Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2022 | ހޯމަ 13:06
ކ. ކާށިދޫގެ ދަނޑުވެރިންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ
ކ. ކާށިދޫގެ ދަނޑުވެރިންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ
ރައީސް އޮފީސް
ދަނޑުވެރިންގެ ދުވަސް
ރާއްޖޭގެ ދަނޑުވެރިންނަށް ރަނގަޅު އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފުކުރެއްވުމަަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
އެކަމާއި ގުޅޭ ގޮތުން އެލައިޑް އިންޝުއަރެންސާ އެކު ވާހަކަތައް ދެކެވެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި
ކާށިދޫގައި އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް، މާލެއަށް އުފުލުމުގައި ހުރި ދަތިތަކާއި، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ އެކަށީގެންވާ ބިން ނުލިބޭކަން ދަނޑުވެރިން ފާހަގަކޮށްފައިވޭ
އެގްރޯނެޓް ކުންފުންޏަކީ ދަނޑުވެރިންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމުގައި ދަނޑުވެރިން ވަނީ ފާހަގަކޮށްފައި

ރާއްޖޭގެ ދަނޑުވެރިންނަށް ރަނގަޅު އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފް ކުރެއްވުމަަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކ. ކާށިދޫގެ ދަނޑުވެރިންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ލޯނު ނަގައިގެން، ދަނޑުވެރިކަން ކުރުމުގައި ޤުދުރަތީ ހާދިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫނުބެއްދޭތީ އިންޝުއަރެންސް ސްކީމެއްގެ މުހިއްމުކަން ދަނޑުވެރިން ފާހަގަކޮށްފައިވާއިރު، ކާށިދޫ ދަނޑުވެރިންނާ އެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަނޑުވެރިންނަށް އިންޝުއަރެންސް ސްކީމެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށްވާތީ، ސަރުކާރުން އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިގޮތުން، މިއަހަރުގެ ދަނޑުވެރިންގެ މައުރަޒުގައި އެލައިޑް އިންޝުއަރެންސް އިން ބައިވެރިވެފައިވާކަމާއި އެކަމާއި ގުޅޭ ގޮތުން އެލައިޑް އިންޝުއަރެންސާ އެކު ވާހަކަތައް ދެކެވެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކާށިދޫގެ ބިމާއި ގުޅޭ ގޮތުން މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ކާށިދޫގެ ގުދުރަތީ ބިން، ކާށިދޫ ދަނޑުވެރިކަމަށް ބޭއްވުން ކަމަށާއި، ރަށުގެ ހުޅަނގު ފަރާތުން ފަތުރުވެރިކަމަށް ބޭނުންވާ ބިން ހިއްކުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކާށިދޫ ދަނޑުވެރިންނާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ކާށިދޫގެ ދަނޑުވެރިންނާއި ރައްޔިތުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

Advertisement

މިބައްދަލުކުރެއްވުމުގައި ދަނޑުވެރިން ހުށަހެޅި ދަތިކަންކަމުގެ ތެރޭގައި ކާށިދޫގައި އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް މާލެއަށް އުފުލުމުގައި ހުރި ދަތިތަކާއި، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ އެކަށީގެންވާ ބިން ނުލިބޭކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މާލޭގެ ލޯކަލް މާރުކޭޓަށް ތަކެތި ވިއްކުމުގައި ހުރި ދަތިތަކާއި، މާކެޓްގައި ހުރި އަގަށްވުރެ ކުޑައަގެއްގައި ތަކެތި ވިއްކަންޖެހޭކަމާއި، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ކާށިދޫގެ ދަނޑުވެރިންނަށް ލިބެންޖެހޭ ނަފާ ނުލިބޭކަން ވެސް ފާހަގަކޮށްފައިވެއެވެ. އަދި، ސަރުކާރުން ދަނޑުވެރިކަމުގެ ސިޔާސަތާއި ގުޅިގެން އުފެއްދި އެގްރޯނެޓް ކުންފުންޏަކީ ދަނޑުވެރިންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމުގައި ދަނޑުވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި އެކުންފުންޏާ އެކު ކުރިޔަށް ދިޔުމުގައި އުއްމީދު އެބައޮތް ކަމުގައި ވެސް ދަނޑުވެރިން ވަނީ ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ކާށިދޫގެ ދަނޑުވެރިންނާ އެކު ބޭއްވެވި މިބައްދަކުރެއްވުމުގައި، ސަރުކާރުގެ އިސްބޭފުޅުންނާއި، ކާށިދޫގެ ގިނަ އަދަދެއްގެ ދަނޑުވެރިން ބައިވެރިވިއެވެ.

ކާށިދޫ ދަނޑުވެރިންނާ އެކު ބޭއްވެވި މިބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަނޑުވެރިކަމުގެ ދުވަހާއި ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން، ކ. އަތޮޅު މަދަރުސާގައި ކުރިޔަށްދާ ދަނޑުވެރިންގެ މައުރަޒަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގައި ދައްކާލަން ބަހައްޓާފައި ހުރި ދިވެހި އުފެއްދުންތަކާއި އަދި ދަނޑުވެރިކަމުގެ މަސައްކަތާއި ގުޅޭ ތަކެތީގެ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ.

މި މަހުގެ 15 އިން ފެށިގެން ކުރިޔަށްދާ މި މައުރަޒު މިއަދު ނިމޭއިރު، މި މައުރަޒުގައި، ދަނޑުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ޖުމުލަ 19 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ކާށިދޫގެ 8 ފަރާތެއް ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް