ސްޕެނިޝް ލީގު ތާވަލުގެ ފުލުގައި އޮތް އެލްޗޭ ބަލިކޮށް, ތާވަލުގެ އެއްވަނާގައި ރެއާލް މެޑްރިޑް ހަމަޖެހިލައިފިއެވެ.
އެލްޗޭގެ މެނުއެލް މާޓިނޭޒް ވަލޭރޯ ސްޓޭޑިއަމްގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗު ރެއާލް ކާމިޔާބުކުރީ 3-0ންނެވެ. މެޗުގެ ހަވަނަ މިނެޓުގައި ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑު ލަނޑެއް ކަމަށް ނިންމާ, ލަނޑު ބަލައިނުގަނެފައެވެ. އޭގެ ފަހުން މެޗުގެ 11 ވަނަ މިނެޓުގައި ރެއާލްއަށް ލީޑު ނަގައިދިނީ ފެޑެރިކޯ ވަލްވާޑޭއެވެ.
ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ޑޭވިޑް އަލަބާ ޖެހި ލަނޑާއި ދެވަނަ ހާފު ފެށިގެން މެޗުގެ 61 ވަނަ މިނެޓުގައި ބެންޒެމާ ޖެހި ލަނޑު ރެފްރީ ބަލއިނުގަތީ އޮފްސައިޑު ކަމަށް ނިންމައެވެ.
ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ރޮޑްރީގޯގެ އެހީތެރިކަމާއެކު ލަނޑުޖަހާ ކެޕްޓަން ބެންޒެމާ ރެއާލްއަށް ލީޑު ފުޅާކޮށްދިނެވެ. ރެއާލްގެ ތިންވަނަ ލަނޑު މާކޯ އަސެންސިއޯ ޖެހީވެސް ރޮޑްރީގޯގެ އެހީތެރިކަމާއެކުއެވެ.
މެޗުން މޮޅުވެ ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ 10 މެޗުން 26 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތް ވާދަވެރި ބާސެލޯނާއަށް ނުވަ މެޗުން ލިބެނީ 22 ޕޮއިންޓެވެ. ތިންވަނާގައި އޮތް ރެއާލް ސޮސެއިޑާޑަށްވެސް ލިބެނީ 22 ޕޮއިންޓެވެ. ބާސެލޯނާ ތާވަލުގެ ކުރީގައި އޮތީ ފައިދާ ގޯލުންނެވެ. މެޗުން ބަލިވި އެލްޗޭ އޮތީ 10 މެޗުން ތިން ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.