ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ސެކެރެޓަރީގެ މަޤާމުގައި ހުންނެވި އާމިނަތު ނައުޝާން އަބްދުއް މުހައިމިން އިސްތިއުފާ ދެއްވައިފިއެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި އެ މަޤާމުން އޭނާ އިސްތިއުފާދެއްވާފައި ވަނީ އެއް މަހުގެ ނޯޓިސް ދިނުމަށްފަހު އެވެ. މިކަމާއި ގުޅޭ ގޮތުން އެޗްއާރްސީއެމްގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ބައެއް ނޫސްތަކަށް މައުލޫމާތުދެއްވަމުން ނައުޝާން ފާހަގަކުރައްވާފައިވާ ގޮތުގައި އޭނާ އިސްތިއުފާދެއްވީ ބައެއް އަމިއްލަ ސަބަބުތަކާއި ގުޅިގެން، ކޮންޓްރެކްޓްގައި އޮންނަ ގޮތަށް ނޯޓިސްގެ މުއްދަތު ދިނުމަށް ފަހުގައެވެ.
2022 ގައި އެޗްއާރްސީއެމްގެ އެސްޖީގެ މަގާމަށް ނައުޝާން އައްޔަން ކުރުމުގެ ކުރިން އޭނާ އަދާކުރައްވާފައި ވަނީ ކޮމިޝަނުގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ގެ ޑިރެކްޓަރުގެ މަގާމެވެ.
އޭނާ އިސްތިއުފާ ދެއްވާފައި މި ވަނީ އެޗްއާރްސީއެމް އަށް ގިނަ ބައެއްގެ ފާޑުކިޔުމާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3 ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބޭނުންކުރި ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) ބޭނުންކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ދަނީ ބަލަމުންނެވެ. ސަރުކާރަށް ފާޑުކިޔުން އަމާޒުވާ މިފަދަ މައްސަލަތައް ނުބަލާ ކަމަށް ބުނެ އާއްމުން ދަނީ އެޗްއާރްސީއެމް އަށް ފާޑުކިޔަމުންނެވެ.
މީގެ އިތުރުން އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3 ވަނަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް، 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހައި ޖަލަށްލި މީހުންނާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވަނީ ބައްދަލުކޮށްފައެވެ.