ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުނު، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަށް ރައީސް ތައުރީފު ކުރައްވައިފިއެވެ.
ދިވެހި ދައުލަތުގެ ނަމުގަޔާއި، ދިވެހި ރައްޔިތުންގެ ނަމުގަޔާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާ އާއި މުބާރަކްބާދީ ދަންނަވާ ރައީސް ވިދާޅުވީ، މިނިސްޓަރު ނަސީމަކީ، ރާއްޖޭގެ ފަތުރުވެރިކަން އުފަން ކުރެއްވި އެއް ބާނީ ކަމަށެވެ. ދިވެހި ފަތުރުވެރިކަން، މިއަދު މިއޮތް ފެންވަރަށް ކުރިއަރައިގެން ހިނގައިދާނެކަމުގެ އެއްވެސް އަލިމަގެއް އަދި އުންމީދެއް ފެންނަން ނެތް ދުވަސްވަރެއްގައި، އެކަމަށް ޚިޔާލު ކުރައްވައި، ފަތުރުވެރިކަމަކީ ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ، އަދި ވަރަށް ބޮޑަށް ފުޅާކުރެވިދާނެ ޞިނާޢަތެއްކަން އަމިއްލައަށް ދެކެވަޑައިގެން މަސައްކަތް ފެށްޓެވި ބޭފުޅެއް ކަމަށެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަން ފެށިގެން އައި އެންމެ ދަތި ދުވަސްވަރު ވެސް، މި ޞިނާޢަތު ތަރައްޤީކުރެއްވުމަށް މިނިސްޓަރު ނަސީމް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެކިފަހަރު މަތިން އެކަމުގެ އަގު ވަޒަންކުރެވިއްޖެ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ނަސީމުގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުމެއް އެރުވިފައިވާ ކަމަށާއި، ފަތުރުވެރިކަމުގެ ރިހި ޔޫބީލް މުނާސަބަތުގައި، 1997 ވަނަ އަހަރު ޝަރަފުގެ ޕްލާކެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މިއަހަރު ފާހަގަކުރި ރަން ޔޫބީލް މުނާސަބަތުގައި، މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ނަސީމަށް ވަނީ ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑު ވެސް ލިބިވަޑައިގެންފައި ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، މިނިސްޓަރު ނަސީމުގެ ޚިދުމަތުގެ ތާރީޚަށް ބަލާއިރު، އެކިފަހަރު މަތިން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް، 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވަރަށް ގިނަ އިސް މަގާމުތައް ފުރުއްވައިފައިވާ ކަމަށާއި، ޚާއްޞަކޮށް ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމުގަޔާއި، ޚާރިޖީ ދާއިރާގެ ތަފާތު މަގާމުތަކުގައި ކުރެއްވި ޚިދުމަތްތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ މިނިސްޓަރު ނަސީމްގެ މި ޚިދުމަތްތަކަކީ ޤައުމީ ފެންވަރެއްގައި ފާހަގަކުރަންޖެހޭނެ ޚިދުމަތްތަކެއް ކަމަށް ގަބޫލުކުރެވުނު ކަމަށެވެ.
އެ މަނިކުފާނަކީ އެވަގުތަކު ހުންނެވި ވެރިޔަކު ޙަވާލުކުރެއްވި ކޮންމެ ކަމެއް ވެސް ވަރަށް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވާ ބޭފުޅެއް. ސަރުކާރުން އޭރު ފެށި ބޮޑެތި ބައެއް މަޝްރޫޢުތައް ހިންގެވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް. އޭގެ ތެރެއިން ވެސް އެންމެ މުހިންމު އެއް މަޝްރޫޢަކީ، ކުރިން ވެސް ފާހަގަކުރެވިގެންދިޔަ ފަދައިން، ރާއްޖޭގެ މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަޝްރޫޢު. އެ މަސައްކަތް ވެސް އެންމެ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވީ ނަސީމުގެ ބެއްލެވުމުގެ ދަށުން. އެ ނޫނަސް ނަސީމުގެ ކިތަންމެ ޚިދުމަތެއް މި ޤައުމަށް ލިބިފައިވާކަން، ވީޑިއޯ ރިޕޯޓުން ފެނިގެން ހިނގައްޖެ.ރައީސް އިބްރާހިމް މުހައްމަދު ސާލިޙު
މިނިސްޓަރ އޮފް ހެލްތު ކަމުގެ މަގާމުގައި ހުންނަވައިގެން، މިހާރު އެ ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަކީ ވެސް، މިފަދަ ފުރުޞަތެއްގައި ފާހަގަކޮށްނުލާ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ޚާޢްޞަކޮށް، ކޯވިޑް-19ގެ ދަތި އުނދަގޫ ދުވަސްވަރު ވެސް، ރެޔާއި ދުވާލު ކުރައްވަމުން ގެންދެވި ބުރަ މަސައްކަތް އެމަނިކުފާނަށް ފެނިވަޑައިގެންނެވި ކަމަށެވެ.
ނަސީމަކީ ވަރަށް ވަރުގަދަ ސްޕޯޓްސް ޕާރސަނަލިޓީއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ކުޅިވަރުގެ މައިދާނުގައި ހުނަރުވެރި، ޒުވާން ދައުރުގައި ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި، ކުރިކެޓް އަދި ވޮލީ ކުޅުންތެރިއެއް ކަމަށެވެ. އަދިވެސް ރާއްޖޭގައި އޭރު ތަޢާރުފުވެގެން އައި ކުޅިވަރުގެ އެތައް އެތައް އެތައް މައިދާނެއްގައި ރަންވަނަތަކެއް ހޯއްދަވައިފައި ހުންނެވި ބޭފުޅެއް ކަމަށެވެ. ޚާއްޞަކޮށް، ރާއްޖޭގެ އެންމެ ފުރަތަމަ ވޮލީ ޗެމްޕިއަނަކީ ވެސް ނަސީމް ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމީ އިނާމް ދިނުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ މިނިސްޓަރ އޮފް ހެލްތުގެ މަގާމުގައި ހުންނެވި އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވާފައެވެ.
އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެއް ބާނީ ކަމަށްވާތީ އާއި ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެ ކުރިއަރާނެކަމުގެ އެއްވެސް އަލިމަގެއް ފެންނާން ނެތް ދުވަސްވަރެއްގައި އިސްނަންގަވައިގެން އެކަމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، ވެވަޑައިގެންނެވި ޤުރްބާނީގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނާއި، ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.