ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 05:50
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
އަބްދުﷲ ޝާހިދު
އދ. ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ
މިއަދު ފެނިގެން ދިޔައީ މުޅި ދުނިޔެ ރާއްޖޭގެ ސިޔާސަތުތައް ޤަބޫލުކުރާތަން: މިނިސްޓަރު ޝާހިދު
މި ކާމިޔާބީ ލިބުނީ ސަރުކާރުން އެކުލަވާލާފައިވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން

އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެއަށް ކާމިޔާބުވުމަކީ މުޅި ދުނިޔެ ރާއްޖޭގެ ސިޔާސަތުތައް ޤަބޫލުކުރާ ކަމުގެ ހެއްކެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ރާއްޖެއަށް މި ކާމިޔާބީ ލިބުނީ ސަރުކާރުން އެކުލަވާލާފައިވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށާއި ރާއްޖޭގައި އިންސާނީ ހައްޤުތައް ދަމަހައްޓަން ކުރާ މަސައްކަތް ބަލައިގެންފައިވާ ކަމަށެވެ.

މި ކާމިޔާބީ ފަޚުރުވެރިކަމާއެކު ބަލައިގަންނަކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މިއީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކާއި ރީތި ނަމެއް ކަމަށެވެ.

އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން އެންމެ ބޮޑު އިސްކަމެއްދޭނީ ކުދި ޤައުމުތަކުގެ ތިމާވެއްޓަށް ކުރަމުންދާ އަސަރުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ކުދި ޤައުމުތައް ތަމްސީލު ކުރުމަށް ކައުންސިލްގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ވަކާލާތު ކުރާނީ އެންމެންގެ ހައްޤުތައް ވެސް ހިމާޔަތް ކުރުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ ސުލްހައަށް ލޯބި ކުރާ، ހަރުދަނާ ސިޔާސަތުގެ މައްޗަށް ބަސް ބުނަން ކުރޭ ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެއިން ވާދަކުރި ގޮނޑި ކާމިޔާބުވީ އދގެ އެކަމަށްޓަކައި ބޭއްވި ސިއްރު ވޯޓުގައެވެ. 189 ޤައުމަކުން މިއިންތިޚާބުގައި ވޯޓުލާފައިވާއިރު، ދިވެހިރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 154 ވޯޓެވެ.

މީގެކުރިންވެސް 2011 އަދި 2016 ވަނަ އަހަރު ދެ އިންތިޚާބެއް ރާއްޖެއިން ކާމިޔާބުކޮށް އެ ކައުންސިލުގައި ހިމެނިފައިވާއިރު، މިއީ ރާއްޖެ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރި 3 ވަނަ ފަހަރެވެ.

- ކޮމެންޓް