ކ. މާލެ
|
15 އޮކްޓޯބަރ 2022 | ހޮނިހިރު 07:21
އެފްއައިވީބީ ބީޗް ޓުއަރގެ ތެރެއިން
އެފްއައިވީބީ ބީޗް ޓުއަރގެ ތެރެއިން
އަދަދު
އެފްއައިވީބީ ބީޗް ވޮލީ ޓުއަރ
މެއިން ޑްރޯގައި، ކުޑަކާއްޓޭއާއި އެޑަމްއަށް ނާކާމިޔާބު
މެއިން ޑްރޯ ބުރުގައި ކުޑަކާއްޓޭއާއި އެޑަމް ބަލިވެފައިވަނީ ބްރެޒިލާއި ތައިލެންޑު އަތުން

ރާއްޖޭގައި މިހާރު ކުރިއަށްދާ, ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ (އެފްއައިވީބީ) ބީޗް ޕްރޯ ޓުއަރގެ މެއިން ޑްރޯގައި ވާދަކޮށް ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ)އާއި އާދަމް ނަސީމް (އެޑަމް)އަށް ނާކާމިޔާބު ވެއްޖެއެވެ.

ސަން އައިލެންޑުގައި ކުރިއަށްދާ މުބާރާތުގެ މެއިން ޑްރޯ ބުރުގައި ކުޑަކާއްޓޭއާއި އެޑަމް ބަލިވެފައިވަނީ ބްރެޒިލާއި ތައިލެންޑު އަތުންނެވެ. ދެ މެޗުން ބަލިވިނަމަވެސް، ދެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ފުރަތަމަ މެޗުގައި ބްރެޒިލްގެ އިވާންދްރޯއާއި ވިނީސިއަސްއާ ވާދަކޮށް ރާއްޖެ ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ބްރެޒިލްގެ ޕެއަރއިން ކާމިޔާބުކުރީ 21-10ންނެވެ. ދެވަނަ ސެޓު ބްރެޒިލްގެ ޕެއަރއިން ކާމިޔާބުކުރިނަމަވެސް، ރާއްޖޭގެ ޕެއަރއިން ވަނީ މި ސެޓުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި ސެޓު ބްރެޒިލްގެ ޕެއަރއިން ކާމިޔާބުކުރީ 21-18ންނެވެ.

ދެވަނަ މެޗުގައި ރާއްޖޭގެ ޕެއަރ ނުކުތީ ތައިލެންޑުގެ ސުރީންއާއި ބަންލުއީގެ ޕެއަރއާ ދެކޮޅަށެވެ. މި މެޗުންވެސް ރާއްޖޭގެ ޕެއަރ ބަލިވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގެ ފަހު ވަގުތާ ހަމައަށް ލީޑުކުރީ ރާއްޖެއިންނެވެ. ސެޓު ނިންމާލަން ލިބުނު ފުރުސަތުގެ ބޭނުން ރާއްޖެއަށް ނުހިފިގެން އުޅެނިކޮށް، ތައިލެންޑު ޕެއަރއިން ވަނީ 22-20ން ސެޓު ކާމިޔާބުކޮށްފައެވެ. ދެ ވަނަ ސެޓު ތައިލެންޑު ޕެއަރއިން ކާމިޔާބުކުރީ ފަސޭހަކަމާއެކުއެވެ. މި ސެޓު ހޯދީ 21-6ންނެވެ.

މުބާރާތުގައި ރާއްޖޭގެ މުހައްމަދު އަލީ (ޑެންޒޯ)އާއި އަހުމަދު މުހައްމަދު (ކޯކޭ) ވަނީ ކޮލިފައިން ބުރުގައި ވާދަކޮށްފައެވެ. މި ބުރުގައި ރާއްޖޭގެ ޕެއަރއަށް ނާކާމިޔާބުވީވެސް ތައިލެންޑު ޕެއަރގެ އަތުންނެވެ.

މުބާރާތް ކުރިއަށްދާނީ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ހޮނިހިރު ދުވަހު ކުރިއަށްދާނީ ގަދަ 16ގެ މެޗުތަކެވެ. ހޮނިހިރު ދުވަހުގެ މެންދުރު، ކުރިއަށްދާނީ ކުއާޓަރ ފައިނަލެވެ. ސެމީ ފައިނަލާއި ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ.

- ކޮމެންޓް