.