ކ. މާލެ
|
2 އޮކްޓޯބަރ 2022 | އާދީއްތަ 22:41
ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ހަފްލާފައި ރައީސް ވާހަކަފުޅުދައްކަވަނީ
ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ހަފްލާފައި ރައީސް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ފަތުރުވެރިކަމުގެ ދުވަސް
ސަރުކާރުގެ ސިޔާސަތަކީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު، ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް މިސިނާއަތް ސިންދަފާތުކުރުން - ރައީސް
ހަނިމާދޫ އެއާޕޯޓަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެނައުމާއެކު، އައްޑޫ ގަން އެއާޕޯޓްގެ ފެންވަރު އަންނަނީ މަތިކުރަމުން
ވައިގެ ބަނދަރުތައް ތަރައްގީވެ، ސީޕްލޭންގެ ވިއުގަ ފުޅާވެ، އާރްޓީއެލް ފެރީތަކުން މި ޖަޒީރާތަކުގެ ސިލްސިލާ ގެތިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށް ވުރެ މާ ފަހި ފުރުސަތުތަކެއް އޮންނާނީ ހުޅުވިފައި
ރާއްޖޭގައި އަލަށް 33 ރިސޯޓާއި 471 ގެސްޓް ހައުސް ހުޅުވާފައިވާއިރު، އެއީ 8385 ކޮޓަރި ނުވަތަ 16783 އެނދު

ސަރުކާރުގެ ސިޔާސަތަކީ ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް، މިސިނާއަތު ސިންދަފާތުކުރުން ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ރާއްޖެއަކީ ކަނޑު ބޮޑު، ބިން ކުޑަ ގައުމެއް ކަމަށެވެ. ނަމަވެސް ދިވެހި ފަތުރުވެރިކަން، ދުނިޔޭގެ ދެ މުރިނގަށް ފެތުރި ހަމައިސްކޮޅަށް ދެމިލައިފިކަމަށާއި، ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހޮޓެލް ޗެއިންތަކުގެ ރިސޯޓްތައް މިހާރު ރާއްޖޭގައި އެބަހުރި ކަމަށެވެ. އެންމެ އަގުބޮޑެތި ކޮޓަރިތައް އެބަހުރި ކަމަށާއި، އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް އެބަ ދެވޭ ކަމަށެވެ. އަދި ބައިނަލްއަގުވާމީ އެވޯޑަކަށް ފަހު އެވޯޑެއް ދިވެހި ރިސޯޓްތަކުން އެބަ ހޯދާކަމަށެވެ.

ރާއްޖެއަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ބާޒާރަށް އަބަދުވެސް ހުޅުވިފައި އޮތް މަންޒިލެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފަތުރުވެރިކަން ފުޅާކުރުމުގެ ފުރުސަތުތައް ރާއްޖޭގައި ކިތަންމެހާވެސް ގިނަކަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ މީހުން އަދިވެސް އެބަތިބި ކަމަށާއި، ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވާ ފަތުރުވެރިންވެސް އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް، މިސިނާއަތު ސިންދަފާތުކުރުން. މި ހުސްވި ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިސޯޓާ، 3 ޔޮޓް މެރީނާއާ، 13 ޓޫރިސްޓު ހޮޓަލާ، 721 ގެސްޓް ހައުސް ހިންގަމުންދިޔަ. އޭގެ އިތުރުން ހޯމް ސްޓޭ 4 ގެސްޓްހައުސްއާ، 147 ޓޫރިސްޓް އުޅަނދާ، 7 ބެއަރ ބޯޓް ރަޖިސްޓްރީކޮށް ހިންގަމުން ގެންދިޔަ. އެނދުގެ އަދަދަށް ބަލާއިރު؛ އެއީ 57436 އެނދު. މިހާރުވެސް ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި ގެސްޓްހައުސްތައް އެބަ ހިންގާ. އިތުރު ރަށްރަށުގަވެސް އިތުރު ގެސްޓްހައުސްތައް ހުޅުވުމަށް އެ އަންނަނީ ތައްޔާރުވަމުން. އެހެންނަމަވެސް އެވަރަކުން އަދި ނުފުދޭ. ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރާލުމަކީ އަޅުގަނޑުމެންގެ އެއް އަމާޒު. އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އެ ދަނީ ކުރިއަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ މީގެތެރެއިންވެސް އެންމެ މުހިންމީ ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއްކަމަށެވެ. މީގެ 12 ވަރަކަށް އަހަރު ކުރިން މަސައްކަތް ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީ މިހާރު އެ އަންނަނީ ލޯމައްޗަށް ފާޅުވަމުން ކަމަށެވެ. މީގެ އިތުރުން، ހަނިމާދޫ އެއާޕޯޓަށް މުހިންމު ބޮޑެތި ބަދަލުތަކެއް އެބަ ގެނެވޭކަމަށާއި، އައްޑޫ ގަން އެއާޕޯޓްގެ ފެންވަރު އަންނަނީ މަތިކުރަމުން ކަމަށެވެ. އަދި ހުވަދުއަތޮޅަށް ވެސް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ކުރައްވާކަމަށެވެ. ރައީސް ވިދާޅުވީ، އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން، 20 ނުވަތަ 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުންކަމަށެވެ.

