ކ. މާލެ
|
20 އޮކްޓޯބަރ 2022 | ބުރާސްފަތި 16:31
އޮންލައިންކޮށް ގޭމެއް ކުޅެނީ
އޮންލައިންކޮށް ގޭމެއް ކުޅެނީ
ދަ ހަނީ ކޮމްބާރސް
ކުށުގެ ވެއްޓަށް ކުޑަކުދިން ނެރުން
އޮންލައިން ގޭމްގެ ތެރެއިން ކުޑަކުދިން ރެކްރޫޓްކޮށް، ކުށް ކުރުމަށް ހިތްވަރު ދެނީ، ސަމާލުވޭ!
އެ ކުދިންނަށް ބައިސްކަލު، އަދި ބައެއް ފަހަރު ސައިކަލުވެސް ގަނެދޭ

ރާއްޖޭގައި ނުރައްކާތެރި ގޭންގްތައް ހަރަކާތްތެރިވާކަން އެނގެއެވެ. މި ގޭންގްތަކުން ނުރައްކާތެރި ކުށްތައް ކުރާކަންވެސް އެނގެއެވެ. އަދި އެއީ ކޮން ބައެއްކަންވެސް އެނގެއެވެ. ފުލުހުން ބާއްވާ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް މިވާހަކަތައް ތަކުރާރުކޮށް ދައްކައެވެ. ތަފާތު ޕްރެޒެންޓޭޝަނާއި ވީޑިއޯތައް ދައްކައެވެ. މި ކަމުންވެސް މިކަމުގެ ނުރައްކާ އޮތް މިންވަރު ދެނެގަނެވެއެވެ. މީހުން މަރައި، ޚިޔާލެއް ފިކުރެއް ބިރެއް ނެތި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުން ކޮށައި ކުދިކޮށް ހަދަނީއެވެ.

މިކުށްތަކުގައި މިހާރު ކުޑަކުދިން ބައިވެރި ކުރުވާ ނިސްބަތް މި އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މާރާމާރީގެ މައްސަލަތަކާއި މީހުން މަރާ މައްސަލަތަކުގައި ހައްޔަރުކުރާ ކުޑަކުދިންގެ އަދަދުވެސް މި އަންނަނީ އިތުރުވަމުންނެވެ. އައްޑޫ ސިޓީ ފޭދޫގައި މި އަހަރު ޖޫން މަހު އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މަރާލި މައްސަލާގައިވެސް ހަތަރު ކުޑަކުދިން އެބަ ހިމެނެއެވެ. މި ކުދިން "ރެކްރޫޓް"ކޮށްފައިވަނީ އޮންލައިން ގޭމެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ. އަދި މިކުދިން ކުށުގެ މާހައުލަށް ވެއްދުމަށްޓަކައީ ގޭންގުތަކުން ތަފާތު އެކި ކަންތައްތައް ކުރެއެވެ. އެ ކުދިން ގްރޫމްކޮށް، އެކްސްޕްލޮއިޓް ކުރެއެވެ.

ފުލުހުންގެ ސައުތު ރީޖަންގެ ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް ވިދާޅުވިގޮތުގައި, އެ ކުދިން ކުށުގެ ތެރެއަށް ވައްދާފައި ވަނީ އެ ކުދިންނާ ބައްދަލުކުރެވިގެން ވަކި ކަހަލަ މާހައުލުތަކެއް އުފައްދައިގެންނެވެ. އޮންލައިން ގޭމެއްގެ ތެރެއިން އެ ކުދިންނާ މުއާމަލާތް ކޮށްފައިވާއިރު އެ ގޭންގުގެ "އައްޑާ"ގައި ގޭމްކުޅުމުގެ ފުރުސަތުވެސް ފަހިކޮށްދެއެވެ. އެ ކުދިން ހިތްއެދޭހާ ކަމެއް އެކުދިންނަށް ކޮށްދެއެވެ.

