ޗެލްސީ މޮޅުވާން ދަނިކޮށް, އިތުރު ވަގުތުގައި ކަސެމީރޯ ޖެހި ލަނޑުން މެންޗެސްޓަރ ޔުނައިޓެޑް ބަލިނުވެ ޕޮއިންޓެއް ހޯދައިފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީން ކުރި ހޯދީ ތިން ޕޮއިންޓުގެ އުއްމީދު ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. ޕެނަލްޓީއަކުން ޗެލްސީއަށް ކުރި ހޯދައިދިނީ ޖޯޖީނިއޯއެވެ. ޗެލްސީ މޮޅުވާނެކަމަށް ބެލެވިފައިވަނިކޮށް މިސީޒަންގައި ޔުނައިޓެޑަށް ބަދަލުވި ބްރެޒިލްގެ ކަސެމީރޯ ބޮލުން ޖެހި ބޯޅައިން ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގެ ވެސް ހަތަރު ވަނަ މިނެޓުގައެވެ.
މެޗުން ޕޮއިންޓެއް ހައްޤުވާ ވަރަށް ޔުނައިޓެޑުން ކުޅެ ފުރުޞަތު ހޯދިއެވެ. އެންތޮނީއާއި ރަޝްފޯޑް ފޮނުވާލި ބޯޅަ މަތަކުރީ ޗެލްސީގެ ކީޕަރު ކެޕާއެވެ. މެޗުގެ ސްކޮޑްގައި ޔުނައިޓެޑުން ރޮނަލްޑޯ ބޭނުމެއް ނުކުރެއެވެ. އެންމެ ފަހުން ޓޮޓެންހަމް އަތުން މޮޅުވި މެޗުގައި ބަދަލެއްގެ ގޮތުގައި ކުޅެން އަރަން ދެކޮޅު ހަދާ ބެންޗު ދޫކޮށް ދިއުމުން އަދަބެއްގެ ގޮތުގައެވެ. މެޗުން ޕޮއިންޓެއް ލިބުނަސް ޔުނައިޓެޑަށް ލިބުނު ބޮޑު މާޔޫސްކަމަކީ ރަފެއަލް ވަރޭން އަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. އޭނާ ދަނޑުން ފައިބައިގެން ދިޔައީ ރޮމުންނެވެ. ވޯލްޑްކަޕްގައި ފްރާންސް ޤައުމީ ޓީމަށް ނުކުޅެވިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.
މެޗުގެ ނަތީޖާ އާ އެކު ޗެލްސީ ހަތަރު ވަނައިގައި އޮތީ 21 ޕޮއިންޓާއެކުއެވެ. މެންޗެސްޓަރ ޔުނައިޓެޑް އޮތީ 20 ޕޮއިންޓާ އެކު ފަސް ވަނައިގައެވެ.