ވައިގެ ބަނދަރުތައް ތަރައްގީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރްޓީއެލް ފެރީތަކުން މި ޖަޒީރާތަކުގެ ސިލްސިލާ ގެތިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށް ވުރެ މާ ފަހި ފުރުސަތުތަކެއް އޮންނާނީ ހުޅުވިފަ. އެހާރުން، ތުރާކުނު އިރުމަތީ ވަތްހޭލާފަށުން އައްޑޫ ގަމުގެ ދެކުނު ފުއްޓަރާ ހަމައަށް، ފަތުރުވެރިކަމުގެ މަންފާ ނުކުރާ އެންމެ ރަށެއްވެސް ނޯންނާނެ. ފަތުރުވެރިކަމުގެ ކާމީޔާބީގެ ވާހަކަ ދައްކާއިރު، މި ސިނާއަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމާ ގެއްލުމުގެ ވާހަކަވެސް އަޅުގަނޑުމެން ހަނދާނުގަ އެބަހުރި. މިދިޔަ ދެ އަހަރެއްހާ ދުވަހު، ކޯވިޑް-19ގެ އާލަމީ ވަބާ ރާއްޖެއާ މުޅި ދުނިޔޭގަ ފެތުރި، އެކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތައް ކުރިމަތިވި. ތަރައްގީއަށްޓަކާ ކުރަން ރާވާފައި ހުރި އެތައް ކަމެއް މަޑުޖައްސާލަން ޖެހުނު. ކޯވިޑްގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނީ ރާއްޖޭގެ ރިސޯޓްތައް. ގިނަ ގައުމުތަކެއްގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން، އެތައް މަހަކަށް ރާއްޖޭގެ ބޯޑަރުތަކާ ރިސޯޓްތައްވެސް ބަންދުކުރަން ޖެހުނު.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ، ކޮވިޑުން އަރައިނުގަނެވިގެން އުޅެނިކޮށް މިއަހަރު ކުރީކޮޅު ފެށީ ޔޫކްރޭން ހަނގުރާމަ ކަމަށެވެ. އެ ހަނގުރާމައަށް 7 މަސް ވެގެން ދިޔައިރު، މުޅި ދުނިޔޭގެ އިގުތިސާދަށް ލޮޅުން އަރުވައިފި ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އެ ހަނގުރާމައިގެ ނުސީދާ ގެއްލުންތައް ދަނީ ލިބެމުން ކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި އިގުތިސާދުތަކަށް ވެސް ހީނަރުކަން ވެރިވެއްޖެކަމަށެވެ.

އަދި އެ ހުރިހާ ގޮންޖެހުންތަކެއް ގިރާކުރުމަށް، ރިސޯޓްތަކުންނާއި އިންވެސްޓަރުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރައްވާ ކަމަށެވެ. އަދި ގޮންޖެހުންތައް ގިނަނަމަވެސް، މި ސިނާއަތުގެ ކުރިއެރުމަށްޓަކައި މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ ހަތަރު އަހަރުގެ ތެރޭގަ (މިދަންނަވަނީ 17 ނޮވެމްބަރު 2018ން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް) ރާއްޖޭގައި އަލަށް 33 ރިސޯޓާ 471 ގެސްޓް ހައުސް ހުޅުވައިފި. އެއީ، 8385 ކޮޓަރި ނުވަތަ 16783 އެނދު. ސީދާ އެ ތަންތަނުންވެސް އެތައް ހާސް ވަޒީފާއެއް އުފެދިއްޖެ. އަދި އެ ތަންތަން ހުޅުވުމާއެކު، ފަތުރުވެރިކަމާ ގުޅުންހުރި އެހެން ދާއިރާތަކުންވެސް، އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިފަ ވާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމުގައި އިތުރު ގޮންޖެހުންތަކެއްވެސް އެބަހުރިކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކީ، ފަތުރުވެރިކަމަށް ދޫކޮށްފައިހުރި ބައެއް ތަންތަން، އަހަރުތަކެއް ވެގެން ދިޔައިރުވެސް ތަރައްގީނުކުރެވި އޮތުން ކަމަށެވެ. އެއީ، ދުރު ރާސްތާގެ ރޭވުމެއް ނެތި ދޫކޮށްލާފައި ހުރި ތަންތަންކަމަށާއި، ޚާއްސަކޮށް އެމްއެމްޕީއާރްސީ މެދުވެރިކޮށް މީގެ ހައެއްކަ އަހަރު ކުރިން ދޫކޮށްފައި ހުރި ބައެއް ރަށްތަކާއި ފަޅުތައްކަމަށެވެ.

އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް، ބަޔަކަށް ވިއްކާލިއިރު، އެ ތަންތަނުގެ އަގުވެސް ދައުލަތަކަށް ނުލިބޭކަމަށް ރައީސް ވިދާޅުވިއެވެ. އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުއީ ކޯޓުތައް މެދުވެރިކޮށް ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް އޭސީސީން ތަހުގީގުކުރަމުން އަންނަކަމަށެވެ. އަދި އަލަށް ހަދާ ރިސޯޓްތައް ތަރައްގީކުރުމަށް ބޭނުންވާނެ ފައިސާ ހޯދައިދިނުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް