ގެވެށި އަނިޔާ ކުރާ މީހުންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމް އަންނަ އަހަރު ފެށޭނެ ކަމަށް ބެލެވޭ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ވާހަކަދައްކަވަމުން އެފްޕީއޭގެ އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ތޮއްޔިބް ވިދާޅުވީ ގެވެށި އަނިޔާ ކުރާ މީހުންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމް އެކުލަވާލުމަށް މި ދެ އަހަރު ކުރި މަސައްކަތްތަކާއި އެކު ފަރުމާކޮށްފައިވާ ރިހެބިލިޓޭޝަން ޕްރޮގްރާމް މިހާރު އޮތް ގޮތުން އެއީ ދިގު މުއްދަތުން ނޫނީ ތަންފީޒު ކުރެވޭނެ ޕްރޮގްރާމެއް ކަަމަށާއި އެ ޕްރޮގްރާމްގައި އުނި ބައެއް ކަންކަން އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމް ތަންފީޒުކުރަން ގޮންޖެހުންތަކެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ޕްރޮގްރާމް ތަންފީޒްކުރާނެ އުސޫލުތައް އެކުލަވާލަން ޔޫއެންޑީޕީ އާއި އެކު މަސައްކަތް ކުރާ ކަމަށާއި އެފަދަ މައްސަލަތަކުގައި ޖަލަށް ލާފައި ތިބި ގައިދީންނަށް ރީހެބިލިޓޭޝަންްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.