ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ފ. ނިލަންދޫ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު (ފ. އެފް.ސީ.އެސް.ސީ) އަށް މޮނީޓަރިން ޒިޔާރަތެއް ކޮށްފިއެވެ.
ފ. ގެ އެފް.ސީ.އެސް.ސީއަށް ކުރި ޒިޔާރަތުގެ މަގްސަދަކީ އެ ސެންޓަރުގައި ބަލަހައްޓަމުންގެންދާ ކުދިންނަށް ފޯރުކޮށްދިނުމަށް ޤައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ އުނގެނުމާއި، ރިހެބިލިޓޭޝަން އަދި މުޖްތަމަޢުއަށް ރުޖޫޢަކުރުމަށް (ރީއިންޓަގްރޭޝަން) ކުރަމުންގެންދާ މަސައްކަތްތައް ދެނެގަތުމާއި އެ ކަންކަން ކުރުމަށް އެކަށޭނަ ބަޖެޓާއި ފަންނީ އަދި އެހެނިހެން ޤާބިލް މުވައްޒަފުންނާއި ވަޞީލަތްތައް ޤާއިމްކުރެވިފައިވާ ގޮތާއި ކުދިން އަނބުރާ މުޖްތަމަޢުއަށް ނުވަތަ އާއިލާއަކަށް ގެންދިއުމަށްފަހު އެކުދިންނަށް ދެމުންގެންދާ އެހިތެރިކަން ދެނެގަތުމާއި އަދި ދައުލަތުގެ ބެލުމުގެދަށުން ފ. އެފް.ސީ.އެސް.ސީގައި ކުދިން ބަލަހައްޓަމުންގެންދަނީ ކުދިން ބެލެހެއްޓުމަށް އެކަށޭނަ މާޙައުލެއްގައިކަމާއި މި މާޙައުލަކީ، އެ ކުދިންގެ އިންސާނީ ކަރާމާތާއި، ޖިސްމާނީ އަދި ނަފްސާނީ ޝަޚްޞް ނެގެހެއްޓުމާއެކު ކުދިންނަށް އިޙްތިރާމާއި ޤަދަރު ލިބިގެންވާ މާޙައުލެއްކަން ދެނެގަތުން ކަމުގައި އެޗްއާރްސީއެމުން ބުނެއެވެ.
މީގެ އިތުރުން އެ ސެންޓަރުގައި ކުދިންގެ އާއިލީ ގުޅުންތައް ދެމެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތާއި ސެންޓަރުގައި ތިބޭ ކުދިންނަށް ދިމާވާ އެކި ކަންކަމުގައި ޤާނޫނީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ގޮތާއި ޤާނޫނީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ކުދިންނަށް ފަހިކޮށްދީފައިވާގޮތް ދެނެގަނެ އަދި މި ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި ދިމާވާ ދަތިތަކާއި ހުރި ގޮންޖެހުންތައް ދެނެގަނެ އެ ސެންޓަރުގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށާއި ދިމާވަމުންދާ ދަތިތައް ޙައްލުކުރުމަށް ކުރަމުންގެންދާ އަދި ރާވާފައިވާ މަސައްކަތްތައް ދެނެގަތުމެވެ.
ފ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ފ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށާއި ކަމާގުޅޭ އެންމެހައި އިދާރާތަކާ ޙިއްޞާކުރުމަށްފަހު ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތަކާ އެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުތަކުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށްވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ މި ޒިޔާރަތަކީ ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ފ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށް ކުރި ފުރަތަމަ ޒިޔާރަތެވެ.