ކ. މާލެ
|
10 އޮކްޓޯބަރ 2022 | ހޯމަ 12:33
"ކޮމްޕެންޑިއަމް އޮފް ހެލްތު ރިސާރޗް އިން މޯލްޑިވްސް 2018-2021“ އާންމުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
"ކޮމްޕެންޑިއަމް އޮފް ހެލްތު ރިސާރޗް އިން މޯލްޑިވްސް 2018-2021“ އާންމުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތައް
އަމާޒަކީ ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް އެކަމަށް މަގުފަހިވާ ވެއްޓެއް ގާއިމުކުރުން - ނަސީމް
ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާ ކުރުމަކީ، މިދާއިރާ އިތުރަށް ހަރުދަނާކުރުމަށް ވަރަށް މުހިއްމު ކަމެއް
ދިވެހިރާއްޖޭގައި ސިއްޙީ ދިރާސާ ކުރިއެރުވުމަކީ މިނިސްޓްރީ އޮފް ހެލްތުން އަބަދުވެސް އިސްކަންދޭކަމެއް
ސިއްޙީ ދިރާސާކުރުމުގެ ގާބިލުކަމާއި ހުނަރު ލިބިފައިވާ ފަރާތްތައް ދިވެހި ރާއްޖޭގައި އެބަތިބި

އަމާޒަކީ ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް ޞިއްޙީ ދިރާސާ ކުރުމަށް މަގުފަހިވާ ވެއްޓެއް ދިވެހި ރާއްޖޭގައި ގާއިމުކުރެއްވުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކޮމްޕެންޑިއަމް އޮފް ހެލްތު ރިސާރޗް އިން މޯލްޑިވްސް 2018-2021" ޢާންމުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާ ކުރުމަކީ، މިދާއިރާ އިތުރަށް ހަރުދަނާކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. މިފަދަ ދިރާސާތަކުގެ ހޯދުންތަކުގެ އަލީގައި، ބަލިމަޑުކަމުން ރައްކާތެރިވުމަށާއި ބަލިތަކުން ފަރުވާ ހޯދޭނެ ގޮތްތައް ދެނެގަނެވި، ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް ދިރިއުޅުން ބައްޓަންކުރަންޖެހޭ ގޮތްތައް އެނގިގެންދޭ ކަމަށެވެ. މީގެ އިތުރުން، ސިއްޙީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތައް ހޯދި، ސިއްޙީ ދާއިރާއަށް ބޭނުންތެރި ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ކަނޑައެޅުމަށް މަގުފަހިވެގެންދާ ކަމަށެވެ.

ފާއިތުވި 2 އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް، ސިއްޙީ ދިރާސާގެ މުހިންމުކަން ފާހަގަވެގެންދިޔަ ކަމަށާއި، ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރެވި، މި ބަލިން ރައްކާތެރިވުމަށް ވެކްސިން އީޖާދުކުރެވުނީ ކުރެވުނު ދިރާސާތަކުގެ އަލީގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖޭގައި ސިއްޙީ ދިރާސާ ކުރިއެރުވުމަކީ މިނިސްޓްރީ އޮފް ހެލްތުން އަބަދުވެސް އިސްކަންދޭކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިގޮތުން، ރިސާރޗް ބުލެޓިންއެއް ކޮންމެ އަހަރަކު މިނިސްޓްރީ އޮފް ހެލްތުން ނެރޭ ކަމަށާއި، ސިއްޙީ ދިރާސާކުރުމުގައި އެންމެ އިސްކަންދެވޭ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތް ކޮންމެ 3 އަހަރަކުން ކުރެވޭ ކަމަށެވެ. އެގޮތުން، 2022 އިން 2025 ވަނަ އަހަރަށް ސިއްޙީ ދިރާސާކުރުމުގައި އެންމެ އިސްކަންދެވޭ ދާއިރާތައްވަނީ މިއަހަރުގެ ކުރީކޮޅު އިއުލާންކުރެވިފައިވާ ކަމަށާއި، އަމާޒަކީ ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް، ޞިއްޙީ ދިރާސާ ކުރުމަށް މަގުފަހިވާ ވެއްޓެއް ދިވެހި ރާއްޖޭގައި ގާއިމު ކުރެއްވުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހޯމަ ދުވަހު ނެރުނު "ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާރޗް އިން މޯލްޑިވްސް 2018-2021" އަކީ މިއަމާޒަށް ވާސިލްވުމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ މިހާ ގިނަ ސިއްޙީ ދިރާސާތަކެއް އެއްކުރެވިގެން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މިފަދަ ފޮތެއް ނެރޭ ފުރަތަމަ ފަހަރު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސިއްޙީ ދިރާސާކުރުމުގެ ގާބިލުކަމާއި ހުނަރު ލިބިފައިވާ ފަރާތްތައް ދިވެހި ރާއްޖޭގައި ތިބިކަމަށެވެ. ނަމަވެސް، ދިވެހި ރާއްޖޭގައި ސިއްހީ ދިރާސާކުރުން އިތުރަށް ހަރުދަނާކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، މިގޮތުން، ސިއްޙީ ދިރާސާކުރާނެ އިތުރު ފުރުސަތުތައް ހޯދައިދިނުމާއި ފަހިކޮށްދިނުމާއި، ދިރާސާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ފަންޑިން ފަސޭހަކަމާއެކު ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ، ހެލްތު މިނިސްޓްރީގެ ޒިންމާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެހެން ޤައުމުތަކެކޭ އެއްފަދައިން މި ދާއިރާ ކުރިއެރުވުމަށް، ހެލްތު މިނިސްޓްރީއާއެކު ދިވެހިރާއްޖޭގެ ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި ޕްރައިވެޓް ސެކްޓަރުން އަދާ ކުރަންޖެހޭ ދައުރު ވަރަށް މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އުއްމީދަކީ ރާއްޖޭގައި ސިއްޙީ ދިރާސާކުރުން އިތުރަށް ފުޅާވެ، ސިއްޙީ ދިރާސާތަކުގެ ޕަބްލިކޭޝަންތައް އިތުރުވެގެންދިއުން ކަމަށެވެ. އަދި މިދިރާސާތަކުގެ ހޯދުންތަކުގެ އަލީގައި ރާއްޖޭގެ ސިއްޙީ ދާއިރާއަށް ކުރިއެރުންތައް ލިބިގެންދިއުން ކަމަށެވެ.

- ކޮމެންޓް