ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 06:00
ރައީސް ސާލިހު އާއި ރައީސް ނަޝީދު
ރައީސް ސާލިހު އާއި ރައީސް ނަޝީދު
ރައީސް އޮފީސް
އެމްޑީޕީ
ރައީސް ބާއްވާ ބައްދަލުވުމަށް މާލޭގައި ހުރި ނަމަވެސް ނުދާނަން: ނަޝީދު
ރައީސް ޞާލިހު އެމަނިކުފާނާ ވާހަކަދައްކަވައި ކަންކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ބާއްވަވާ ބައްދަލުކުރެއްވުމަކަށް، މާލޭގައި ހުންނެވި ނަމަވެސް ވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލިސް މެމްބަރުންގެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އެމަނިކުފާނު އެ މެސެޖު ފޮނުއްވީ ޤައުމީ މަޖިލީހުގެ މެމްބަރުންނާ ހޯމަ ދުވަހުގެ ރޭ ބައްދަލު ކުރެއްވުމަށް ރައީސް ދައުވަތު ފޮނުއްވުމުންނެވެ.

ރައީސް ދައުވަތު ފޮނުއްވިއިރު ނަޝީދު މިހާރު ހުންނެވީ އެމެރިކާގައެވެ. ނަމަވެސް އެ ދައުވަތަށް ރައްދު ދެއްވައި އެމަނިކުފާނު ވިދާޅުވީ އެފަދަ ބައްދަލުވުމަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެއީ މާލޭގައި ހުންނެވި ނަމަވެސް ކަންތައް ކުރައްވާނެ ގޮތް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެމަނިކުފާނާ އެކު ވާހަކަދައްކަވައިގެން ކަންކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި އެހެންވެ، އެމަނިކުފާނު ވެސް އެކީގައި ކަންކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ނަޝީދުގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވަނީ މީގެ ކުރިން ވެސް ރައީސް ޞާލިހުއާ އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިއާއެކު ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ ޕާޓިގެ ތެރޭގައި ދެބަސްވުން އުފެދޭނެ ކަމަށެވެ.

ރައީސް ޞާލިހު އާއި ބައްދަލު ކުރައްވަން ވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް އެކަމަށް ރައީސް ޞާލިހުގެ ވެސް އަދި އެމްޑީޕީގެ ވެސް ތާއީދެއް އެމަނިކުފާނަށް ލިބިވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް އެ މަސައްކަތް ހުއްޓަވައިނުލައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް
18 އޮކްޓޯބަރ 2022 | އަންގާރަ 14:46
އަހްމަދު
އަޅުގަނޑަކީ ޑިމޮކްރަސީއަށް އެހާފަރިތަ މީހަކަށް ނުވެދާނެ. އަދި މަނިކުފާނު އަޅުގަނޑުމެނަށް ދަސްކޮށްދޭ ޑިމޮކްރަސީގައިވެސް މެޖޯރިޓީއާއެކު ހުންނެވި ރައީސްއަށް އިހްތިރާމްކުރަންޖެހޭ ނޫންތޯ. އެހެންކަމުން އަޅުގަނޑު އެދެނީ މަނިކުފާނުވެސް ޑިމޮކްރަސީގެ ނަމޫނާ އިސްކޮށް ރައީސްއާއި އެއްމޭޒަކަށް ވަޑައިގަންނަވަން. އަދި މަނިކުފާނަށް ކަމުނުދާ ކަންކަން ހުރިނަމަ މަޝްވަރާކޮށް އަދި މަނިކުފާނަށް މެޖޯރިޓީ ލިބުނު އިރަކުން އެކަންކަން ބަދަލުކުރަން. އެހެންނޫނީ ތިޔަ ދެއްކެވެނީ ޑިމޮކްރަސީބާއޭ ސުވާލު އުފެދޭ.