ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗު އެއްވަރުވުމުން ތާވަލުގެ އެއްވަނައަށް އެރުމަށް ރެއާލް މެޑްރިޑް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗަށް ނުކުތް އިރު ރެއާލް އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަޤާމުގައެވެ. 19 ޕޮއިންޓާއެކު އެއްވަނާގައި އޮތީ ވާދަވެރި ބާސެލޯނާއެވެ. އެހެންކަމުން އޮސަސޫނާ ބަލިކޮށްގެން ތާވަލުގެ އެއްވަނަ މަޤާމަށް އަލުން އެރުމުގެ ފުރުސަތު ރެއާލްއަށް އޮތެވެ. ސީޒަން ފެށިގެން މިހާތަނަށް ރެއާލް ވަނީ ތާވަލުގެ އެއްވަނާގައި ދެމިއޮވެފައެވެ. ނަމަވެސް މެޗުން އެއްވަރުވެ, އެއް ޕޮއިންޓު ލިބުމުން ބާސެލޯނާއާއި ރެއާލް ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. ބާސެލޯނާ އެއްވަނާގައޮ އޮތީ ފައިދާ ގޯލުންނެވެ.
ރެއާލްގެ ދަނޑުގައި އޮސަސޫނާ އާއި ބައްދަލުކުރި މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއް ޖަހާ 1-1ން އެއްވަރުވެގެންނެވެ. ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ރެއާލްއިންނެވެ. މެޗުގެ 42 ވަނަ މިނެޓުގައި ޑޭވިޑް އަލަބާގެ އެހީތެރިކަމާއެކު ރެއާލްއަށް ލީޑު ނަގައިދިނީ ޒުވާން ފޯވާޑް ވިނީޝިއޫސް ޖޫނިއާއެވެ. ފުރަތަމަ ހާފު ނިމުނީ ރެއާލް ކުރީގައި އޮވެގެންނެވެ.
ނަމަވެސް އޮސަސޫނާއިން ވަނީ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކީކޭ ގާސިއާއެވެ.
މެޗުގެ 78 ވަނަ މިނެޓުގައި އޮސަސޫނާގެ ޑޭވިޑް ގާސިއާއަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީ ބައި އެޓީމުން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. ލީގުގައި މިހާތަނަށް ހަތް މެޗު ކުޅުނުއިރު, 13 ޕޮއިންޓާއެކު އޮސަސޫނާ އޮތީ ތާވަލުގެ ހަވަނާގައެވެ.