ފުލުހުން ބުނީ ކުޑަކުދިން ގްރޫމްކޮށް، އެކްސްޕްލޮއިޓްކުރާ ފަރާތްތަކުން އެ ކުދިންނަށް ބައިސްކަލު ގަނެދީ، ބައެއް ފަހަރު ސައިކަލު ދީ، ބައެއް ހާލަތްތަކުގައި ކޮފީ ބޯ ތަންތަން ހަދައިދީ، ކޮފީ ބޯން ރެސްޓޯރެންޓްތަކަށް ގެންގޮސްދޭ ކަމަށެވެ. އަދި އަދި ބައެއް ހާލަތްތަކުގައި 16 އަހަރާ 18 އަހަރާ ދެމެދުގެ ބައެއް ކުދިން ވަކި ތަންތަން ކުއްޔަށް ހިފައި، ބައިތިއްބާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެކުދިން ބޭނުންހާ ކަމެއް ކޮށްދިނުމަށްފަހު، އެ ކުދިން ކުށްކުރުމަށް ހިތްވަރުދޭ ކަމަށްވެސް ފުލުހުން ބުންޏެވެ. މިއީ ހިތާމަވެރިކަމަކެވެ. މިފަދަ ގޭންގުތަކުގެ މަގުސަދަކީ ފިލައި ތިބެ، ކުޑަކުދިން ލައްވައި ކުށް ކުރުވުމެވެ.

ޑްރަގް އޮޕަރޭޝަންތަކުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާކުރުމަށް ފުލުހުން މިއަހަރުގެ ފެބްރުއަރީ މަހު ކުރިއަށް ގެންދިޔަ މީޑިއާ އިވެންޓެއްގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ)ން ވަނީ، ކުޑަކުދިން މި ބޮޑު ކުށަށް އަރައިގަންނަމުންދާ މިންވަރާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ބައެއް މިސާލުތައްވެސް ކިޔައިދީފައެވެ. އޭގެ ތެރޭގައި 3 އަހަރުގެ ތެރޭގައި އުމުރުން 14 އަހަރުގެ ކުޑަ ކުއްޖަކާ 354 ފަހަރު ސުވާލު ކުރެވުނުއިރު، މަސްތުވާތަކެއްޗާ ގުޅުންހުރި 53 މައްސަލައެއް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޑްރަގް މައްސަލަތަކުގެ އިތުރުން މީހުން ރަހީނު ކުރުމާއި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި، މާރާމާރީއާއި، ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމާއި، ސްކޫލަށް ގެއްލުންދޭން މަސައްކަތް ކުރުންފަދަ އެތައް މައްސަލައެއް ހިމެނެއެވެ.

ފުލުހުން ބުނާގޮތުގައި މާލެ ސަރަހައްދުން ކުޑަކުދިންނާގުޅޭ ޑްރަގްގެ މައްސަލަތައް 10،000ށްވުރެ ގިނައެވެ. އޭގެ ތެރޭގައި ޑްރަގް ބޭނުންކުރުމާއި، ވިއްކުމާއި، ވިޔަފާރިކުރުމުގެ އެތައް މައްސަލައެއް ހިމެނެއެވެ. ޑްރަގް ކެފޭތަކުން ޚިދުމަތް ހޯދާ ހާހަކަށްވުރެ ގިނަ މީހުންގެ ތެރޭގައި، ގަވާއިދުން އެ ޚިދުމަތް ލިބިގަންނަ 14 ކުދިންވެސް ފާހަގަވެފައިވާކަމަށް ފުލުހުން ބުނެއެވެ. ޑްރަގް ވިއްކާ ވިޔަފާރީގައި 10 އަހަރުގެ ކުޑަކުދިންވެސް ހިމެނޭކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މިއީ ރައްޔިތުން ސަމާލުވާންވީ ކަމެކެވެ. ކުޑަކުދިން ގޭތެރޭގައި އަދި އެހެން މާހައުލުތަކުގައި ގޭމް ކުޅުމާއި އެހެން ކަންތައްތައް ކުރާއިރުވެސް އުޅޭ ގޮތަށް ސަމާލުވާންވީއެވެ. ފާރަވެރިވާންވީއެވެ. އޭރުން މިފަދަ ހިތާމަވެރި ކަންތައްތަކުން ކުދިން ރައްކާތެރިކުރުމާއި ކުޑަކުދިން ކުށްތައް ކުރުމުގައި ޝާމިލްވާ މިންވަރު މަދު ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަން ވެސް ޔަގީނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް