ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްވަރާތަކުގައި މަދަނީ ޖަމްއިއްޔާތަކަށް ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ މި ފުރުސަތު 11 އޮކްޓޯބަރާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކުން ގޫގްލް ފޯމެއް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ވެސް ވަނީ ހުޅުވާލާފައެވެެ.
ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖައާކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޓަރނީ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
އެ އޮފީހުން ބުނީ، ގާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ގާނޫނުއަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ބިލު އެކުލަވާލުމުގެ މަސައްކަތަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދަށު ކޯޓުތަކާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް މިހާރު ވަނީ ފަށާފައެވެ.
އެގޮތުން މިހާތަނަށް ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން އަންގާރަ ދުވަހު ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންނާއި ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނާ އެޓާނީ ޖެނެރަލްގެ އޮފީހުން ބައްދަލުކޮށްފައިވާއިރު މީގެކުރިން ވަނީ ޖޭއެސްސީ އާއި ސުޕްރީމް ކޯޓާ ވެސް ބައްދަލުކޮށްފައެވެ. މީގެއިތުރުން ހައިކޯޓާއެކު ވެސް ވަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ.
ޖޭއެސްސީ މިހާރު އެކުލެވިގެންވާގޮތް
- ރައްޔިތުންގެ މަޖިލީހުގެ ރައީސް
- ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް
- ރައީސުލްޖުމްހޫރިއްޔާގެ މެންބަރު
- ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
- ހައިކޯޓުގެ ފަނޑިޔާރެއް
- ދަށު ކޯޓެއްގެ ފަނޑިޔާރެއް
- އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު
- ސިވިލްސަރވިސް ކޮމިޝަންގެ ރައީސް
- އެޓަރނީ ޖެނެރަލް
- ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެއް
ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާގޮތް މުރާޖައާކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވައުދެވެ.