ކ. މާލެ
|
13 އޮކްޓޯބަރ 2022 | ބުރާސްފަތި 22:30
މަދިރި މަދުކުރުމަށް މާލޭގައި ދުންއަޅަނީ
މަދިރި މަދުކުރުމަށް މާލޭގައި ދުންއަޅަނީ
ރާއްޖެ އެމްވީ
ޑެންގީ ހުމުގެ ކޭސްތައް އިތުރުވުން
ޑެންގީ ހުމުގެ ކޭސްތައް މި އަހަރު އެންމެ ގިނައީ ޖުލައި މަހު: އެޗްޕީއޭ
2020 ވަނަ އަހަރާއި 2021 ވަނަ އަަހަރު ޑެންގީގެ ކޭސްތައް ފެނުނު މިންވަރު ދަށް
ކޮންމެ އަހަރެއްގެ ޖެނުއަރީއާއި މެއި-ޖޫން އަދި އޮކްޓޯބަރ-ނޮވެމްބަރގައި ކޭސްތައް އިތުރު
މަދިރި އާލާވާ ތަންތަން ނައްތާލައި، ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގާފައިވޭ

ރާއްޖޭގައި ޑެންގީ ހުމުގެ ކޭސްތައް މި އަހަރު އެންމެ ގިނައީ ޖުލައި މަހު ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ސީނިއަރ ޕަބްލިކް ހެލްތު އޮފިސަރ، ފާތިމަތު އަނާ ނަދީމް ވިދާޅުވީ، ޑެންގޫއަކީ ކޮންމެ އަހަރެއްގެ ޖެނުއަރީއާއި މެއި-ޖޫން އަދި އޮކްޓޯބަރު-ނޮވެމްބަރުގައި އެ ބަލީގެ ކޭސްތައް އިތުރުވާކަން ފާހަގަކުރައްވާފައެވެ. 2020 ވަނަ އަހަރާއި 2021 ވަނަ އަަހަރު ޑެންގީގެ ކޭސްތައް ފެނުނު މިންވަރު މަދުކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މި އަހަރު އެޕްރިލް މަހުން ފެށިގެން ކޭސްތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު މި ހިނގާ އޮކްޓޯބަރު މަހު ޑެންގީގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަމަށާއި، އަދިވެސް އެ އަދަދު މައްޗަށް ދިއުމުގެ ފުރުސަތު އޮތްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު ޑރ. ނަޝީދާ ސައީދު ވަނީ މި ބަލީގެ ބައެއް އަލާމާތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން ބައެއް މީހުންނަށް ބަލީގެ އަލާމާތް ނުފެންނައިރު ބައެއް މީހުންނަށް ބޮޑުވަރުވެ ފުރާނަ އަށް ނުރައްކާވާ ހިސާބަށް ކަންކަން ދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ގިނަ ފަހަރު ފެންނަނީ ހުމާއި، ލޮލުގައި ރިއްސުމާއި، މޭ ނުބައިކުރުމާއި، ހުޅުތަކުގައި ރިއްސުމާއި، ބޮލުގައި ރިއްސުން ފަދަ އަލާމާތްތައްކަަމަށް އޭނާ ވިދާޅުވިއެވެ. މި ބަލި ޖެހޭ ބައެއް މީހުންގެ ކިބައިން ފެންނަނީ ތަފާތު އަލާމާތްތައްކަމަށާއި، ބައެއް މީހުންނަށް ބަލި ޖެހުނު ނަމަވެސް އެހާ ބޮޑުވަރު ނުވާކަމަށް ޑރ. ނަޝީދާ ވިދާޅުވިއެވެ.

ޑެންގީ ފެތުރުން ކޮންޓްރޯލްކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން މަދިރި އާލާވާ ތަންތަން ނައްތާލައި، ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

- ކޮމެންޓް