ކޮންމެ ގައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ އަދި ކުރަން ޖެހޭނެ ގައުމެއްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެފަދައިން ވިދާޅުވީ 'ޔޫ.އެން ޑޭ' ގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ.
އދގެ ޢާއްމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު ވަބީ ވީ ބޮޑެތި ގައުމުތަކާއެކު ކުޑަ ގައުމުތަކުންވެސް މި ޒިންމާ އަދާކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. ދިވެހިރާއްޖެއިން ވަނީ އެކަން ސާފު ދިވެހިރާއްޖެއަކީ އަބަދުވެސް މަލްޓިލޭޓަރަލިޒަމް ގަބޫލުކުރާ އަދި އދގެ މުހިއްމުކަން ގަބޫލުކުރާ ގައުމެއްކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އެގޮތުން 1965 ވަނަ އަހަރުގެ ޖުލައި 26 ގައި މިނިވަންކަން ލިބުމަށްފަހު ޚާރިޖީ ސިޔާސަތުގެ ފުރަތަމަ ނިންމުމަކަށް ދިވެހިރާއްޖެއިން ނިންމީ އދގެ މެމްބަރުކަން ހޯދަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔޫ.އެން ޑޭ ފާހަގަކުރަނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ ސެން ފްރެންސިސްކޯގައި އެކުވެރި ދައުލަތް، ޔުނައިޓެޑް ނޭޝަންސް އުފެއްދުމަށް ގައުމުތަކުން އެއްބަސްވެ، ސޮއިކުރި ކުރުން ފާހަގަކުރުމަށެވެ.
ޝާހިދުގެ މެސެޖްގައި ވިދާޅުވީ އދގެ ޗާޓަރަށް އަމަލުކުރަން ފެށިތާ 8 ދަހަރު ވުން ފާހަގަކުރާއިރު، އެ ޗާޓަރުގެ އަސާސްތަކާއި ހަމަތައް ނެގެހެއްޓުން އިހުނަށްވުރެ މިހާރު މުހިއްމުވެފައިވާ ކަމަށެވެ. އަދި މަލްޓިލޭޓަރަލިޒަމްއާއި، މަޝްވަރާއާއި އެއްބައިވަންތަކަން ކުރިއަށް ނެރެން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިއަދު ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި، ތިމާވެށީގެ މައްސަލަތަކާއި، ފަގީރުކަމާއި، ގަތުލުއާއްމުތައް ފަދަ މައްސަލަތައް ހައްލުކުރުމުގައި އދގެ ދައުރު މުހިއްމުވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދުވަސްތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ އދ އަކީ އޭގެ އުނިކަންތަކާއި މައްސަލަތަކާއެކުވެސް އަދިވެސް މުހިއްމު އަދި އޭގެ ބޭނުން ހިފަން ޖެހޭ ޖަމްއިއްޔާއެއްކަމަށެވެ.