ކ. މާލެ
|
21 އޮކްޓޯބަރ 2022 | ހުކުރު 08:26
ބެޓަރިން ދުއްވާ އުޅަނދެއް ޗާޖު ކުރަނީ
ބެޓަރިން ދުއްވާ އުޅަނދެއް ޗާޖު ކުރަނީ
ގެޓީ އިމޭޖަސް
ހުޅުމާލެ ތަރައްޤީ ކުރުން
ހުޅުމާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތައް ހަދަނީ
މިއީ ރާއްޖޭގައި ކުރިއަށްގެންދާ މިފަދަ ފުރަތަމަ ޕްރޮޖެކްޓު
ޗާޖިން ސްޓޭޝަންތައް ހެދުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައި

ހުޅުމާލޭގައި އިލެކްޓްރިކް ވެހިކަލް ނުވަތަ ބެޓަރިން ދުއްވާ އުޅަނދުތައް ޗާޖު ކުރުމަށް ޗާޖިން ސްޓޭޝަންތައް އަޅަން ނިންމައި އެކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ހަތަރު ޗާޖިން ސްޓޭޝަން ހަދާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައެވެ.

މި ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މަސައްކަތް ކުރިއަށްގެންދާ ފަރާތުން އެ ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި ޗާޖިން ސްޓޭޝަން ހެދުމުގެ މަސައްކަތް ވެސް ކުރަން ޖެހެއެވެ. މި ސްޓޭޝަންތައް މެދުވެރިކޮށް ބާޒާރުގައި ހުރި ހުރިހާ ނުވަތަ ގިނަ އިލެކްޓްރިކް ވެހިކަލްތައް ޗާޖު ކުރެވެން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މި ޕްރޮޖެކްޓަށް ފަންޑު ކުރަނީ އެޗްޑީސީ އާއި ޕްރޮޖެކްޓުގެ ސަޕްލަޔަރާ ގުޅިގެން ހަމައަށް ބަހާލައިގެންނެވެ.

ޕައިލެޓް ޕްރޮޖެކްޓުގެ މަސައްކަތް ހަވާލުކުރާ ފަރާތެއް ހޮވުމުގައި ސަޕްލަޔަރުގެ ތަޖުރިބާ އާއި ހުށަހަޅާ އިކުއިޕްމަންޓުތަކަށާއި ޕްރޮޖެކްޓު ނިންމައި ހަވާލު ކުރެވޭނެ ކަމަށް ލަފާ ކުރާ ތާރީޚަށް އިސްކަން ދޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 3:30 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ޖެހެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއެކު އުޅަނދުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދު ކުރުމުގެ ގޮތުން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން އަންނަނީ ވެޓަރިން ދުއްވޭ އުޅަނދުތައް ވެސް ބާޒާރަށް ނެރެމުންނެވެ. އިލެކްޓްރިކް ވެހިކަލް ބޭނުންކުރަން ފެށުމާއި، އިއާދަކުރުވަނިވި ހަކަތައިން އުޅަނދުތައް ޗާޖުކުރަން ފެށުމަކީ، މަގުމަތީގެ ދަތުރުފަތުރުތަކުންނާއި ކަރަންޓު އުފެއްދުމުގެ ސިނާއަތުން ވެސް ވައިގެ ޒަރީއާއިން ޖައްވަށް އެކިއެކި މާއްދާތައް ބޭރުވާ މިންވަރު މަދުކުރުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެއެވެ.

ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ އެއްގަމު އުޅަނދުގެ ތެރެއިން ކަރަންޓު ބޭނުންކޮށްގެން ދުއްވަނީ އެންމެ 4 އިންސައްތަ އުޅަނދެވެ. މީގެ ތެރެއިން ވެސް އާންމުކޮށް ހުންނަނީ ތިން ފުރޮޅުލީ އުޅަނދާއި އީ-ބައިސްކަލެވެ.

އިލެކްޓްރިކް ވެހިކަލްގެ ތެރޭގައި ހިމެނޭ ދެފުރޮޅުލީ ސައިކަލުގެ (>50cc ކެޓެގަރީގެ) ހިއްސާއަކީ 80 އިންސައްތަ ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިލެކްޓްރިކް ވެހިކަލަށް ބަދަލުކުރުމަށް ފުރުސަތު އެބައޮތެވެ. އެގޮތުން، ރާއްޖެއަށް އެތެރެކުރާ އިލެކްޓްރިކް ނޫން އުޅަނދުފަހަރާ އަޅައިބަލާއިރު، އިލެކްޓްރިކް ސައިކަލާއި ކާރަށް ކަސްޓަމްސް އިމްޕޯޓު ޑިއުޓީން 150 އިންސައްތައިގެ ލުޔެއް ލިބެއެވެ.

- ކޮމެންޓް