ކ. މާލެ
|
9 އޮކްޓޯބަރ 2022 | އާދީއްތަ 10:02
ޚަލީފާ ބުނާ ގޮތުގައި އޭނާގެ ގާތުން ޚިދުމަތް ހޯދާ ކްލަޔަންޓުންގެ ޢަދަދު 50 އަށް އަރާ
ކިލާފަނި ބޭނުންކޮށްގެން ގަސްކާނާ އުފެއްދުން
ސޫރިޔާގެ ދަނޑުބިންތަކުގެ ނަފާ ދެގުނަ ކުރުމުގެ އަޑީގައި ކިލާފަނި!
މި ގަސްކާނާގެ މުޅި ޓޭންކަށް އަރަނީ 22 އަކަށް ޑޮލަރު، 2.47 އޭކަރު ހާ ސަރަޙައްދަކަށް ބޭނުން ކުރެވޭ
މި ގަސްކާނާ ބޭނުން ކުރުމުން ދަނޑަށް ފެންދޭން ޖެހޭ ނިސްބަތް 30 ޕަސެންޓާއި 40 ޕަސެންޓަށް މަދު ކުރެވޭ
އޯގޭނިކް ގަސްކާނާ އުފެއްދުމަށް އޭނާ ހިންގާ މަޝްރޫއަކީ ސޫރިޔާގައި ހިންގަން ފެށި އެފަދަ ފުރަތަމަ މަޝްރޫއު

ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ އެއް ހަނގުރާމަ ކުރިއަށް ދިޔަ މަންޒިލު ކަމުގައި ސޫރިޔާގެ ވެރިރަށް ދިމިޝްކުގެ ރަށްފުށުގެ ސަރަހައްދެއްގައި ދިރިއުޅެމުންދާ ދަނޑުވެރިޔާ، ޙަސަން ޚަލީފާގެ ކޮންމެ ދުވަހެއްގެ ވެސް މަސައްކަތަކީ އެތައް މިލިއަން ކިލާ ފަންޏެއް ބެލެހެއްޓުމެވެ. އެ ކިލާ ފަނިތަކަކީ ދިރިއުޅުމަށް ޚަލީފާ ކުރަމުން އަންނަ ހާއްސަ ގަސްކާނާ އުފެއްދުމުގެ މައި މުލެވެ. ޚަލީފާ ބުނާ ގޮތުގައި ހަށިގަނޑަށް ގެއްލުން ދެނިވި ކެމިކަލްގެ މާއްދާތަކުން ސަލާމަތްވެފައިވާ އޯގޭނިކް ގަސްކާނާ އުފެއްދުމަށް އޭނާ ހިންގާ މަޝްރޫއަކީ ސޫރިޔާގައި ހިންގަން ފެށި އެފަދަ ފުރަތަމަ މަޝްރޫއެވެ.

އޭނާގެ މަސައްކަތާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރަމުން ޚަލީފާ ބުނީ، އެ ޚިޔާލު އައީ މީގެ 10 ވަރަކަށް އަހަރު ކުރިން، އޭނާ ބަލަމުން ދިޔަ ޓީވީ ޝޯއެއްގެ ޒަރިއްޔާއިން ކަމަށެވެ. އެ ޝޯއަކީ ވެސް ކިލާފަނި ބޭނުންކޮށްގެން މަތީ ފެންވަރުގެ ގަސްކާނާ އުފެއްދުމަށް ޖަރުމަނުވިލާތުގައި ކުރަމުން ދިޔަ މަސައްކަތްތައް ދައްކުވާދިން ޝޯއެއް ކަމަށް ވެއެވެ.

މީ އޯގޭނިކް ގަސްކާނާ. މި ގަސްކާނާ ބޭނުން ކުރީމަ، ދަނޑަށް ފެންދޭން ޖެހޭ ނިސްބަތް، 30 ޕަސެންޓާއި 40 ޕަސެންޓަށް މަދު ކުރެވޭނެ. މީ ދަނޑަށް ފެންދޭން ކުރަން ޖެހޭ ހޭދައަށް ބަލާއިރު، އިޤްތިޞާދީ ފައިދާ ބޮޑު ގޮތެއް. ފެން ދިނުމުގެ މަސައްކަތުން 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދު މިންވަރެއް ސަލާމަތް ކުރެވުނީމަ، ޑީސަލާއި އެނޫން ވެސް ހަކަތައަށް ކުރަން ޖެހޭ ހޭދަ ކުޑަވާނެ. އަނެއްކޮޅުން ބަލާއިރު، ބާކީވާ ކާބޯތަކެތި ވެސް މި އަލުން ބޭނުން ކުރެވެނީ.
ޙަސަން ޚަލީފާ؛ ސޫރިޔާގެ ދަނޑުވެރިއެއް

