އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން މަރުހަލާ ފަށައިފިއެވެ.
އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާއެކު، ޕެސެންޖަރ ޓަރމިނަލް ތަރައްގީކުރަން ވަނީ ނިންމާފައެވެ.
ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަނެއްވެސް ގާއިމުކުރެވިގެންދާނެއެވެ. އަދި އެއަރޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާރގޯ ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން، އެއަރޕޯޓުގެ މަގުތައް ތަރައްގީކުރެވި ޕާރކިންގ ސަރަހައްދެއްވެސް ތަރައްގީކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުންވެސް އެއަރޕޯޓް ތަރައްގީކުރުމާގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް މި މަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ނިންމާފައެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައި ވީހިނދު، އެ އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކެޕޭސިޓީ އިތުރުކޮށް، އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ދެކުނުގެ ތަރައްގީއަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އަދި އެ ސަރަހައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް، ދެކުނުގައި އިގުތިސާދީ ހަބެއް ގާއިމުކުރުމަށް ރައީސް ޞާލިޙް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި، ގަން އެއަރޕޯޓުގެ މަޝްރޫއަކީ މުހިއްމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.