ކ. މާލެ
|
6 އޮކްޓޯބަރ 2022 | ބުރާސްފަތި 22:41
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
ރާއްޖެއެމްވީ
ރާއްޖޭގެ އިގުތިސާދު
މާލީ ނާޒުކު ހާލަތުގެ ތެރެއިން ރާއްޖޭގެ އިގުތިސާދު އިއާދަވަމުންދޭ - ވޯރލްޑް ބޭންކް
2022 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނެކަމަށް ލަފާކުރެވެނީ 12.4 އިންސައްތާގައި
ޖީޑީޕީ ކުރިއަރާ މިންވަރު 2023-24ގެ މުއްދަތުގައި އެވްރެޖްކޮށް 8.1 އިންސައްތާގައި ހުންނާނެކަމަށް ލަފާކޮށްފައިވަނީ، ޓޫރިޒަމުން އިގުތިސާދީ ހަރަކާތްތަކަށް އެހީތެރިވެދޭނެކަމަށް ބެލެވޭތީ
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަނާއި ސަރުކާރުގެ މާލީ ހާލަތާއި ބެލެންސް އޮފް ޕޭމަންޓްސްއަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފައި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބާރަށް އިއާދަވަމުން އައުމާގުޅިގެން, އިގުތިސާދު ރަނގަޅުވަމުން އަންނައިރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަން މައްޗަށް ގޮސް، ދައުލަތުގެ މާލީ ހާލަތަށާއި ގާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށް، ވޯރލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓުގައި ބުނެފިއެވެ.

ބުރާސްފަތި ދުވަހު ނެރުނު އެންމެ ފަހުގެ "ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް، ކޯޕިންގ ވިތު ޝޮކްސް: މައިގްރޭޝަން އެންޑް ދަ ރޯޑް ޓު ރެޒިލިއަންސް"ގައި ވާގޮތުން، މި އަހަރުގެ ތެރޭގައި ސަރަހައްދީ ކުރިއެރުން އެވްރެޖްކޮށް 5.8 ޕަސެންޓަށް އަރާނެކަމަށް ލަފާކުރެވޭއިރު، މިއީ ޖޫން މަހު ލަފާކުރި މިންވަރަށްވުރެ 1 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ 2021 ވަނަ އަހަރު، ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވި ހީނަރުކަމުން އަރައިގަތުމުގެ މަގުމަތީގައި ގައުމުތައް އޮތްއިރު، ސަރަހައްދީ އިގުތިސާދީ ކުރިއެރުން ހުރީ 7.8 އިންސައްތައިގައެވެ.

މި ސަރަހައްދީ ރިޕޯޓާއެކު ނެރުނު އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ)އިން ދެއްކިގޮތުގައި، 2022 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނެކަމަށް ލަފާކުރެވެނީ 12.4 އިންސައްތާގައެވެ. މިއީ މި އަހަރުގެ ކުރީކޮޅު އަންދާޒާކުރި މިންވަރަށްވުރެ 4.8 އިންސައްތަ އިތުރު އަދަދެކެވެ. އޭގެ ސަބަބަކީ ހީކުރިވަރަށްވުރެ ބާރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިއާދަވަމުން އައުމެވެ. ޖީޑީޕީ ކުރިއަރާ މިންވަރު 2023-24ގެ މުއްދަތުގައި އެވްރެޖްކޮށް 8.1 އިންސައްތައިގައި ހުންނާނެކަމަށް ލަފާކޮށްފައިވަނީ ޓޫރިޒަމުން އިގުތިސާދީ ހަރަކާތްތަކަށް އެހީތެރިވެދޭނެކަމަށް ބެލެވޭތީއެވެ.

ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަނާއި ސަރުކާރުގެ މާލީ ހާލަތާއި ބެލެންސް އޮފް ޕޭމަންޓްސްއަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފައެވެ. ކާޑުގެ ބާވަތްތަކާއި ތެލަށް އެއްވެސް އިސްތިސްނާއެއް ނެތި އާންމުކޮށް ދެމުންދާ ސަބްސިޑީ ޕްރޮގްރާމެއްގެ ސަބަބުން، ރިކަރަންޓް ޚަރަދުތައް ހުންނާނީ މަތީ މިންވަރެއްގައިކަމަށް ބެލެވެއެވެ. ނަތީޖާއެއްގެ ގޮތުން، ޖުމްލަ ގޮތެއްގައި މާލީ ބުރަ ކުޑަކުރުމަށް، މިހާރަށްވުރެ ރަނގަޅު، ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ލަފާ ދީފައިވެއެވެ. ޚަރަދުތައް ކުޑަކުރުމަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން، ޚަރަދު ބޮޑުވާ މިންވަރު ކޮންމެވެސް ވަރަކަށް ކުޑަކުރެވުނުނަމަވެސް، ކުރިއަށް އޮތް އިންތިޚާބާ ގުޅުންހުރި ޚަރަދުތަކުގެ ސަބަބުން، އެއާ އިދިކޮޅު ނަތީޖާއެއް ނުކުމެދާނެކަމަށް ބެލެވެއެވެ. ދައުލަތުގެ ޚަރަދުތަކުގެ (ޚާއްސަކޮށް އިޖްތިމާއީ ބޯހިޔާވަހިކަން ފަދަ، ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ކުރަމުންދާ ޚަރަދުތަކުގެ) ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވާނެކަމަށް ބެލެވެއެވެ. މިއީ، ރާއްޖޭގެ އިގުތިސާދު، އެތެރެއާއި ބޭރުގެ ލޮޅުންތަކަށް ހުށަހެޅިގެންދާނެ ސަބަބެކެވެ.

އިގުތިސާދާ މާލީ ހާލަތު ރަނގަޅުވަމުން އައިނަމަވެސް، ދަރަނި މެނޭޖްކުރުމަކީ ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަންތައް. އާންމު ޖީއެސްޓީ އަދި ޓޫރިޒަމް ޖީއެސްޓީ ރޭޓް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަކީ މާލީ ހާލަތު ރަނގަޅުކުރުމަށް އެޅޭ މާނަވީ ފިޔަވަޅެއް ކަމަށް ވިޔަސް، ދައުލަތުގެ ޚަރަދުތައް (ޚާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ބުރަ ކުޑަކުރުމާއި މުދަލާއި ޚިދުމަތްތަކަކަށް ސަބްސިޑީ ދޭ އިންތިޒާމުތައް) މިހާރަށްވުރެ ރަނގަޅަށް ބެލެހެއްޓުމަކީ އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް.
ވޯރލްޑް ބޭންކުން ދިވެހިރާއްޖެއާއި ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު - ޒާވޮސް

އެމްޑީޔޫގެ ޚާއްސަ ސެކްޝަން "ޓުވާޑްސް ރެޒިލިއަންޓް އެންޑް އެފޯޑަބަލް ހައުސިން"ގައި، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތާއި ޕްރޮގްރާމްތަކުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ނިޒާމީ ގޮންޖެހުންތަކުގެ ސަބަބުން، ބޯހިޔާވަހިކަން ފޯރުކޮށްދެވޭ މިންވަރާއި ބޭނުންވާ މިންވަރާ ދެމެދު ވަރަށް ބޮޑު ފަރަގެއް އެބައޮތެވެ. ސަރުކާރުން ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މި ދާއިރާއަށް ކުރާ ޚަރަދު އިތުރުކޮށްފައިވާއިރު، ބޭރުގެ ލޯނުތަކާއި، ގެރެންޓީތައް ހިމެނޭހެން، 1 ބިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާކުރެވެއެވެ. ނަމަވެސް، މި ދާއިރާގައި ހުރި ގޮންޖެހުންތައް އަދިވެސް އެބަހުއްޓެވެ. ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގޭބިސީތަކުގެ ގިންތިތަކަށް އަމާޒުކޮށްގެން އެ ނިޒާމު މުރާޖައާކުރުމަކީ ސަރުކާރުން ސަބްސިޑީ ދިނުމުގައި އިސްކަންދޭ ގޮތް ބަދަލުކުރުމަށް އެހީވެދޭނެ ކަމެކެވެ. ކުލި ދައްކައިގެން ގެދޮރު އަމިއްލަކުރެވޭ ޕްރޮގްރާމްތައް އަލުން ފަރުމާކުރުމަކީ، ގޭބިސީތަކުގެ އާމްދަނީގެ ތަފާތު ގިންތިތަކަށް ބަލައިގެން، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތައް، އަދި ކުލި ދެއްކުމުގެ ޝަރުތުތަކާއި ދެވޭ އިނާޔަތްތައް އެއްގޮތްކުރެވިދާނެ ކަމެކެވެ.

މީގެ އިތުރުން، ދުނިޔޭގެ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް އުފުލުމުގެ އިތުރަށް، ވިޔަފާރީގެ ދަތިތަކާއި، ސަރަހައްދުގައި ކާނާގެ ޔަގީންކަން ނެތުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދުގެ އިންފްލޭޝަން ދަށަށް ދިއުމުގެ ކުރިން 9.2 އިންސައްތައަށް އަރާނެކަމަށް ލަފާކުރެވެއެވެ. އޭގެ ސަބަބުން އަސްލު އާމްދަނީއަށް އަންނަ ލޮޅުންތައް ވަރަށް ބޮޑެވެ.


Advertisement
- ކޮމެންޓް