އުފެދުނު ޝައުގެއްގެ ބޮޑުކަމުން، ޚަލީފާ ވެސް އޭނާގެ މަސައްކަތް ފެށިއެވެ. ގަސްކާނާގެ ސަބަބުން ތަރުކާރީއާއި އިންސާނުންގެ ސިއްޙަތަށް ކުރާ ފައިދާތައް ދަސްކުރަން ފެށިއެވެ. އަދި އޭނާގެ އަމިއްލަ، ދަނޑުވެރި މަޝްރޫއު ފެށިއެވެ. މަސައްކަތަށް ބޭނުންވާ ތަފާތު އެކި ބާވަތް ބާވަތުގެ ކިލާފަނިތައް އެއްކުރަން ފެށިއެވެ. ލުބްނާން މަގުން، ވިލާތުންވެސް ބައެއް ބާވަތްތައް ގެންދިޔައެވެ.

ސޫރިޔާގެ ދީރާއަށް ނިސްބަތްވާ ޚަލީފާ، އެންމެ ފުރަތަމަ އެ މަސައްކަތް ފެށީވެސް އޭނާގެ އަމިއްލަ ވަޒަނުގައެވެ. އެންމެ 10 ކިލާފަންޏާ އެކުގައެވެ. ހަނގުރާމަ ގަދަވުމުގެ ސަބަބުން، ދިމިޝްކުގެ ރަށްފުށުގައި އޮންނަ ސަޤްބާއަށް ދިރިއުޅުން ބަދަލު ކުރަން ޖެހުނީއެވެ.

އުމުރުން 67 އަހަރުގެ ޚަލީފާ، މަސައްކަތް ފަށައިގަނެގެން އައި ދުވަސްވަރު، ކިލާފަނިތައް ގެންގުޅެމުން ދިޔައީ ފޮށިގަނޑުތަކެއްގައެވެ. އަމިއްލަ ގޭގައެވެ. ނަމަވެސް ފަހުން ބިމެއް ކުއްޔަށް ހިފާ، އޭނާގެ އަމިއްލަ، ކިލާފަނި ދަނޑެއް ތައްޔާރު ކުރިއެވެ. އޭނާ އުފައްދާ އޯގޭނިކް ގަސްކާނާއިން، އަވަށްޓެރި ދަނޑުވެރިންގެ ދަނޑުބިންތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މީ ކެމިކަލް ގަސްކާނާއަށްވުރެ ޖީބަށްވެސް ލުއި ބާވަތެއް. މީ އޭގެ ޒާތުގަ، އަހަރުތައް ފާއިތުވާ ވަރަކަށް ބިންގަނޑުގެ ކޮލިޓީ ރަނގަޅުކޮށްދޭ ބާވަތެއް. އެއާ ޚިލާފަށް، ކެމިކަލް ގަސްކާނާ ބޭނުން ކުރާ އިރު މި ވާ ގޮތަކީ، ކޮންމެ 4، 5 އަހަރަކުން އެބަ ޖެހޭ ގަސްކާނާ ބޭނުން ކުރާ މިންވަރު އިތުރު ކުރަން، ބިންގަނޑުގައި ލޮނު ގިނަ ވެގެންނާއި އެނޫންވެސް މައްސަލަތަކާ ހެދި. މި ގަސްކާނާއަކުން އެކަހަލަ މައްސަލަތަކެއް ކުރިމައްޗެއް ނުވާނެ. މީ އެއާ ދިމާކޮޅު އެއްޗެއް. އެއީ ތަފާތަކީ.
ޙަސަން ޚަލީފާ؛ ސޫރިޔާގެ ދަނޑުވެރިއެއް

މި ކިލާފަނިތައް ކައި އުޅެނީ އުކާލާ ކާބޯތަކެތީގެ ބާވަތްތަކެވެ. ކިލާފަނީގެ ހަށިގަނޑުތެރެއިން އެތަކެތި ދަތުރުކޮށް ނިމޭއިރު ހުންނަނީ ގަސްކާނާ ހެދިފައެވެ. އެއީ ގަސް ހެއްދުމަށް ބޭނުންވާ ބިންގަނޑަށް މުހިންމު މާއްދާއެކެވެ.

ގަސްތަކަށް މި ސްޕްރޭކޮށްލީމަ، ރަނގަޅު ބެކްޓީރިއާތަކުގެ އެހީގައި އެ ދިރުމަށް އިތުރު ރޫޙެއް ގެނެސްދޭ. މީ އެއްވެސް ގެއްލުމެއް އެކުލެވިގެން ނުވާ، 100 ޕަސެންޓް އޯގޭނިކް އެއްޗެއް. މާ ގިނައިން ސްޕްރޭ ކުރިއަށް މައްސަލައެއް ނުޖެހޭނެ. މި ގަސްކާނާގެ ސަބަބުން ލިބޭނީ އެދެވޭ ނަތީޖާ. އަދި ގަސްތަކުގެ ދިފާޢީ ބާރުވެސް ގަދަކޮށްދޭނެ.
ޙަސަން ޚަލީފާ؛ ސޫރިޔާގެ ދަނޑުވެރިއެއް

ޚަލީފާގެ ކަސްޓަމަރުން ވެސް މިއަދު ތިބީ އޭނާގެ އުފެއްދުންތަކާ މެދު ހިތްހަމަޖެހިފައެވެ.

މީގެ ކުރިން އަހަރަމެން ދިޔައީ ކޮންމެ ދެތިން ދުވަހަކުން ދަނޑުތަކަށް ފެން ޖަހަމުން. އެކަމަކު މިހާރު އެކަން ކުރަނީ ކޮންމެ 4 ދުވަހަކުން. މި ގަސްކާނާ ބޭނުން ކުރަން ފެށީމަ، ގަސްތަކުން ލިބޭ ނަފާވެސް 2 ގުނަ އިތުރުވެއްޖެ. ގަސްތައް ހެދޭ ގޮތްވެސް މާ ވަރުގަދަ. ކުރިން، ކެމިކަލް ބޭނުން ކުރި އިރު، ކޮންމެ 3 ދުވަހަކުން ފެންދީ ހައްދަން ޖެހޭ. ގަސްކާނާވެސް ބޭނުން ކުރެވެނީ ވަކި މިންވަރަކަށް. ގަހުގަ އެއްޗެއް އަޅާނީވެސް އެއް ފަހަރު. އެކަމަކު، މިހާރު އުފެއްދުންތެރިކަން ވަރަށް ރަނގަޅު.
އަޙްމަދު އައްލާފު؛ ސޫރިޔާގެ ދަނޑުވެރިއެއް

ދަނޑުވެރިންގެ އަތުން، ދަނޑުބިންތަކަށް ކުރަން ޖެހޭ ހޭދަވެސް އެތައް ގުނައެއް ކުޑަވެއްޖެއެވެ.

އަހަރެން އާންމުކޮށް ގަނެ އުޅުނީ އުރުދުންގެ ގަސްކާނާ. ގާތްގަނޑަކަށް 35 ޑޮލަރު ވަރު ޚަރަދު ވާނެ ކޮންމެ 10 ކިލޯއަކަށް. އެއިން ފުދޭނީ ގާތްގަނޑަށް ބައި އޭކަރުގެ ސަރަޙައްދަކަށް. މި ގަސްކާނާގެ މުޅި ޓޭންކަށް މި އަރަނީ 22 އަކަށް ޑޮލަރު. 2.47 އޭކަރު ހާ ސަރަޙައްދަކަށް ބޭނުން ކުރެވޭ.
ބައްސާމް ޢަބްދުލް ޖަވާދު؛ ސޫރިޔާގެ ދަނޑުވެރިއެއް

ޚަލީފާ ބުނާ ގޮތުގައި އޭނާގެ ގާތުން ޚިދުމަތް ހޯދާ ކްލަޔަންޓުންގެ ޢަދަދު 50 އަށް އަރައެވެ. ދަނޑު ހެއްދުމަށް ކުރަން ޖެހޭ އަމަލީ މަސައްކަތުގެ ބުރަ ކުޑަކޮށް، ފެނަށް ހިނގާ ޚަރަދު ކުޑަކޮށް ފައިސާ ސަލާމަތް ކުރުމަށް އަދިވެސް އިތުރު ބަޔަކު އޭނާގެ އުފެއްދުން ބޭނުން ކުރަން ފަށާނެ ކަމަށް ޚަލީފާ ބުނެއެވެ.

- ކޮމެންޓް